ތުރުކީގެ އެހީތެރިކަމާއެކު ދަނޑުވެރިކަމުގެ ދާއިރާއިން ޚާއްސަ ތަމްރީނު ޕްރޮގްރާމްތައް ދިވެހިރާއްޖޭގައި ހިންގަން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާ ކުރިއަށް ގެންދަވާފައި ވަނީ އުރްދުޣާންގެ ދައުވަތަކަށް ރައީސްގެ ދެކަނބަލުން މިހާރު ތުރުކީ ވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތުރުކީވިލާތުގެ މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް ފޮރެސްޓްރީ އިބްރާހީމް ޔުމާކްލީ މިއަދު ރައީސް ޑރ. މުޢިއްޒާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

Ad
rt

އަންކާރާގެ ޕްރެޒިޑެންޝަލް ޕެލަސްގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ދެ ޤައުމަށް މަންފާވާނެ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމުގެ މައްޗަށް މަޝްވަރާ ކުރައްވާފައިވާއިރު، ރައީސް ޑރ. މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ގުޅުން ބަދަހިކުރެވިފައިވާ ދާއިރާތަކުން އިތުރަށް ގުޅުން ވަރުގަދަ ކުރުމާއި، ދޭދޭ އަދި ބައިނަލްއަޤްވާމީ ކަންކަމުގައި އިތުރު ދާއިރާތަކުން އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަ ކުރައްވާފައެވެ.

މި މަޝްވަރާގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި ދަނޑުވެރިކަމާއި މަސްވެރިކަން ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާއިރު، ދަނޑުވެރިކަމުގެ ދާއިރާއިން ދިވެހިރާއްޖެއަށް ޚާއްސަ ތަމްރީނު ޕްރޮގްރާމްތައް އެކުލަވާލައި ހިންގުމާ ބެހޭގޮތުން ވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.

މި އަހަރަކީ ދިވެހިރާއްޖެއާއި ތުރުކީވިލާތުގެ ޚާރިޖީ ގުޅުމަށް 44 އަހަރު ފުރޭ އަހަރެވެ. ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވުނީ މެއި 28، 1979 ވަނަ އަހަރުގައެވެ.

މި ދަތުރުފުޅުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާންގެ އިތުރުން އެ ގައުމުގެ ނައިބު ރައީސް ޝޭވްދޭތު ޔިލްމާޒް އާއި އެ ގައުމުގެ ސަރުކާރުގެ އިސް ގިނަ ބޭފުޅުން ތަކަކާއި ބައްދަލުކުރައްވާފައެވެ.