ސްޕެނިޝް ލަލީގާގައި މިރޭ ބާސެލޯނާއާއި ރަޔޯ ވަޔެކާނޯ ބައްދަލުކުރި މެޗު އެއްވަރުވެ (1-1) ބާސާއަށް މުހިންމު ދެ ޕޮއިންޓް ގެއްލިއްޖެއެވެ.

މިވަގުތު ބާސާ އޮތީ ޕޮއިންޓް ތާވަލުގެ ތިންވަނާގައެވެ. އެ ޓީމަށް 14 މެޗުން 31 ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނާގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ބާސާއަށްވުރެ ދެ މެދު މަދުންކުޅެގެން ވަނީ 28 ޕޮއިންޓް ލިބިފައެވެ. މިރޭ އެތުލެޓިކޯ މެޑްރިޑާއި މަޔޯކާ ބައްދަލުކުރާ މެޗު އެތުލެޓިކޯއިން ކާމިޔާބު ކޮށްފިނަމަ ބާސާއާއި ޕޮއިންޓްގެ ގޮތުން އެއްވަރުވެ ލަނޑުގެ ތަފާތުން އެ ޓީމަށް ތިންވަނަ އަށް ޖެހިލެވޭނެއެވެ.

Ad
rt

ތާވަލުގެ އެއްވަނާގައި އޮތީ ޖިރޯނާއެވެ. އެ ޓީމަށް 13 މެޗުން 34 ޕޮއިންޓް ލިބިފައިވާއިރު، 13 މެޗުން 32 ޕޮއިންޓް ހޯދައިގެން ރެއާލް އޮތީ ދެވަނާގައެވެ. މާދަމާރޭ ރަށުން ބޭރުގައި ރެއާލް ނުކުންނާނީ ކާޑިޒް އާއި ދެކޮޅަށެވެ. އެ މެޗު ކާމިޔާބު ކޮށްގެން ބާސާއާއި އޮތް ފަރަގު ހަތަރު ޕޮއިންޓަށް ބޮޑު ކުރުމުގެ ފުރުޞަތު ރެއާލަށް ވަނީ ތަނަވަސް ވެފައެވެ.

ފުރަތަމަ ހާފުގައި ރަޔޯގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނުއިރު އެ ޓީމުން ވަނީ ހާފް ނިމުމުގެ ކުރިން ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބު ކޮށްދިނީ ލޮޕޭޒްއެވެ. ބާސާގެ އަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވުނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނެޓަށް ވެފައި ވަނިކޮށެވެ. މި ލަނޑަކީ ބާސާގެ ޑިފެންޑަރ ބަލްޑޭ ރަޔޯގެ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ ސަލާމަތް ކުރަން މަސައްކަތް ކުރުމުގެ ތެރޭ ރަޔޯގެ ފްލޯރިއަން ލެޔޫން އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.