ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ދެ މެންބަރަކު މިއަދު ޢައްޔަނު ކުރައްވައިފިއެވެ.
ރައީސް، ޖޭއެސްސީ އަށް މިއަދު ޢައްޔަނު ކުރެއްވީ، ބަންޑާރަނައިބު އަޙްމަދު އުޝާމް އަދި މުޙައްމަދު ސަމީރު އެވެ.
އުޝާމް ޖޭއެސްސީގެ މެންބަރު ކަމަށް ޢައްޔަނު ކުރައްވާފައި ވަނީ އެ ކޮމޮޝަންގެ ޤާނޫނުގައި ބުނާގޮތުގެމަތިން، ބަންޑާރަނައިބުގެ ހައިސިއްޔަތުންނެވެ.
ރ. އިނގުރައިދޫ އަށް ނިސްބަތްވެވަޑައިގަންނަވާ، ސަމީރު ޖޭއެސްސީ އަށް ޢައްޔަނު ކުރެއްވީ އެ ކޮމިޝަންގެ ޤާނޫނުގައި ބުނާގޮތުގެ މަތީން ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރައްވާ މެންބަރެއްގެ ހައިސިއްޔަތުންނެވެ.
މި ދެ ބޭފުޅުން މެންބަރުކަމުގެ ހުވައި ކުރައްވާފައި ވަނީ ރައީސް އޮފީހުގައި މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގައި، ރައީސް ޑރ. މުޢިއްޒުގެ ކުރިފުޅުމަތީގައެވެ. ހުވައި ލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢައިޝާ ޝުޖޫން މުޙައްމަދެވެ.
މި ރަސްމިއްޔާތުގައި ޖޭއެސްސީގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް ވަނީ މި ދެ ބޭފުޅުންނާ ޙަވާލުކޮށްދެއްވާފައެވެ.
ޖޭއެސްސީގެ މެންބަރުކަމަށް ޢައްޔަނު ކުރެއްވި އުޝާމް ބަންޑާރަނައިބު ކަމަށް ޢައްޔަނު ކުރެއްވުމުގެ ކުރިން ހުންނެވީ ވިލިމާލޭ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުގެ ގޮތުގައެވެ.
ސަމީރު ކުރިން ފުރުއްވެވި މަގާމުގަކުގެ ތެރޭގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރ ކަމުގެ މަގާމާއި، ނަޝީދު އެންޑް ކޯ ގެ ސީނިއާ އެސޯސިއޭޓްކަމުގެ މަގާމާއި، ސަމީރު އެންޑް ޝަމާމް އެލް.އެލް.ޕީ. ގެ މެނޭޖިން ޕާޓްނަރުކަން ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!