މިއާންޒް އިންޓަރނޭޝަނަލް ކޮލެޖު (އެމްއައި) ގެ "ގައުމަށްޓަކައި" ސީއެސްއާރު ކެމްޕޭންގެ ދަށުން ހދ. ކުމުންދޫއަށް ލިބިފައިވާ ސްކޮލާޝިޕްގެ ތިން ޖާގައަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ސްކޮލާޝިޕްގެ ދަށުން ޑިގްރީއަށް ޝަރުތު ފުރިހަމަ ނުވާ ފާރާތްތަކަށް އެއްވެސް ކޯސް ފީއަކާއި ނުލައި ރަށުގައި ތިބެގެން އޮންލައިން ކޮށް ފައުންޑޭޝަން ޕްރޮގްރާމް ފުރިހަމަކޮށް، ފްރީޑިގްރީ ސްކީމް ގެ ދަށުން އިތުރު ކޯސްފީއަކާ ނުލައި ބެޗެލާސް ޑިގްރީއާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ލިބޭނެއެވެ.
މި ޖާގަތަށް ހާއްސަ ކުރުމަށް ނިންމާފައި ވަނީ ކުމުންދޫގެ ރަޖިސްޓަރީގައި ހިމެނޭ ފަރާތްތަކަށެވެ.
މި ސްކޮލާޝިޕްގެ ދަށުން ކިޔަވަން ފުރުސަތު ލިބޭ ކޯސްތަކުގެ ތެރޭގައި ބެޗްލާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބެޗްލާސް އޮފް އެކައުންޓިން އެންޑް ފައިނޭންސް، ބެޗްލާސް އޮފް ހިއުމަން ރިސޯސް މެނޭޖްމަންޓް، ބެޗްލާސް އޮފް ސޮފްޓްވެއާ އިންޖިނިއަރިން ހިމެނެއެވެ.
މި ސްކޮލާޝިޕް ފުރުސަތުތަކަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން މި މަހުގެ 24 ވަނަ ދުވަހުގެ ރޭ 22:00 ގެ ކުރިން އެކަމަށްޓަކައި ފުރިހަމަ ކުރަންޖެހޭ އޮންލައިން ފޯމް ފުރިހަމަ ކުރުމަށް ފަހު ސަބްމިޓް ކުރުމަށް ކުމުންދޫ ކައުންސިލުން އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!