ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ ގޮތުން އުފައްދާ ކުންފުނި މި ފެށޭ 2020 ވަނަ އަހަރުގެ ތެރޭ އުފެދިގެންދާނެކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ވިދާޅުވެއްޖެއެވެ.
އެގޮތުން މޯލްޑިވްސް އެގްރިކަލްޗަރ ކޯޕަރޭޝަންގެ ނަމުގައި އުފައްދާ މި ކުންފުނި ވުޖޫދަށް އައުމުގެ ސަބަބުން ދަނޑުވެރިންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ވެގެންދާނެކަމަށް ދަނޑުވެރިކަމާބެހޭ ވުޒާރާއިން ބުނެއެވެ.
ޕީއެސްއެމް ނިއެސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ޑިރެކްޓަރ އިސްމާއިލް ރަޝީދު ވިދާޅުވީ، އަންނަ އަހަރުގެ ކުރީކޮޅު މޯލްޑިވްސް އެގްރިކަލްޗަރ ކޯޕަރޭޝަން އުފެއްދުމުގެ މަސައްކަތް ނިންމާ، އަންނަ އަހަރުގެ ތެރޭގައި މި ކުންފުނި އުފެދިގެންދާނެކަމަށެވެ.
މީގެ އިތުރުން އިސްމާއިލް ރަޝީދު ވިދާޅުވީ، މި ކޯޕަރޭޝަން އުފައްދަނީ އެއްވެސް ހާލަތެއްގައި ތަކެތި ވިއްކާ ފަރާތްތަކާއި ވާދަކުރުމުގެ ބޭނުމުގައި ނޫންކަމަށާއި އޭގެ ބަދަލުގައި އެ ކޯޕަރޭޝަން މެދުވެރިކޮށް ދަނޑުވެރިންނަށް ވަރަށް ބޮޑު އެހީތެރިކަން ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ދަނޑުވެރިން އުފައްދާ ތަކެތި ވިއްކުމުގައާއި، ދަނޑުވެރިކަމަށް ބޭނުންވާ ގަސްކާނާއާއި ބޭސް ހެޔޮއަގުގައި ފޯރުކޮށްދިނުމަށް އަލަށް ތައާރަފް ކުރެވިގެންދާ ކުންފުނިން އެހީތެރިވެދޭނެކަމަށް އިސްމާއިލް ވިދާޅުވިއެވެ.
"މި ކުންފުނީގެ މޯރޑާލިޓީ އަޅުގަނޑުމެން ތައްޔާރުކުރަމުން މިދަނީ. މުޅިއެކުން އަދި މި ކޯޕަރޭޝަން ކުރިއަށްގެންދާނެގޮތެއް ފައިނަލްއެއް ނުވޭ. އެކަމަކު އަންނަ އަހަރުގެ ކުރީކޮޅު ކޯޕަރޭޝަންގެ މޯރޑާލިޓީގެ މަސައްކަތް އެއްކޮށް ނިންމާލެވި، އަންނަ އަހަރުގެ ތެރޭގައި ކޯޕަރޭޝަން ޤާއިމްވެގެންދާނެ."އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.
ދަނޑުވެރިކަމުގެ ކުންފުންޏެއް އުފެއްދުމަކީ ސަރުކާރުގެ ޕޮލިސީތަކުގެ ތެރޭގައި ހިމެނޭ މުހިންމުކަމެކެވެ.އެގޮތުން "މޯލްޑިވްސް އެގްރިކަލްޗަރ ކޯޕަރޭޝަން" އުފައްދަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއާއި ގުޅިގެންނެވެ.
ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން ދަނޑުވެރިކަމަށް ބޭނުންކުރާ ތަކެތިން ޑިއުޓީ ކަނޑާލުމާއި، ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި އެސްއެމްއީ ބޭންކާއި ގުޅިގެން 'ދަނޑުވެރި ނަފާ' ގެ ނަމުގައި ލޯނުވެސް ސަރުކާރުން އަންނަނީ ދޫކުރަމުންނެވެ. މިވަގުތު ދަނޑުވެރިކަމުގެ ދަފްތަރުގައި 7000 ދަނޑުވެރިން ރަޖިސްޓްރީކޮށްފައިވާކަމަށް ދަނޑުވެރިކަމާބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!