ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމަންޓަރީ ގުރޫޕް (ޕީޖީ ގްރޫޕް)ގެ ލީޑަރުގެ މަގާމަށް އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) މިއަދު އިންތިހާބު ކޮށްފި އެވެ.

އެމްޑީޕީން ވަނީ މިއަދު ކުރިއަށް ދިޔަ އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރު ހޮވުމުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ މިރޭ ޢާންމުކޮށްފައެވެ.

Ad
rt

މި ނަތީޖާ ދައްކާގޮތުން އެމްޑީޕީގެ ޕީޖީ ލީޑަރުކަން ބިގޭ ކާމިޔާބުކޮށްފައި ވަނީ 28 ވޯޓުންނެވެ. ބިގޭ އާއި އެންމެ ކައިރިން ވާދަކުރެއްވި ކާށިދޫ ދާއިރާގެ މެންބަރު ޢަބުދުﷲ ޖާބިރު ވަނީ 20 ވޯޓު ހޯއްދަވާފައެވެ. ދެން މި އިންތިޚާބުގައި ވާދަކުރެއްވި ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލް ޣަނީ ޢަބްދުލްޙަކީމް އަށް ލިބިވަޑައިގަތީ 2 ވޯޓެވެ.

ބިގޭ އަކީ ކުރިން އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ނައިބު ލީޑަރެވެ. އެ ޕާޓީގެ ޕީޖީ ލީޑަރަކަށް ކުރިން ހުންނެވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އެވެ. އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރުގެ މަގާމު ހުސްވީ އަސްލަމް 13 ނޮވެމްބަރު 2023 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އިންތިޚާބުވެ ވަޑައިގަތުމުންނެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕްގައި 56 މެންބަރުން ތިއްބަވާއިރު، މިއަދުގެ އިންތިޚާބުގެ ވޯޓުގައި ބައިވެރިވެވަޑައިގަތީ 51 މެންބަރެކެވެ.

މި އިންތިޚާބުގައި އެއް ވޯޓު ބާތިލުވެފައިވާއިރު، ސައްހަ ވެފައި ވަނީ 50 ވޯޓެވެ.