ކުރީގެ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ހިންގެވި ބިން ހިއްކުމުގެ މަޝްރޫޢުތަކާއި، މިހާރު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފައްޓަވާފައިވާ ބިންހިއްކުމުގެ މަޝްރޫޢުގެ ކަންކަން އަޅައިކިޔައިލީމައި ފައިދާ ބޮޑު ގޮތަށް އެކަން ކުރަނީ ކޮން ރައީސެއްކަން އެނގިގެންދާނެކަމަށް ރައީސްގެ ޚާއްޞަ މުޝީރު، އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ހިންގާ ބިންހިއްކުމާއި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ''ރަސްމާލެ'' ހިއްކުމުގެ މަޝްރޫޢު 18 ޑިސެމްބަރު 2023 ގައި ރައީސް ޑރ. މުޢިއްޒު ވަނީ އިފްތިތާހްކޮށްދެއްވާފައެވެ.
ސަރުކާރުގެ ކުންފުނި އާބަންކޯއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވަނީ އެ މަޝްރޫޢު ހިންގަން ސަރުކާރުންނާއި، އާބަންކޯ އިން ވެސް އެއްވެސް ހަރަދެއް ނުކުރާނެ ކަމަށް ވިދާޅުވެފައެވެ. އަދި ''ރަސްމާލެ'' ބިން ހިއްކުމުގެ ހުރިހާ ހަރަދެއް ކުރާނީ، މަސައްކަތް ހަވާލުކޮށްފައިވާ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އިން ކަމަށް ވަނީ ބުނަފައެވެ. މި މަޝްރޫޢު ހިންގާ ސީއެމްސީސީ އަށް ފުށިދިއްގަރުފަޅު ހިއްކާބައިން 60 ހެކްޓަރު އަދި ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން އެއްވެސް އަގަކާ ނުލައި 10 ހެކްޓަރުގެ ބިން ވަނީ ދީފައިކަމަށް ވެސް ފަޒުލް އިއްޔެ ވަނީ ވިދާޅުވެފައެވެ.
ސީއެމްސީސީއަށް 70 ހެކްޓަރުގެ ބިން އަގަކާނުލައި ދޭތީ އިދިކޮޅުން އަންނަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އެކަމުގެ ބަހުސް މީސްމީޑިއާގައި ގަދަވެފައި ވަނިކޮށް ރައީސްގެ މުޝީރު އެކްސްގައި ވަނީ ދެ ސަރުކާރުގެ ބިން ހިއްކުމާގުޅޭ މައުލޫމާތުތަކެއް ހިއްސާ ކުރައްވާފައެވެ. އަދި ފައިދާބޮޑުގޮތް ދެނެގަންނަން އެދިވަޑައިގަތެވެ.
ރައީސް ސޯލިހުގެ ސަރުކާރުން ހިންގި ބިންހިއްކުމުގެ މަޝްރޫޢާ ރައީސް ޑރ.މުޢިއްޒުގެ ސަރުކާރުން ހިންގާ “ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫޢުގެ ތަފާތު އަޅާ ކިޔާލީމަ ރައްޔިތުންނަށް ފައިދާހުރީ ކޮން މަޝްރޫޢަކުން ކަން ވަރަށް ރަނގަޅަށް އެނގި ވަޑައި ގަންނަވާނެ.ޝުކުރިއްޔާ ރައީސް ޑރ.މުޢިއްޒު… pic.twitter.com/WCc0sjSMBi
— Abdul Raheem Abdulla (@Banafsaa) December 22, 2023
މިގޮތުން އަދުރޭ ހިއްސާކުރައްވާފައިވާ މަޢުލޫމާތަށް ބަލާއިރު، ކުރީގެ ރައީސް ޞާލިޙްގެ ސަރުކާރުން ހިއްކާ ބިމުގެ ބޮޑު މިނަކީ ޖުމްލަ 95.6 ހެކްޓަރެވެ. އެއީ ހުޅުމާލެއިން ހިއްކާ 66 ހެކްޓަރާއި، ތިލަފުށިން ހިއްކާ 9.6 ހެކްޓަރު އަދި ދިޔަނެރުފަޅުން ހިއްކާ 20 ހެކްޓަރެވެ.
ރައީސް މުޢިއްޒުގެ ސަރުކާރުން ފުށިދިއްގަރުފަޅުގައި ހިއްކާ ބިމުގެ ބޮޑު މިނަކީ 1153 ހެކްޓަރެވެ. އެހެންކަމުން އެއީ ކުރީގެ ރައީސް ޞާލިޙްގެ ސަރުކާރުން ހިއްކާ ތިން ތަނަށްވުރެ 1057.4 ހެކްޓަރު ބޮޑު ވުމެކެވެ.
މިތަންތަން ހިއްކާއިރު ކުރީގެ ރައީސް ޞާލިޙްގެ ސަރުކާރުން ހުޅުމާލެއިން 10 ހެކްޓަރު، ތިލަފުށިން 9.6 ހެކްޓަރާއެކު ޖުމްލަ 19.6 ހެކްޓަރު އަގަކާއިނުލައި ކޮންޓެކްޓަރަށް ދެއެވެ. ރައީސް މުޢިއްޒުގެ ސަރުކާރުން ފުށިދިއްގަރުފަޅުން 60 ހެކްޓަރު އަދި ހުޅުމާލެއިން 10 ހެކްޓަރު ކޮންޓެކްޓަރަށް ދެއެވެ.
ދެ ރައީސުންގެ ވެރިކަމުގައި ދީފައިވާ ބިން އަނބުރާ ސަރުކާރަށް ނެގުމަށް އެއްބަސްވެފައިވާ ގޮތައް ބަލާއިރު، ކޮންޓެކްޓަރަށް ދިން ބިން އަނބުރާ ސަރުކާރަށް ނެގޭނެ ގޮތެއް ކުރީގެ ރައީސް ޞާލިޙްގެ ސަރުކާރުގައިވި އެއްބަސްވުމުގައި ނެތެވެ. ނަމަވެސް ރައީސް މުޢިއްޒުގެ ސަރުކާރުން ކޮންޓެކްޓަރަށް ދިން ބިން އަނބުރާ ނެގޭނެގޮތް އެއްބަސްވުމުގައި ވަނީ ހިމަނާފައެވެ.
ކޮންޓެކްޓަރަށް ބިން ދޫކުރާ ހެކްޓަރަކަށް ބިން ލިބިދޭ ވަރަށް ބަލާއިރު ކުރީގެ ރައީސް ޞާލިޙްގެ ސަރުކާރުގައި އެއީ 4.94 ހެކްޓަރެވެ. ރައީސް މުޢިއްޒުގެ ސަރުކާރުގައި އެއީ 14.43 ހެކްޓަރެވެ. އެހެންކަމުން ހިއްކާ ބިމުން ނިސްބަތުން ރައީސް ޞާލިޙްގެ ސަރުކާރުގައި 20 އިންސައްތަ ބިން ކޮންޓެކްޓަރަށް ދެވޭކަމަށް، އަދި ރައީސް މުޢިއްޒުގެ ސަރުކާރު ދެވޭ ނިސްބަތަކީ 6.07 އިންސައްތަކަމަށް އަދުރޭ އާންމުކުރެއްވި މައުލޫމާތުން އެނގެއެވެ.
''ރައީސް ސޯލިހުގެ ސަރުކާރުން ހިންގި ބިންހިއްކުމުގެ މަޝްރޫޢާ ރައީސް ޑރ.މުޢިއްޒުގެ ސަރުކާރުން ހިންގާ ''ރަސްމާލެ'' ބިން ހިއްކުމުގެ މަޝްރޫޢުގެ ތަފާތު އަޅާ ކިޔާލީމަ ރައްޔިތުންނަށް ފައިދާހުރީ ކޮން މަޝްރޫޢަކުން ކަން ވަރަށް ރަނގަޅަށް އެނގި ވަޑައި ގަންނަވާނެ. ޝުކުރިއްޔާ ރައީސް ޑރ.މުޢިއްޒު'' އެ މައުލޫމާތާއި ހަވާލާދެއްވައި އަދުރޭ ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!