މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހދ.ނެއްލައިދޫގައި ބާއްވާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ދިވެހިރާއްޖޭގައި ރަސްމީކޮށް މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރ މަހުގެ ދިހަވަނަ ދުވަހއެވެ.
މި މަސްރޭހަކީ ނެއްލައިދޫ ކައުންސިލާއި، ހދ. އަތޮޅު ކައުންސިލާއި ނެއްލައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިތުރުން އެ ރަށުގެ ހުރިހާ މުވައްސަސާތަކާއި އަދި ކްލަބް ޖަމިއްޔާތަކާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.
މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަ ޑިސެމްބަރ މަހުގެ ހަތްވަނަ ދުވަހުގެ 13:00 ގެ ކުރިން އެކަމަށް ހާއްސަ ކުރެވިފައިވާ ލިންކް މެދުވެރިކޮށް ނުވަތަ ނެއްލައިދޫ ކައުންސިލަށް ދުރުވެ ނަން ނޯޓް ކުރުމަށް އެ ކައުންސިލުން އެދެއެވެ. ޓީމެއްގައި މަދުވެގެން ހިމެނޭނީ ހަތަރު މެމްބަރުންނެވެ. އަދި ގިނަވެގެން ދިހަ މެމްބަރުންނެވެ.
މި މުބާރާތް ބޭއްވުމަށް ތާވަލު ކޮށްފައި ވަނީ ޑިސެމްބަރ މަހުގެ ދިހަވަނަ ދުވަހުއެވެ. އެ ދުވަހު ޓީމްތައް ފުރުމަށް ހަމަޖެހިފައި ވަނީ 16:00 ގައި ނެއްލައިދޫ ބަނދަރުންނެވެ. އެނބުރި 21:00 އަށް ދޯނިތައް ބަނދަރަށް އަންނަން ޖެހެއެވެ.
މި މުބާރާތުގެ އެއްވަނައަށް 5000 (ފަސްހާސް) ރުފިޔާ، ދެވަނައަށް 2500 (ދެހާސް ފަސްސަތޭކަ) ރުފިޔާ، ތިންވަނައަށް 1000 (އެއްހާސް) ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގެ އެންމެ ބަރުމަސް ބޭނި ޓީމާއި އެންމެ މޮޅު ކެޔޮޅު ވެސް ހޮވަން ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!