ދިވެހިރާއްޖޭގެ އެމްބަސީއެއް ތުރުކީވިލާތުގައި ހުޅުވުމަށްކުރަންޖެހޭ މަސައްކަތްތައްކުރުމަށް މަޝްވަރާކުރައްވާނެކަމަށާއި، ތުރުކީވިލާތުގައި ދިރިއުޅޭ ދިވެހިންނަށް ދެވެން އޮތް ހުރިހާ ލުއި ފަސޭހައެއް ހޯދައިދެއްވަން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ރައީސް މުހައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސް މުޢިއްޒު މި ޔަގީންކަން ދެއްވީ، ރައީސްގެ ދެކަނބަލުން ތުރުކީވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޚާއްޞަ ބައްދަލުކުރެއްވުމުގައެވެ.
ތުރުކީވިލާތުގެ ނޭޝަންސް ލައިބްރަރީ ކުރިއަށްދިޔަ މި ބައްދަލުވުމުގައި ތުރުކީވިލާތުގައި ދިރިއުޅެމުންދާ ދިވެހިން ވަނީ އެފަރާތްތަކަށް ސަރުކާރުގެ އެހީތެރިކަން ބޭނުންވާ ކަންކަމާއި، އެޤައުމުގައި ކުރިމަތިވާ ގޮންޖެހުންތައް ރައީސަށް ދަންނަވާފައެވެ.
އޭގެތެރޭގައި ތުރުކީވިލާތުގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ނެތުމުން ކުރިމަތިވާ ގޮންޖެހުންތައް އެމީހުން ވަނީ ފާހަގަކޮށްފައެވެ. އަދި ރާއްޖެއިން ބޭރުގައި ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓްތަކުން ފައިސާ ނެގޭ އަދަދު މިހާރު ކަނޑައަޅުއްވާފައިވާ މިންގަނޑުގެ ސަބަބުން ދިމާވާ އުނދަގޫތަކަކީ ވެސް އެމީހުންނަށް އޮތް ދައްޗެއްކަން ހިއްސާކުރިއެވެ.
މީގެ އިތުރުންވެސް އެކިއެކި ތަމްރީނުތައް ފުރިހަމަ ކުރުމަށްޓަކައި އެ ޤައުމުގައި ތިބި ފަރާތްތައް، ޗުއްޓީގައި ދިވެހިރާއްޖެއަށް އަނބުރާ ދިއުމަށް ކުރިމަތިވާ ގޮންޖެހުންތަކާއި، ތަމްރީނުގެ ފުރުޞަތުތަކާއި، ސްކޮލާޝިޕް ފުރުޞަތުތައް ދިވެހިންނަށް އިތުރަށް ފަހިކޮށްދެއްވުމަށް ތުރުކީވިލާތުގައި ދިރިއުޅެމުންދާ ދިވެހިން ވަނީ ރައީސްގެ އަރިހުން އެދިފައެވެ.
ދިވެހިންގެ އަޑު އެއްސެވުމަށްފަހު މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ދިވެހިރާއްޖޭގެ އެމްބަސީއެއް ތުރުކީވިލާތުގައި ހުޅުވުމަށްކުރަންޖެހޭ މަސައްކަތްތައްކުރުމަށް މަޝްވަރާކުރައްވާނެކަމަށް ވިދާޅުވެފަ އެވެ. އަދި ބޭންކް އޮފް މޯލްޑިވްސް އިން މިހާރު ކަނޑައަޅުއްވާފައިވާ މިންގަނޑަށް
ޙައްލެއް ހޯދުމަށް މަސައްކަތް ކުރައްވަމުންދާކަމުގައި ވިދާޅުވިއެވެ.
މީގެ އިތުރުން ތުރުކީވިލާތުގެ އިސްބޭފުޅުންނާއެކު އެ ދަތުރުގައި ބޭއްވެވި ބައްދަލުކުރެއްވުމަށްފަހު އެބޭފުޅުން ވަނީ 2024 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖެއަށް ޚާއްޞަކޮށް 30 ސްކޮލާޝިޕް ފުރުޞަތު ދެއްވާނެކަން ޔަޤީންކޮށްދެއްވާފައި ކަމަށް ވެސް ވިދާޅުވެފަ އެވެ.
މިމަހުގެ 26 އިން 29 އަށް ތުރުކީވިލާތަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ރައީސްގެ އަރިހުގައި އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!