ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ތަމްސީލު ކުރަނީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ކަމަށް މިއަދު ޢިއުލާންކޮށްފިއެވެ.
މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ 2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 25 ވަނަ ޖަލްސާ ފައްޓަވަމުން ރިޔާސަތުން މަޖިލީހުގެ ރައީސް، ދުވަހުގެ އެޖެންޑާ އިއްވަވަމުން ރިޔާސަތުން ހުށަހަޅާކަންކަމުގެ ތެރެއިން ވަނީ މަޖިލީހުގެ ގަވާއިދާ ހަވާލާދެއްވައި، މަޖިލީހުގައި ސަރުކާރު ތަމްސީލް ކުރައްވާ ޕާޓީއަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ، ޕީއެންސީ ކަމަށް ޢިއުލާން ކުރައްވާފައެވެ.
މީގެ އިތުރުން ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕް (ޕީޖީ ގްރޫޕް)ގެ ލީޑަރަކީ ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު ކަމަށް އެ ޕާޓީން އަންގާފައިވާތީ، ރިޔާސަތުން ވަނީ އެކަން ވެސް ޢިއުލާން ކުރައްވާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ތަމްސީލު ކުރަނީ ޕީއެންސީކަން މިއަދު ރަސްމީކޮށް ޢިއުލާން ކުރެއްވިއިރު، މަޖިލީހުގައި އެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މިވަގުތު ތިއްބެވީ ދެ މެންބަރުންނެވެ. އެއީ ފަޒުލްގެ އިތުރުން ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާޙީމް ނަސީމެވެ. ފަޒުލްގެ ކުރިން އެ ޕާޓީގެ ޕީޖީ ލީޑަރަކަށް ހުންނެވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ. އާދަމް ޝަރީފް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރަކަށް ވަޑައިގަތުމަށް މެންބަރުކަމުން ނޮވެމްބަރު 17 ވަނަ ދުވަހު އިސްތިއުފާދެއްވާފައިވާއިރު، މަޖިލީހުގައި އެ ޕާޓީ ތަމްސީލް ކުރި އަނެއް މެންބަރު، މާވަށު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސައީދު އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ވަޒީރަކަށް ވަޑައިގަތުމަށް ހަމަ އެދުވަހު ވަނީ އިސްތިއުފާ ދެއްވާފަ އެވެ. ދެން އެ ޕާޓީގެ މެންބަރެއް ގޮތުގައި ކުރިން ހުންނެވީ މިހާރުގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ. އެމަނިކުފާނު މަޖިލީހުގައި ތަމްސީލް ކުރެއްވީ އުފަންދާއިރާ، ފަރެސްމާތޮޑާ ދާއިރާ އެވެ.
ޕީއެންސީ އާއި ޕީޕީއެމް އެއް އިއްތިހާދެއްގައި މަސައްކަތް ކުރައްވާއިރު، މިވަގުތު އެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ މެންބަރުންގެ އަދަދު ވެސް ވަނީ ދެ އަކަށް ވެއްޓިފައެވެ. މިގޮތުން ސަރުކާރުގެ ވަޒީރު ކަމަށް ވަޑައިގަންނަވަން ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމާއި، ތ. ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން މެންބަރުކަމުން ނޮވެމްބަރު 17 ވަނަ ދުވަހު އިސްތިއުފާ ދެއްވުމުން މިވަގުތު އެ ޕާޓީގެ މެންބަރުންގެ ގޮތުގައި ތިއްބެވީ ޕީޖީ ލީޑަރަކަށް ހުންނެވި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އަދި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) އެެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!