ރައީސް ޑރ. މުޙައްމަދު މުޢިއްޒު، 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޔުނައިޓެޑް ޢެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީއަށް ވަޑައިގެންފިއެވެ.

މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ތަގުރީރުކުރެއްވުމަށް ހަމަޖެހިފައިވާއިރު އެ ތަގުރީރު އޮންނާނީ މާދަމާ (1 ޑިސެމްބަރު 2023) ގައެވެ.

Ad
rt

ކޮޕް28 ބައްދަލުވުމަކީ ޕެރިސް އެއްބަސްވުމާ ގުޅިގެން ދުނިޔެއަށް ލިބިފައިވާ ކުރިއެރުންތައް ދެނެދެގަތުމުގެ ކަންކަން ކުރަމުންދާ މިދަނޑިވަޅުގައި މުހިންމު ދައުރެއް އަދާކުރާނެ ޚާއްޞަ ބައްދަލުވުމެކެވެ.

ދުނިޔޭގައި ނެގޭ ފުރަތަމަ 'ގްލޯބަލް ސްޓޮކްޓޭކް' (ޖީ.އެސް.ޓީ) އިން ޕެރިސް އެއްބަސްވުން ތަސްދީގުކުރި ފަހުން ލިބުނު ކުރިއެރުންތަކުގެ މިންވަރު ވަޒަންކުރެވިގެންދާނެއިރު، މިކަމުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރަމުންދާ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދިޔުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމަށް މަގުފަހިވެގެންދާނެއެވެ.

ކޮޕް28 ބައްދަލުވުން ވެގެންދާނީ، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް ރާވާފައިވާ ކަންކަމާ ގުޅޭ މަޢުލޫމާތު ބައިނަލްއަޤްވާމީ މައިދާނުގައި ހިއްސާކުރުމަށް ލިބޭ އަގުހުރި ފުރުޞަތަކަށް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ކޮޕް28 ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް، ޔުނައިޓެޑް ޢެރެބް އެމިރޭޓްސްއަށް ރައީސް ޑރ. މުޢިއްޒު ރޭ ވަޑައިގަތީ، ތުރުކީ ވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާންގެ ދަޢުވަތަކަށް އެ ޤައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހުއެވެ.