ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދަވާ ޕީޕަލްސް ނެޝަނަލް ޕާޓީ (ޕީއެންއެފް) އަކީ ރާއްޖޭގައި ވެރިކަން ކުރާނެ ޕާޓީ ކަމަށް ކުރީގެ ނައިބު ރައީސް އަދި އެމަނިކުފާނުގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕާއި ޔާމީންއާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުން ޔާމީން ވަނީ ޕީޕީއެމް ދޫކުރައްވައި ޕީއެންއެފްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމަވައި ޕާޓީ އުފެއްދުމުގެ ހުއްދައަކަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގައި އެދިފައެވެ. ޕާޓީގެ މުއައްސިސަކަށް ހަމަޖައްސާފައި ވަނީ ޔާމީންގެ ދޮށީ ދަރިކަލުން ޒޭން އަބްދުﷲ ޔާމީނެވެ. ޔާމީނަށް މުއައްސިސަކަށް ނުވެވުނީ، އެމަނިކުފާނު 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީއެވެ.

Ad
mooomoo 1

އީސީގެ ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި އެންމެ ބޮޑު ގުރުބާނީއެއް ވެވަޑައިގެންނެވީ ރައީސް ޔާމީނާއި އެމަނިކުފާނުގެ އާއިލާ ކަމަށެވެ. އަދި ރިޔާސީ އިންތިހާބަށްޓަކައި ގުރުބާންވެވަޑައިގަތީ ވެސް ޔާމީން ކަމަށް ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ އެ ބޭފުޅުންގެ ސިޔާސީ މުފައްކިރަކީ ރައީސް ޔާމީން ކަމަށާއި އެމަނިކުފާނު ދެއްވި އިރުޝާދަކީ ގައުމުގައި ހުރި މައްސަލަތައް ހައްލުކޮށް، ކުރިއަށް ވަޑައިގަތުމަށް ކަމަށެވެ.

"މި ވެގެންދާނީ ރާއްޖޭގެ ސިޔާސީ މައިދާނުގައި އިރާދަކުރެއްވިއްޔާ އުފެދިގެންދާ އެންމެ ވަރުގަދަ، ބިޔަ ބޮޑު ޕާޓީއަށް މާތް ﷲ ގެ ރަހްމަތާ އެކުގައި. އިންޝާ ﷲ. އަޅުގަނޑުމެން މި ޕާޓީއަކީ އިރާދަކުރެއްވިއްޔާ ދެން ވެރިކަން ކުރާނެ ޕާޓީ،" ޔާމީންގެ ސަރުކާރުގައި ފުރަތަމަ ނައިބު ރައީސްކަން ކުރެއްވި ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވި ގޮތުގައި ރައީސް ޔާމީން ގެއަށް ވަޑައިގަތް ފަހުން، ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގައި ހިމެނިވަޑައިގަންނަވާ އެއްވެސް ބޭފުޅަކު ޔާމީންގެ އަރިހަށް ވަޑައިގެންފައެއް ނުވެ އެވެ. ޔާމީންގެ އަސްލު ހަގީގީ ވަފާތެރިންނާއި އެކުވެރިން އެކީގައި ސިޔާސީ ގޮތުން ފަށާ މި ދަތުރު ވެގެން ދާނީ ރާއްޖެ ބަދަލުކޮށްލާނެ ސިޔާސީ ދަތުރަކަށް ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.

ޔާމީންގެ އާ ޕާޓީ އުފެއްދެވުމުގައި އިސްކޮށް ތިއްބެވީ ޖަމީލްގެ އިތުރުން ޖަމީލަށް ބޮޑުބޭބެ ވިދާޅުވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލާއި ޔާމީންގެ ސަރުކާރުގައި ޗީފް އޮފް ސްޓާފް ކަން ކުރެއްވި އަހުމަދު މުސްތަފާ އާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދެވެ.

Ad
df

އިލެކްޝަންސް ކޮމިޝަންގެ ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މަލީހް ވިދާޅުވީ ރައީސް ޔާމީނަށް ތާއީދު ކުރާ ހުރިހާ އެންމެން ޕީއެންއެފްއާ ގުޅިވަޑައިގަތުމަށް ދައުވަތު ދެއްވާ ކަމަށެވެ. އަދި ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދަ ލިބުމާއެކު، ރާއްޖޭގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ރިކޯޑު މުގުރާލައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.