މޯލްޑިވްސް އިމިގްރޭޝަންގެ ރީޖަނަލް އޮފީސްތައް ގާއިމުވެފައިވާ 4 އަތޮޅަކުން ދިވެހި ޕާސްޕޯޓު ދޫކުރުން ދެގުނައަށް އަވަސްކުރުމަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ނިންމަވައިފިއެވެ.
އޭނާ މިގޮތަށް ނިންމެވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް، ސަރުކާރުގެ ޚިދުމަތްތައް ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި ކޮންޓްރޯލާ ޖެނެރަލްގެ މި ނިންމެވުމާއެކު މިއަދުން ފެށިގެން އެއަށް އަމަލު ކުރާނެއެވެ.
އިމިގްރޭޝަންގެ ރީޖަނަލް އޮފީސްތައް ގާއިމުކުރެވިފައިވަނީ އައްޑޫ، ކުޅުދުއްފުށި، ފުވައްމުލައް އަދި ތިނަދޫ ސިޓީގައެވެ. އިމިގްރޭޝަން ރީޖަނަލް އޮފީސްތަކުގެ ތެރެއިން އައްޑޫ ސިޓީ އަށް މީގެކުރިން ޕާސްޕޯޓު ފޮނުވަމުން ދިއައީ ހަފްތާއަކު 2 ދުވަހުއެވެ. ނަމަވެސް، މި ބަދަލާއެކު ދެން ކޮންމެ ހަފްތާއަކު 4 ދުވަހު އެ ސިޓީއަށް ޕާސްޕޯޓު ފޮނުވޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
މީގެއިތުރުން، ކުޅުދުއްފުށި، ފުވައްމުލައް އަދި ތިނަދޫ ސިޓީއަށް މީގެކުރިން ޕާސްޕޯޓުތައް ފޮނުވަމުން ދިއައީ ހަފްތާއަކު 1 ދުވަހު ކަމަށާއި މި ބަދަލާއެކު، މިއިން ކޮންމެ އޮފީހަކަށް ވެސް ހަފްތާއަކު 2 ދުވަހު ޕާސްޕޯޓު ފޮނުވޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ކޮންޓްރޯލާ ޖެނެރަލްގެ މި ނިންމެވުމާއެކު، ރީޖަނަލް އޮފީސްތަކުން ޕާސްޕޯޓު ނެގުމަށް ޚިޔާރުކުރާ ފަރާތްތަކަށް ހަލުއިކަމާއެކު ޕާސްޕޯޓު ލިބޭނެ އިންތިޒާމް ވެސް ހަމަޖެހިގެންދާނެ ކަމަށް ބުންޏެވެ.
ދިވެހި ޕާސްޕޯޓަކީ ރައްޔިތުންނަށް ވީހާވެސް ފަސޭހައިން، ފުޅާދާއިރާއެއްގައި ފޯރުކޮށްދެވެން ޖެހޭ ޚިދުމަތަކަށްވާއިރު، މޯލްޑިވްސް އިމިގްރޭޝަންގެ އަމާޒަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ ފުރުސަތު ތަނަވަސްކޮށްދީ، މި ޚިދުމަތް ކުރިއަށް އޮތްތަނުގައި އިތުރު އަތޮޅުތަކަށް ވެސް ފުޅާކުރުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!