ތިލަދުންމަތީ އުތުރުބުރީ އުލިގަމުގެ ބައެއް ހާއްސަ ތަންތަނަށް ކިޔާނެ ނަން ހުށަހެޅުމުގެ ފުރުސަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ.

މިގޮތުން އެ ރަށުގައި އަލަށް ހަދާފައިވާ މަގުތަކާއި، މިހާތަނަށް ރަސްމީކޮށް ނަމެއް ދެވިފައި ނުވާ ބައެއް މަގުތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

Ad
rt

އަލަށް ނަން ކިޔަން ބޭނުންވާ މަގުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ ފެންސް މަގު، ގެސްޓް ހައުސް މަގު، ފުޓްބޯޅަ ދަނޑުގެ އުތުރުން ފެނަކައާއި ދެމެދު އޮންނަ މަގު، ފުޓްބޯޅަ ދަނޑުގެ ދެކުނުން ސްކޫލާއި ދެމެދު އޮންނަ މަގުގެ އިތުރުން ކަސްޓަމްސް އިމާރާތުގެ އިރަށް އޮންނަ މަގެވެ.

މީގެ އިތުރުން އެ ކައުންސިލުން ވަނީ އެ ރަށުގެ ބައެއް އިމާރާތްތަކާއި ތަންތަނަށް ކިޔާނެ ނަން ހުށަހެޅުމުގެ ފުރުޞަތު ވެސް ހުޅުވާލާފައެވެ. މިގޮތުން ނަން ކިޔަން ބޭނުންވާ ތަންތަނުގެ ތެރޭގައި ހިމެނެނީ ކުޑަކުދިންގެ ޕާކް، ކުރީގެ އެމްޓީސީސީ ސައިޓް އޮފީސް، ޕިކްނިކް އޭރިއާ، ރައްޔިތުންގެ ހިޔާ، އިޖުތިމާއީ ހިޔާ ކޮޓަރިތައް ހިމެނޭ ބައިގެ އިތުރުން އެތަނުގެ ހޯލު ހިމެނޭ ބައެވެ.

ނަން ހުށަހެޅުމުގައި އިސްލާމް ދީނާއި، އާންމު އިޖުތިމާއީ މިންގަނޑުތަކާއި، އިސްލާމީ އަހުލާގާއި، ދިވެހިރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި ގަވައިދުތަކަށް ފުށުނާރާ ގޮތަށް ރަށުގެ ތާރީހާއި ސަގާފަތާއި ތަރިކައާއި ގުޅޭގޮތަށް ސާފު ދިވެހިބަހުން ނަން ހުށަހެޅުމަށް ސަމާލުކަން ދިނުމަށް އެ ކައުންސިލުން އެދެއެވެ.

ނަން ހުށަހެޅުމަށް އެކަމަށް ހާއްސަ ކުރެވިފައިވާ އޮންލައިން ފޯމް ފުރިހަމަ ކުރުމަށް ފަހު ސަބްމިޓް ކުރުމަށް އެ ކައުންސިލުން އެދެއެވެ.

ލިންކް: https://forms.office.com/r/XR2V3hfewb