ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިސްރާއީލުން ފަލަސްތީނުގައި ހިންގާ ހަނގުރާމައިގެ ޖަރީމާތައް ތަހުގީގު ކުރުމަށް ރާއްޖޭގެ ނަމުގައި ބައިނަލްއަޤުވާމީ ކްރިމިނަލް ކޯޓަށް ގޮވައިލައްވައިފިއެވެ.
ރާއްޖޭގެ ރައީސް ޑރ. މުޢިއްޒު މިގޮތަށް ގޮވައިލައްވާފައި ވަނީ، މިއަދު ފާހަގަކުރާ، ފަލަސްޠީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބާގައި ފޮނުއްވި މެސެޖުގައެވެ.
މި މެސެޖުގައި ރައީސް ވަނީ، އިސްރާއީލުން ފަލަސްޠީނަށް ގަދަކަމުން ވެރިވެގަނެ، އެ ޤައުމުގައި ކުރަމުން ގެންދާ ހަނގުރާމައާއި، ފަލަސްޠީނުގެ ކުށެއްނެތް ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ އަނިޔާވެރިކަން، ދިވެހިރާއްޖޭގެ ރައްޔިތުންނާއި ދިވެހި ސަރުކާރާއި، އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.
ރައީސްގެ މި މެސެޖުގައި، އިސްރާއީލުގެ ދިފާއީ ބާރުން ފަލަސްޠީނުގައި ގަސްދުގައި ހިންގަމުންދާ އަނިޔާވެރިކަމަކީ އިންސާނީ ޙައްޤުތަކާ ބެހޭ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ހިންގަމުންދާ ހަނގުރާމަވެރި ޖަރީމާތަކެއްކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދި އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ހަނގުރާމައިގެ ޖަރީމާތައް ތަހުގީގު ކުރުމަށް، ދިވެހިރާއްޖޭގެ ނަމުގައި ބައިނަލްއަޤުވާމީ ކްރިމިނަލް ކޯޓަށް އެމަނިކުފާނު ވަނީ ގޮވައިލައްވާފައެވެ.
ފަލަސްތީނުގެ، ޣައްޒާގައި ކުރަމުންދާ ހަނގުރާމަ މިހާރުން މިހާރަށް ހުއްޓާލުމަށާއި، ކާބޯތަކެއްޗާއި ތެލާއި ބޭސްފަދަ ޒަރޫރީ ބާވަތްތައް ފޯރުކޮށްދިނުމަށާއި، ފަލަސްޠީނުގެ ރައްޔިތުން އެހެން ހިސާބުތަކަށް ހިޖުރަކުރުމަށް މަޖުބޫރުކުރުން ހުއްޓާލުމަށް ރާއްޖެއިން ގޮވައިލާ ގޮވައިލުން ރައީސްގެ މި މެސެޖުގައި ތަކުރާރު ކުރައްވާފައިވާއިރު، ފަލަސްޠީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ނިކަމެތި ޙާލަތަކީ މުޅި ދުނިޔޭގެ ސަމާލުކަން ލިބެންޖެހޭ ކަމެއްކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ފަލަސްތީނުގެ ރައްޔިތުންގެ އިންސާނީ ޙައްޤުތަކަށް އިސްރާއީލުން އަރައިގަތުމާއި، ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިކުރުވާފައިވާ އަނިޔާވެރިކަމަށް ނިމުމެއް ގެނައުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ކުރަމުންގެންދާ މަސައްކަތްތައް މިހާރަށްވުރެ ވަރުގަދަކުރުމަށް ވެސް ރައީސްގެ މެސެޖުގައި ވަނީ އިލްތިމާސް ކުރައްވާފައެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި، ފަލަސްޠީނުގެ ސުލްހައަށް ދާއިމީ ހައްލެއް ގެނެވޭނީ، ފަލަސްޠީނުގެ މުސްތަޤިއްލު މިނިވަން ދައުލަތެއް ޤާއިމުކުރެވިގެންކަމަށް ދިވެހިރާއްޖެއިން ގަބޫލުކުރެއެވެ. އެހެންކަމުން އިސްރާއީލުން ފަލަސްޠީނަށް ގަދަކަމުން ވެރިވެގަތުން ނިމުމަކަށް ގެނެސް، ޤާނޫނާ ޚިލާފަށް ހިފާފައިވާ ފަލަސްޠީނުގެ ބިންތައް ވަގުތުން އަނބުރާ ދޭން ޖެހޭ ކަމުގައި ވެސް ރައީސް ވިދާޅުވެފަވެއެވެ.
މީގެ އިތުރުން، 1967 ވަނަ އަހަރުގެ ކުރިން ކަނޑައަޅާފައިވާ އިމުގެ ތެރޭގައި ފަލަސްޠީނުގެ މުސްތަޤިއްލު، މިނިވަން ދައުލަތެއް ޤާއިމުކޮށްފައިވާ ކަމާއި، އިރުމަތީ ޤުދުސް އަކީ ފަލަސްޠީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅާފައިވާކަން އިސްރާއީލުން ގަބޫލުކުރަންޖެހޭ ކަމުގައިވެސް ރައީސްގެ މެސެޖުގައި ވިދާޅުވެފަވެއެވެ.
ރައީސް ޑރ. މުޢިއްޒުގެ މި މެސެޖު ނިންމަވާލައްވަމުން ވެސް، ފަލަސްޠީނުގެ ރައްޔިތުންނަށް ލިބެންޖެހޭ ޙައްޤުތައް ހޯދައިދިނުމުގައި ދިވެހިރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެކަމުގައި ބަޔާންކުރައްވާފައިވެއެވެ.
ފަލަސްތީނުގެ ބިންތަކަށް ގަދަކަމުން ވެރިވެގެންފައިވާ، އިސްރާއީލޭ ކިޔުނު ޖަމާއަތުން ފަލަސްތީނުގެ ކުށެއްނެތް ރައްޔިތުންނަށް އަމާޒުކޮށް 7 އޮކްޓޯބަރު 2023 އިން ފެށިގެން ހިންގަމުންދާ ލާއިންސާނީ އުދުވާނުގައި އިއްޔެގެ ނިޔަލަށް ފަލަސްތީނުގެ 15 ހާހަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، 10 ހާހަށްވުރެ ގިނަ މީހުން ވަނީ ޒަޚަމް ވެފައެވެ. އަދި އެތައް ހާސް ރައްޔިތުންގެ ގެދޮރުގެއްލި، އަސާސީ ޚިދުމަތްތަކުން ވެސް ވަނީ މަޙްރޫމް ކޮށްފައެވެ. އިސްރާއީލުގެ ލާއިންސާނީ ހަމަލާތައް ފަލަސްތީނުގެ އާންމު ގެތަކުގެ އިތުރުން އުސް އިމާރާތްތަކަށާއި، ހޮސްޕިޓަލް، ސްކޫލް ފަދަ ތަންތަނަށް ވެސް ވަނީ އަމާޒުކޮށްފައެވެ.
އިސްރާއީލޭ ކިޔުނު ޖަމާއަތުން ފަލަސްތީނު ބިމަށް ވެރިވެގަތީއްސުރެ ދަނީ ގަތުލުއާންމު ހިންގައި މުސްލިމް ނަސްލު އެ ބިމުން ފޮހެލަން މަސައްކަތް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!