ރާއްޖެއަށް ލިބޭ ހުރިހާ ރަސްމީ ހައްޖު ކޯޓާއެއް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ދިނުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ.

ރައީސްގެ މި ނިންމެވުން ހާމަކުރެއްވީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޝަހީބު އެވެ.

Ad
rt

އިސް ތަރުޖަމާނުގެ މި ނޫސްވެރިންގެ ބައްދަލުވުމަކީ، މިއަދުގެ ވަޒީރުންގެ މަޖިލީހުގައި ނިންމެވި ކަންތައްތަކާއިގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ހިއްސާކުރެއްވުމަށް ބޭއްވެވި ބައްދަލުވުމެކެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ނިންމެވުންތައް ހާމަކުރައްވަމުން ޝަހީބު ވިދާޅުވީ، ހައްޖަށް ދިޔުމަށް އެދި ވަރަށް ގިނަ ބަޔަކު ހައްޖު ކޯޕަރޭޝަންގެ ކިއުގައި އިންތިޒާރުގައި އެބަތިބިކަމަށެވެ. އެހެންވެ، އެކަން ހައްލުކޮށް އެމީހުންނަށް އަވަހަށް ހައްޖަށް ދިޔުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ބޭނުމުގައި ރާއްޖެއަށް ލިބޭ ހުރިހާ ރަސްމީ ހައްޖު ކޯޓާއެއް ހައްޖު ކޯޕަރޭޝަނަށް ދިނުމަށް ވަޒީރުންގެ މަޖިލީހުގެ ލަފަޔަކަށް ރައީސް މިއަދު އެއްސެވިކަމަށް ޝަހީބު ވިދާޅުވިއެވެ.

މިގޮތުން ވަޒީރުންގެ މަޖިލީހުގެ ލަފަޔާއެކު ރައީސް ވަނީ ރާއްޖެއަށް ލިބޭ ހުރިހާ ރަސްމީ ހައްޖު ކޯޓާއެއް ހައްޖު ކޯޕަރޭޝަނަށް ދިނުމަށް ނިންމަވާފައިކަމަށް ޝަހީބު ވަނީ ވިދާޅުވެފައެވެ.

ޝަހީބު ވަނީ ރާއްޖެއަށް ކޮންމެ އަހަރަކު ވެސް ލިބެނީ ހާހެއްހާ ހައްޖު ކޯޓާކަން ވެސް ފާހަގަކުރައްވާފައެވެ.

ރައީސްގެ މި ނިންމެވުމާއި ގުޅިގެން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހަމަޖެހިގެންދާނެއެވެ. އަދި ޙައްޖަށް ދިޔުމަށް މިވަގުތު ޙައްޖު ކޯޕަރޭޝަނުގެ ކިޔުގައި 6000 މީހުން ރަޖިސްޓްރީވެފައި ތިއްބެވެ. މީގެތެރެއިން 4706 މީހުން ވަނީ ޙައްޖަށް ދިއުމަށް ދައްކަން ޖެހޭ ފައިސާ އެއްކޮށް ދައްކާފައެވެ. އެހެންކަމުން އެފަރާތްތަކުގެ އިންތިޒާރު ދިގުލައިގެން ދިޔަ ނުދިނުމަށާއި، ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ޢާންމު ރައްޔިތުންގެ އިތުބާރު ބޮޑުކުރުމަށްޓަކައި، ކޮންމެ އަހަރަކު ރާއްޖެއަށް ލިބޭ ރަސްމީ ޙައްޖު ކޯޓާ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ދިނުމަށް ރައީސް ނިންމެވީއެވެ.

ޙައްޖަށް ގެންގޮސްފައިވާ ގިނަ ކުންފުނިތަކުން ޙައްޖުވެރިންނަށް ދީފައިވާ ޚިދުމަތުގެ ފެންވަރާމެދު ވޭތުވެދިޔަ އަހަރުތަކުގައި ގިނަ ޝަކުވާތަކެއް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ އަށާއި ދިވެހި ޙައްޖު މިޝަނަށް ލިބިފައިވާއިރު، އަމިއްލަ ކުންފުނިތަކަށް ޙައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ ލިބުމަށްފަހު، ވުޒާރާއިން ހުއްދަދީފައި އޮންނަ އަގަށްވުރެ ބޮޑު އަގު ޙައްޖުވެރިންގެ އަތުން ނަގާކަމުގެ ޝަކުވާ އަބަދުވެސް އިވެމުންދެއެވެ. އެހެންކަމުން، ދިވެހިރާއްޖެއަށް ލިބޭ ރަސްމީ ޙައްޖު ކޯޓާއަށް މީހުން ޙައްޖަށް ގެންދިއުން، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ދެއްވާ ގޮތަށް ހަމަޖެއްސެވުމުން މި މައްސަލަތަކަށް ޙައްލު ލިބިގެންދާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މީގެ ކުރިން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ވަނީ ރާއްޖެ އަށް ލިބޭ ހުރިހާ ހައްޖު ކޯޓާއެއް ހައްޖު ކޯޕަރޭޝަނަށް ދިނުމަށް މަޝްވަރާ ހިނގާކަމަށް ވިދާޅުވެފައެވެ. ޝަހީމް ވިދާޅުވެފައިވާ ގޮތުގައި އެކަމުގެ ސަބަބުން އަމިއްލަ ކުންފުނިތަކުން ބޮޑު އަގު ނަގައިގެން މީހުން ހައްޖަށް ގެންދިޔުމަށް ހައްލު ހޯދޭނެއެވެ.