ތިލަމާލެ ބްރިޖްގެ މަސައްކަތްކުރާ އެފްކޮންސް ކުންފުނީގެ މައްޗަށް ކޮށްފައިވާ 69 މިލިއަން ރުފިޔާގެ ޖޫރިމަނާ ފަސްކުރުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން އިއްޔެ ނިންމައިފި އެވެ.
ތިލަމާލެ ބްރިޖް ހެދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެފްކޮންސްގެ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައި، ލިބުނު ގެއްލުންތަކުގެ ސަބަބުން އެ ކުންފުނި 69 މިލިއަން ރުފިޔާއިން ޖޫރިމަނާކުރަން އެންވަޔަރްމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ނިންމި ނިންމުން އެންވަޔަރްމަންޓް މިނިސްޓަރު ވެސް އޮތީ ދަމަހައްޓަވައިފަ އެވެ.
އެ ފައިސާ 15 ދުވަސް ތެރޭގައި ދައުލަތަށް ދައްކަން މިމަހުގެ 15 ވަނަ ދުވަހު ސަރުކާރުން އޮތީ އަންގައިފަ އެވެ. އެ މައްސަލާގައި އެފްކޮންސްގެ ފަރާތުން ސިވިލް ކޯޓުގައި އެދުނީ އެ މައްސަލާގައި އެ ކުންފުނީގެ ފަރާތުން ދައުވާ ކުރެވެންދެން ޖޫރިމަނާ ދެއްކުން ފަސްކުރުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށެވެ.
ނަމަވެސް ސިވިލް ކޯޓުން ނިންމި ނިންމުމުގައިވަނީ އެކަމަކީ ވަގުތުން ފިޔަވަޅު އަޅަންޖެހޭ ފަދަ ކަމެއްކަން ބުނެދެވިފައިނުވާ ކަމަށެވެ. އަދި ޖޫރިމަނާ ނުދެއްކިއްޖެ ނަމަ އެއްބަސްވުން ބާތިލްކޮށް، އެ ކުންފުނީގެ މާލީ ހާލަތަށް އަސަރު ކުރާނެ ކަމަށް ބުންޏަސް އެކަން ދިމާވާނެ ގޮތެއް ބުނެދެވިފައިނުވާ ކަމަށް އެ ނިންމުމުގަިއވެ އެވެ.
އެހެންކަމުން، ޖޫރިމަނާ ފަސްކުރުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ނިންމީ ކަމަށް އެ ނިންމުމުގައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!