ކުޅުދުއްފުށީ ސިޓީގައި އުޅޭ ބިދޭންތަކެއް ފައިލޭރިއާ އަށް ޕޮޒިޓިވްވެފައިވާއިރު، އެކަމާއިގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ހާއްސަ ޓާސްކް ފޯހެއް އެކުލަވައިލައިފިއެވެ.

ކުޅުދުއްފުށިން ފުރަތަމަ ފައިލޭރިއާ ކޭސްތަކެއް ފެނުނީ ދުނިޔޭގެ އޭޑްސް ދުވަހާއި ގުޅުވައިގެން ޑިސެމްބަރު 1 އިން 2 އަށް ކުރިއަށް ގެންދިޔަ ބިދޭސީން ސްކްރީން ޕްރޮގްރާމްގެ ތެރެއިންނެވެ. އެ ޕްރޮގްރާމްގެ ތެެރެއިން 17 ބިދޭސީއަކު ޕޮޒިޓިވްކަން އެނގުނެވެ. އެހެންވެ އިތުރަށް ސްކްރީނިން ފުޅާކޮށް އިއްޔެގެ ނިޔަލަށް 200 އަށްވުރެ ގިނަ ބިދޭސީން ސްކްރީންކޮށް ނަތީޖާއާއި ހަމައަށް ގޮސްފަވެއެވެ. މިގޮތުން އިއްޔެ ވެސް ވަނީ އިތުރު ޕޮޒިޓިވް ދެ ކޭސް ފެނިފައެވެ.

Ad
rt

މި ކޭސްތަކާއިގުޅިގެން ކުރަމުންދާ މަސައްކަތްތަކާއިގުޅޭގޮތުން މައުލޫމާތު ހާމަކުރަމުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، ޕޮޒިޓިވް ބިދޭސީން ރާއްޖެ އައިސްފައި ވަނީ ''އެންޑެމިކް'' ގައުމުތަކުން ކަމަށެވެ. އަދި މިބަލުފެތުރަ ނުދީ ކޮންޓްރޯލް ކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ގެ އެހީތެރިކަމާއެކު މަސައްކަތް ކުރަމުން އަންނަކަމަށް އެ އިދާރާއިން ބުންޏެވެ.

މިގޮތުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު)އާއި، ސިޓީ ކައުންސިލާއި، ކަމާގުޅޭ އެހެން އިދާރާތައް އެކުލެވޭހެން ޓާސްކް ފޯހެއް އެކުލަވާލައި މަސައްކަތް ފަށާފައިވާކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މި މަސައްކަތުގެ ތެރެއިން ކުޅުދުއްފުށީގައި އުޅޭ 295 ބިދޭސީ މަސައްކަތުމީހުން އިއްޔެގެ ނިޔަލަށް ވަނީ ސްކްރީން ކޮށްފައެވެ. އިތުރު ބިދޭސީން ވެސް ސްކްރީން ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، ޕޮޒިޓިވްވެފައިވާ 19 މީހުންނަށް ބޭސް ދިނުމުގެ މަސައްކަތް ވެސް ކުރަމުން އަންނަކަމަށް އެޗްޕީއޭއިން ބުނެއެވެ.

މި ޓާސްކް ފޯހުގެ މަސައްކަތަށް އެހީތެރިވުމަށް އެ ބައްޔަށް ޓެސްޓް ކުރަން ބޭނުންވާ ޓެސްޓް ކިޓު ކުޅުދުއްފުއްޓަށް ފޮނުވާފައިވާއިރު، ޑަބްލިޔުއެޗްއޯ މެދުވެރިކޮށް އިތުރު ކިޓްތައް ހޯދުމުގެ މަސައްކަތް ވެސް އެޗްޕީއޭ އިން އަންނަނީ ކުރަމުންކަމަށް އެތަނުން ބުންޏެވެ.

މި މަސައްކަތްތަކާއެކު ކުޅުދުއްފުށީގައި މަދިރި ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމްތަކާއި، ފައިލޭރިއާ ބައްޔަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދަން ވެސް ވަނީ ރާވާފައެވެ. އޭގެ ބައެއް ޕްރޮގްރާމްތައް މިހާރު ވެސް ކުރިއަށް ގެންގޮސްފައިވާއިރު، ބަލި ފެތުރިފައިވޭތޯ ދެނެގަތުމަށް ކުޅުދުއްފުށިން ހޮވާލެވޭ މީހުންގެ މެދުގައި ރެންޑަމް ސާމްޕަލްތަކެއް ނަގައި ޓެސްޓް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ބިދޭސީންނަށް އެބައެއްގެ ބަހުން މައުލޫމާތު ފޯރުކޮށްދިނުމާއި، ފައިލޭރިއާ ބައްޔާބެހޭ ގައިޑްލައިންތައް އެކުލަވައިލުމާއި، ސާވައިލެންސް އާއި ރިޕޯޓިން އިތުރަށް ވަރުގަދަކުރުމާއި އަދި ރާއްޖޭގެ އެހެން ރަށްތަކުގައި ވެސް ފައިލޭރިއާ ސްކްރީނިން ކުރިއަށް ގެންދިޔުންފަދަ އިތުރު ކަންތައްތައް ކުރުމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.

ފައިލޭރިއާ އަކީ ރާއްޖެއިން އެއްކޮށް ނައްތާލެވިފައިވާކަމަށް ޑަބްލިޔުއެޗްއޯ އިން 2016 ވަނަ އަހަރު ކަނޑައަޅާފައިވާ ބައްޔެކެވެ.