ކުޅުދުއްފުށީ ސިޓީގެ ކުޅިއަށް ހިޖުރަކުރާ ގުޑުގުޑާ ދޫނިތަކަށް ގޯނާވާފަދަ ކަމެއް ނުކުރަން ކުޅުދުއްފުށި ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
މި ދުވަސްވަރު އެރަށު ކުޅިއަށް ދަނީ ގުޑުގުޑާ ދޫނިތައް ހިޖުރަ ކުރަމުންނެވެ. އެ ދޫނިތަކާއެކު ކުޅުދުއްފުށި ސިޓީގެ ކުޅި ސަރަހައްދަށް ވަނީ އިތުރު ހިތްގައިމުކަމެއް ގެނުވާފައެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުން މިއަދު ވިދާޅުވީ، ކުޅުދުއްފުށި ކުޅިއަށް ދޭތެރެ ދޭތެރެއިން ޒިޔާރަތްކުރާ ގުޑުގުޑާ ދޫނިތައް އަންނަނީ ރަށަށް އުފާވެރިކަމާއި އިތުރު ދިރުމެއް ގެނެސް ދެމުން ކަމަށެވެ.
މި ފަދަ މޫސުމީ ދޫނި ރަށުގައި މަޑުކޮށްގެން ތިބުމަށް އެސޮރުމެންނަށް އަމާން ފަސޭހަ މާހައުލެއް ހޯދައިދިނުމަކީ އެންމެންގެ ޒިންމާއެއްކަން ކައުންސިލުން ވަނީ ފާހަގަ ކުރައްވާފައެވެ.
“ކެނޯ އަދި ޑްރޯން ދުއްވާ ފަރާތްތަކުންވެސް ދޫނިތަކަށް އުނދަގޫވާ ހިސާބަށް ކައިރި ނުވުމަށާއި އެއްވެސް ނިޔަތެއްގާ މި ދޫނިތަކަށް ގޯނާވާނޭފަދަ އެއްވެސް އަމަލެއް ނުހިންގުމަށް އިލްތިމާސްކުރަން.” ސިޓީ ކައުންސިލުން ވިދާޅުވެފަ ވެއެވެ.