ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވަގުތީ ރައީސްގެ ގޮތުގައި ކުރީގެ ރައީސް، އިބްރާޙީމް މުޙައްމަދު ޞާލިޙް މިރޭ ފާސްކޮށްފިއެވެ.

މިގޮތައް ފާސްކޮށްފައި ވަނީ އއ. އުކުޅަހުގައި މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 9 ވަނަ ޖަލްސާ ގައެވެ.

Ad
rt

މި ޖަލްސާގައި ފާސްކުރީ އެ ރައީސްގެ މަގާމަށް މީހަކު އިންތިހާބު ކުރެވެގެން ދެން، ވަގުތީ ރައީސްގެ ގޮތުގައި އެ މަގާމުގެ ޒިންމާތައް ކުރީގެ ރައީސް ޞާލިޙާއި ހަވާލު ކުރުމަށެވެ. އެގޮތައް ފާސްވީ 47 މެންބަރުންގެ ވޯޓުންނެވެ.

އެމްޑީޕީގެ ރައީސްގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ދަ ޑިމޮކްރެޓްސް އާއި ގުޅިވަޑައިގަތުމުންނެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މިރޭގެ ޖަލްސާގައި އެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މެންބަރުންނާއި، ކުރީގެ ވަޒީރުންނާއި، ދާއިރާ ރައީސުންކުރެ ގިނަ މެންބަރުންތަކެއް ވަނީ ބައިވެރިވެފައެވެ.

މިރޭގެ ގައުމީ މަޖިލިސް ޖަލްސާގައި އިތުރު ބައެއް ކަންކަން ވެސް ފާސްކޮށްފައިވާއިރު، އޭގެ ތެރޭގައި ސަރުކާރު ޒިންމާދާރު ކުރުވުމަށް ކޮމެޓީއެއް އެކުލަވާލުމާއި އަދި މަޖިލީހުގެ އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް ފަސް މެމްބަރުންގެ ކޮމެޓީއެއް އެކުލަވާލުން ހިމެނެއެވެ.