ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ "30 ޗެމްޕިއަންޝިޕް 2023" ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި އިއްޔެ ކުޅުނު މެޗު ފަސޭހަކަމާއިއެކު ޝީލްޑުން ކާމިޔާބުކޮށްފިއެވެ.

މި މެޗުގައި ޝީލްޑުން ފަލްކަންގެ މައްޗަށް ކުރި ހޯދީ 7-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. މުޅި މެޗުގައި ވެސް ޝީލްޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުއިރު ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ތިން ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު 29 ވަނަ މިނެޓުގައި ހުޒާމް އަބްދުލް ރަހީމް ޖަހައިދިންއިރު ދެވަނަ ލަނޑު 35 ވަނަ މިނެޓުގައި ޖަހައިދިނީ ނައުފަލް އަބްދުލް ރައޫފެވެ. އޭގެ ދެ މިނެޓް ފަހުން މުހައްމަދު ހުޝާމް ވަނީ ލަނޑުޖަހައި ލީޑު ފުޅާކޮށްފައެވެ.

Ad
rt

މެޗުގެ ހަތަރުވަނަ ލަނޑު 52 ވަނަ މިނެޓުގައި އަބްދުﷲ އިޚްވާން ކާމިޔާބު ކޮށްދިންއިރު، މެޗުގެ ފަސްވަނަ ލަނޑު ޖެހީ ނައުފަލްއެވެ. މެޗުގައި މޮޅު ކުޅުންތެރިޔާއަށް ވެސް ހޮވުނީ އޭނާއެވެ. ހަވަނަ ލަނޑު ހުޝާމް ޖަހައިދިންއިރު ހަތްވަނަ ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މުޖުތަބާއެވެ.

މުބާރާތުގައި މިއަދު ކުޅޭ މެޗުގައި ބައްދަލުކުރާނީ ރިއަލް ސްޓާސްއާއި ޔުނީފޯމެވެ. މި ދެ ޓީމުން ވެސް ވަނީ މުބާރާތުގައި ފުރަތަމަ ކުޅުން މެޗުން މޮޅުވެފައެވެ. މިއީ ގްރޫޕް އޭގެ މެޗެކެވެ.

މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ހަނިމާދޫގެ ޒުވާނުންގެ މެދުގައި ފުޓްބޯޅައަށް އޮންނަ ލޯބި އިތުރު ކުރުމާއި ވާދަވެރި މާހައުލެއްގައި ފުޓްބޯޅަ ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ އިތުރުން ހަނިމާދޫގައި ފުޓްބޯޅަ ކުރިއެރުވުމެވެ.

ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއިން އިންތިޒާމް ކޮށްގެން ފުރަތަމަ ރަށު ފެންވަރުގައި ފުޓްބޯޅަ މުބާރާތެއް ބާއްވާފައި ވަނީ 1999 ވަނަ އަހަރުގެ ޑިސެމްބަރ މަހުއެވެ. އެ އަހަރު އެ މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ސާސްކަފް ކަޕްގެ ނަމުގައެވެ. އެއަށްފަހު މި މުބާރާތް 2002 ވަނަ އަހަރު ބާއްވާފައި ވަނީ އާދަމް ސަލީމް ކަޕްގެ ނަމުގައެވެ. އެ އަހަރަށް ފަހު (2003، 2004، 2005، 2006، 2007، 2010، 2012، 2014، 2019، 2021) ފާއިތުވި ދިހަ މުބާރާތް ވެސް ކުރިއަށް ގެންގޮސްފައި ވަނީ އާދަމް ސަލީމް ކަޕްގެ ނަމުގައެވެ. ނަމަވެސް މި އަހަރަކީ ޖަމިއްޔާއަށް 30 އަހަރު ފުރޭ އަހަރަށް ވުމުން މުބާރާތް އެކަމަށް ހާއްސަ ކުރުމުގެ ގޮތުން މުބާރާތުގެ ނަމަށް ވަނީ ބަދަލު ގެނެސްފައެވެ.

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަކީ 1993 ވަނަ އަހަރު ރަޖިސްޓަރީ ކުރެވި ފާއިތުވި 30 އަހަރު ހުއްޓުމެއްނެތި ރަށުގެ ކުރިއެރުމަށް މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާއެކެވެ. ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ވަނީ 2015 ވަނަ އަހަރު ހދ.އަތޮޅު ކައުންސިލުން، އަތޮޅަށް ފާހަގަ ކޮށްލެވޭ ފަދަ ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދީފައިވާ ތިލަދެކުނު ޝަރަފްވެރިކަމުގެ އިނާމް ދެ ދާއިރާއަކުން ހާސިލް ކޮށްފައެވެ. އެއީ އިޖްތިމާޢީ ދާއިރާއާއި ތަޢުލީމީ ދާއިރާއެވެ. މީގެއިތުރުން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ވަނީ 2016 ވަނަ އަހަރު ޤައުމީ އިނާމް ވެސް ހާޞިލް ކޮށްފައެވެ.