ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ މައްސަލައާއި ގުޅޭ ދުސްތޫރީ މައްސަލައެއް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ސުޕްރީމް ކޯޓަށް ވައްދާފައި އޮތުމުން ނަޝީދު އިތުބާރުގެ މައްސަލަ ދެން އެޖެންޑާ ކުރާނީ ކޯޓުން އެ މައްސަލައަށް ގޮތެއް ނިންމުމުން ކަމަށް މަޖިލީހުގެ އިދާރާއިން މިއަދު ހާމަކޮށްފި އެވެ.

ނަޝީދުގެ އިތުބާރުގެ މައްސަލަ ފުރަތަމަ ތާވަލު ކުރީ މިދިޔަ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހުއެވެ. އެ ދުވަހު ޖަލްސާ ކެންސަލްކުރީ އީވާ މަޖިލީހަށް ސަލާމް ފޮނުއްވުމުންނެވެ. އެއާއެކު އެމްޑީޕީން ވަނީ ހަމަ އެދުވަހި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވައްދާފައެވެ.

Ad
rt

ނަޝީދުގެ އިތުބާރުގެ މައްސަލަ އެޖެންޑާކުރި ފަސްވަނަ ޖަލްސާ ވެސް މިއަދު ކެންސަލްކޮށްފައިވާއިރު، މިއަދުގެ ޖަލްސާވެސް ކެންސަލްކުރީ އީވާ މަޖިލީހަށް ހާޒިރުވެވަޑައި ނުގަތުމުންނެވެ.

މަޖިލީހުގެ އިދާރާއިން ބައެއް މީޑިއާތަކަށް މިއަދު ވިދާޅުވީ، ސުޕްރީމް ކޯޓުގައި މައްސަލަ އޮތުމުން ޖަލްސާ ބޭއްވޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވިދާޅުވެ މަޖިލީހުގެ ނައިބު އީވާ މިދިޔަ މަހުގެ 31 ވަނަ ދުވަހު ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުގައި މައްސަލަ އޮތަސް ޖަލްސާ ބޭއްވުމަށް ހުރަހެއް ނެތްކަން އެ ދުވަހު މަޖިލީހުގެ އިދާރާއިން ސިޓީއަކުން އީވާ އަށް ޖަވާބު ދެއްވާފައިވާނެ ކަމަށް މަޖިލީހުން ވިދާޅުވެފަވެއެވެ. އަދި ސުޕްރީމް ކޯޓުގައި އެ މައްސަލަ އޮތުމުން ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާކަން އީވާ ސިޓީއަކުން މިއަދު މަޖިލީހުގައި ދަންނަވާފައިވާ ކަމަށް ވެސް މަޖިލީހުން ވިދާޅުވެއެވެ.

ނަޝީދުގެ އިތުބާރުގެ މައްސަލަ ކުރިއަށްގެންދާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން އީވާ މިއަދު އުޒުރުވެރިވެވަޑައިގަތުމާއެކު ކޯޓުން އެ މައްސަލައާއިމެދު ވަކިގޮތެއް ނިމެން ދެން ޖަލްސާއަކަށް އެމައްސަލައެއް އެޖެންޑާއެއް ނުކުރާނެ ކަމަށް މަޖިލީހުގެ އިދާރާއިން ވިދާޅުވެފައެވެ.

މި މައްސަލަ ހުށަހަޅުއްވާފައިވަނީ މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީގެ 49 މެމްބަރުން ސޮޔާ އެކުގައެވެ.