ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ޒަކާތާބެހޭ ބިލާއި އިތުރު ދެ ބިލެއް ހުށަހެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފިއެވެ.

އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ވިދާޅުވެފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސް އޮފީހަށް ފޮނުވާފައި ވަނީ ޒަކާތާބެހޭ ބިލުގެ އިތުރުން މެރިން ސްޕޭޝަލް ޕްލޭނިންގއާބެހޭ ބިލާއި އަދި މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެކެވެ.

Ad
rt

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި، ޒަކާތާބެހޭ ބިލަކާއި، މެރިން ސްޕޭޝަލް ޕްލޭނިންގއާބެހޭ ބިލަކާއި، މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާފައިވާއިރު، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 120 ބިލުގެ ތެރެއިން 30 ބިލެއްގެ މަސައްކަތް ނުނިމި މަޖިލިހުގެ އެކިއެކި މަރުހަލާތަކުގައި އެބައޮތް ކަމަށް މި މަހުގެ 10 ވަނަ ދުވަހު އެ އޮފީހުން ވަނީ ހާމަކުރައްވާފައެވެ.

10 ނޮވެމްބަރު 2023 ގައި އޭޖީ އޮފީހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ނޮވެމްބަރު 17، 2018 އިން ފެށިގެން އެދުވަހާއި ހަމައަށް ސަރުކާރުގެ ފަރާތުން މަޖިލީހުގެ އިދާރާ އަށް 153 ބިލެއް ހުށަހަޅާފައިވާ ކަމަށެވެ. އޭގެތެރެއިން 120 ބިލެއް ރައްޔިތުންގެ މަޖިލިހުން ފާސް ކުރުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވާފައިވާ ކަމަށް ބަޔާނުގައިވެއެވެ. އަދި އެއް ބިލެއް މަޖިލިހުން ފާސް ނުވާ އިރު، ދެ ބިލެއް ސަރުކާރުގެ ފަރާތުން އަނބުރާ ގެންގޮސްފައިވާ ކަމަށް ވިދާޅުވެފަވެއެވެ.

މަޖިލިހަށް ހުށަހަޅާފައިވާ ބިލްތަކުގެ ތެރެއިން މަޖިލިހުގެ އެކިއެކި މަރުހަލާތަކުގައި މަސައްކަތް ކުރިއަށްދާ 30 ބިލެއް ހިމެނޭ ކަމަށް ވެސް އޭޖީ އޮފީހުން ވިދާޅުވެފަވެއެވެ.

މަޖިލިހުގެ އެކިއެކި މަރުހަލާތަކުގައި އޮތް ބިލްތަކުގެ ތެރޭގައި މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދިނުމާ ގުޅޭ ބިލްތައް ކަމުގައިވާ މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލާއި އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލާއި ރާއްޖޭގެ ރަށްތަކުގެ ބިން ބޭނުން ކުރުމާ ގުޅޭ އުސޫލުތައް އެކަށައަޅާ ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ބިލުގެ އިތުރުން ވިޔަފާރި އާއި އާންމު ސިއްހަތާ ގުޅުން ހުރި ބިލްތައް ހިމެނެއެވެ.

މީގެ އިތުރުން ރާއްޖޭގެ ކޯޓުތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ކޯޓުތައް އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށާއި މެޖިސްޓްރޭޓުން އައްޔަން ކުރުމާ ގުޅޭ އުސޫލުތައް އިސްލާހު ކުރުމަށާއި ކޯޓުތަކުގެ އިދާރީ ހިންގުމާ ބެހޭ ގޮތް ބަދަލު ކުރުމަށާއި މެޖިސްޓްރޭޓުން އައްޔަން ކުރުމާ ގުޅޭ އުސޫލުތައް އިސްލާހު ކުރުމަށާއި ކޯޓުތަކުގެ އިދާރީ ހިންގުމާ ބެހޭ އުސޫލުތައް އިސްލާހު ކުރުމަށާއި ފަނޑިޔާރުންގެ އާ ސުލޫކީ މިންގަނޑެއް ކަނޑައެޅުމަށާއި ފަނޑިޔާރުންގެ ލިވިލް އެލަވަންސް މުރާޖައާކޮށް ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް ފަނޑިޔާރުންނަށް އެފަދަ ތަނެއް ހޯދޭނެ މަގުފަހިކޮށްދިނުމާ ގުޅޭ އުސޫލުތައް ބަޔާން ކުރުމަށާއި ފަނޑިޔާރުންގެ ފެންވަރު ބަލައި ވަޒަން ކުރުމާ ގުޅޭ އުސޫލުތައް އިސްލާހު ކުރުމަށްޓަކައި އަދުލު އިންސާފު ގާއިމު ކުރުމުގެ ދާއިރާއާ ގުޅުން ހުރި ކަމާބެހޭ ގާނޫނުތައް އިސްލާހު ކުރުމަށް ހުށަހަޅާފައިވާ މުހިންމު ގިނަ ބިލްތަކެއް މަޖިލިހުގެ ހުރިހާ މަރުހަލާއެއްގައި ނިމިފައި ނުވާ ކަމަށް ވެސް އެދުވަހު އޭޖީ އޮފީހުން ފާހަގަކުރައްވާފަ ވެއެވެ.