ހއ. ތުރާކުނުގައި ހިންގި "ފަތަމާ ހިނގާ" ޕްރޮގްރާމު ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.
އެރަށު ކައުންސިލުން 'ތިލަދުން' އަށް މައުލުމާތު ދެއްވަމުން ވިދާޅުވީ މިއީ އެ ކައުންސިލާއި ފީނާ ސްވިމިން އެކަޑަމީ އާއި ދިއްދޫ ޕޮލިސް ކުލަބާއި ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި އެރަށު ސްކޫލާއި އަތޮޅު ކައުންސިލު ގުޅިގެން ހިންގި ޕްރޮގްރާމެއް ކަމަށެވެ. އަދި މި ޕްރޮގްރާމު ހިންގާފައިވަނީ އޮކްޓޯބަރު މަހުގެ 17 ން 28 އަށް ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ޖުމްލަ 50 ކުދިން ބައިވެރިވެފައިވާއިރު، އެއީ 19 އަންހެން ކުދިންނާއި 31 ފިރިހެން ކުދިން ކަމަށް ވެސް ވިދާޅުވިއެވެ.
މި ބައިވެރިންގެ ތެރެއިން ސްވިމިން އެސޯސިއޭޝަނުން ގަބޫލުކުރާ މިންވަރަށް ފަތަން ދަސްވި 39 ދަރިވަރަކަށް "ފަތަންދަންނަ" ކަމުގެ ސެޓްފިކެޓު ދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ތުރާކުނުގައި ބޭއްވި ފަތަމާ ޕްރޮގްރާމްގެ ބައިވެރިންތަކެއް، ފޮޓޯ: ތުރާކުނު ކައުންސިލް
އެ ކައުންސިލުން ވިދާޅުވީ މި ޕްރޮގްރާމު ނމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހްމާންހއ. އަތޮޅުގެ ކޮމާންޑަރު އިންސްޕެކްޓާ އޮފް ޕޮލިސް އާދަމް މުއީން ކަމަށެވެ.
މިފަދަ ޕްރޮގްރާމެއް ހިންގުމުގެ މަގުސަދެއް ކަމުގައި އެ ކައުންސިލުން ވިދާޅުވީ ރާއްޖޭއަކީ ކަނޑުގެ ސަރަހައްދު ބޮޑު ޖަޒީރާ ގައުމަކަށްވެފައި، ކަނޑުމަތީގެ ހާދިސާއެއް ދިމާވެއްޖެނަމަ، އަމިއްލަ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށެވެ.
ތުރާކުނު ކައުންސިލުން ވަނީ މި ޕްރިގްރާމުގައި ވެދެއްވި އެހީތެރިކަމަށް ހުރިހައި ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. ހާއްސަކޮށް ސްވިމިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު އަބްދުލް ސައްތާރަށް ވަރަށް ހާއްސަ ޝުކުރެއް ވަނީ އަދާކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!