މެންބަރު ކޮޅު ބަދަލު ކުރުމަކީ ޕާޓީއަށާއި ހޮވި ރައްޔިތުންނަށް ވެސް ދެވުނު ދެރައެއްކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މިއަދު ބުނެފިއެވެ.
އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕްގެ ފަރާތުން މިއަދު މެންދުރުފަހު މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހުޅުމާލޭ ދާއިރާގެ މެންބަރު ޢަލީ ނިޔާޒު (ނިޔާ) ވިދާޅުވީ، އެއްވެސް މެންބަރެއް ޕާޓީން ވަކިވުމަކީ ލިބޭ ވަރަށް ބޮޑު ދެރައެއް ކަމަށެވެ.
ކޮންމެ މެންބަރަކީ ވެސް ޕާޓީއަށް މުހިންމު މެންބަރެއް ކަމަށް ވެސް ނިޔާ ވިދާޅުވިއެވެ.
ޕާޓީގެ ޕާލަމެންޓް މެންބަރުން ޚާއްޞަގޮތެއްގައި ޕާޓީގެ ޓިކެޓްގައި އިންތިޚާބު ކާމިޔާބު ކުރައްވައިގެން ހުންނެވި މެންބަރަކު ޕާޓީދޫކޮށް ދިޔުމަކީ ޕާޓީ އަށާއި، އެ މެންބަރުން އިންތިޚާބު ކުރަން ވޯޓު ދިން މެންބަރުންނަށް ވެސް ދެވޭ ދެރައެއް ކަމަށް ނިޔާ ވިދާޅުވިއެވެ.
ނިޔާވީ ވިދާޅުވީ، އެމްޑީޕީގެ 13 މެންބަރަކު ޕާޓީން ވަކިވިޔަސް އަދިވެސް އެމްޑީޕީގެ 43 މެންބަރުންނާއެކު މަޖިލީހުގެ މެޖޯރިޓީ އެ ޕާޓީއަށް އެބަ އޮތެވެ.
ބާކީ ތިއްބެވި މެންބަރުން ދައުރު ނިމެންދެން އެ ގޮތުގައި ތިއްބަވާނެކަމުގެ ޔަޤީންކަން އޮތް ކަމަށް ވެސް ނިޔާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!