ބޮލީވިއާ އިން އިސްރާއީލްއާ އެކުގައި އޮތް ގުޅުން ކަނޑާލަން ނިންމައިފިއެވެ.
އެ ގައުމުން އެގޮތަށް ނިންމާފައި ވަނީ އިސްރާއީލްގެ އަސްކަރިއްޔާގެ ސިފައިން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ހަނގުރާމައާ ގުޅިގެންނެވެ. މިއީ ފެބްރުއަރީ 7 ގައި އިސްރާއީލާއި ހަމާސްއާ ދެމެދު ހަނގުރާމަ ފެށުނު ފަހުން، އިސްރާއީލްއާ އެކު އޮތް ގުޅުން ކަނޑާލި ފުރަތަމަ ގައުމެވެ.
"އިސްރާއީލްއާ އެކުގައި އޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑާލަން ނިންމީ ފަލަސްތީނުގެ ޣައްޒާ އަށް އަރައި އިސްރާއީލުން ހިންގަމުންދާ އަސްކަރީ ހަރަކާތްތަކާ ގުޅިގެން،" ބޮލީވިއާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ފްރެޑީ މަމަނީ ބޭއްވެވި ޕްރެސް ކޮންފަރެންސްގައި އިއުލާން ކުރެއްވިއެވެ.
ބޮލީވިއާގެ ޕްރެސިޑެންސީ މިނިސްޓަރު މަރިއާ ނެލާ ވަނީ ޣައްޒާ އަށް އިންސާނީ އެހީ ފޯރުކޮށްދޭނެ ކަން ހާމަކޮށްފައެވެ.
"އަޅުގަނޑުމެން ޑިމާންޑް މި ކުރަނީ މި ހަމަލާތައް ދިނުން ހުއްޓާލުމަށް. މިކަމުގެ ސަބަބުން އެތައް ހާސް އާންމު ރައްޔިތުންނެއް ވަނީ ޝަހީދުވެފައި. އަދި ފަލަސްތީނުގެ އެތައް ބަޔަކު ވަނީ ގެދޮރު ގެއްލި މަގުމަތިވެފައި،" މަރިއާ ވިދާޅުވިއެވެ.
ބޮލީވިއާގެ މި ނިންމުމާ ގުޅިގެން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުން ވަނީ މަރުހަބާ ކިޔައި، އަރަބި ގައުމުތަކުން ވެސް އިސްރާއީލާ މެދުގައި މިގޮތަށް ކަންތައްތައް ކުރުމަށް ގޮވާލައިފައެވެ.
ފަލަސްތީނުގެ ޣައްޒާ އަށް އިސްރާއީލުން މިހާރު ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް އައިއިރު 8،525 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!