ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މްޑްރިޑާއި ޑިޕޯޓިވޯ އަލަވޭސް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ރެއާލް މެޑްރިޑް ޖެހިލައިފިއެވެ. ރޭ އަލަވޭސްގެ ދަނޑުގައި ކުޅުނު މެޗު ރެއާލުން ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއިންނެވެ.

ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ޖިރޯނާއާއި ރެއާލް ބެޓިސް ރޭ ބައްދަލުކުރި މެޗު އެއްވަރުވުމުން، އަލަވޭސް ބަލިކޮށްގެން އެއްވަނައަށް ޖެހިލުމުގެ ފުރުޞަތު ރެއާލަށް އޮތީ ތަނަވަސް ވެފައެވެ. ނަމަވެސް ރޭ މެޗުގައި އެ ޓީމަށް މައްސަލަތަކާއި ކުރިމަތިވީ ދެވަނަ ހާފުގެ ކުރީކޮޅު ޑިފެންޑަރ ނަޗޯއަށް ރަތްކާޑު ދެއްކުމާއި ގުޅިގެންނެވެ. އޭނާއަށް ރަތް ކާޑު ދައްކާފައި ވަނީ އަލަވޭސްގެ ފޯވާޑް ސަމޫއަށް ކުރި ފައުލަކާއި ގުޅިގެންނެވެ. ރެފްރީ ފުރަތަމަ އޭނާއަށް ދެއްކީ ރީނދޫ ކާޑެކެވެ. ވީއޭއާރުން އިތުރަށް ބެލުމަށްފަހު ރީނދޫ ކާޑު ކެންސަލްކޮށް ވަނީ ރަތްކާޑަކަށް ބަދަލުކޮށްފައެވެ.

Ad
rt

މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި ރެއާލް އޮތީ ކުޅުނު 18 މެޗުން ލިބުނު 45 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި އޮތް ޖިރޯނާއަށް ވެސް މި އަދަދަށް ވަނީ ޕޮއިންޓް ލިބިފައެވެ. ރެއާލަށް އެއްވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ.

ރޭ މެޗުގައި ރެއާލުން ޖެހި ހަމައެކަނި ލަނޑި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭ ޓޯނީ ކްރޫން ނަގައިދިން ކޯނަރެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދިނީ ލޫކަސް ވަޒްކުއޭޒްއެވެ.