ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމުގެ ހުއްދައެއް އެދި ހުށަހަޅާފައިވާ ހުށަހެޅުމާމެދު މާދަމާ ގޮތެއް ނިންމާނެ ކަމަށް އީސީން މިއަދު ބުނެފިއެވެ.
ރައީސް ޔާމީން އުފައްދަވަން މަސައްކަތްކުރާ ޕާޓީގެ މުއައްސިސަކީ ދަރިކަލުން ޒެއިން ޢަބްދުﷲ ޔާމީން އެވެ.
އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިރޭ ''އެކްސް''ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޒެއިން ގެ ފަރާތުން ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމާމެދު މާދަމާ ގޮތެއް ނިންމަވާނެ ކަމަށެވެ.
''އަލްފާޟިލް ޒެއިން ޢަބްދުﷲ ޔާމީން ގެ ފަރާތްޕުޅުން، ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ ހުއްދައަށް އެދިވަޑައިގެން، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމާމެދު މާދަމާ 2 ޖަހާއިރު ބާއްވާ ކޮމިޝަންގެ ޖަލްސާގައި ގޮތެެއް ނިންމަވާނެ. އިންޝާ ﷲ'' ހަބީބް ވިދާޅުވެފަ ވެއެވެ.
ޕީއެންއެފް އުފެއްދުމުގެ ހުއްދަ އީސީގައި އެދުނީ 26 ނޮވެމްބަރު 2023 ގައެވެ.
ޔާމީންގެ އާ ޕާޓީ އުފެއްދެވުމުގައި އިސްކޮށް އުޅުއްވަނީ، ކުރީގެ ނައިބު ރައީސް އަދި އެމަނިކުފާނުގެ އެންމެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލާއި ޔާމީންގެ ސަރުކާރުގައި ޗީފް އޮފް ސްޓާފް ކަން ކުރެއްވި އަހުމަދު މުސްތަފާ އާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!