ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ ޢިއުލާން ކުރީ 1932 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ. ހިޖުރީ ގޮތުން އެދުވަހަކީ 23 ޝައުބާން 1351 އެވެ.

މިޤާނޫނު އަސާސީ އެކުލަވާ ލެއްވީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން 3 ކީރިތި މަހާރަދުންނެވެ.

Ad
rt

އެޤާނޫނު އަސާސީގައި ދިވެހި ރައްޔިތް ކަމަށް ބުނެފައިވަނީ

"ދިވެހިރާއްޖެއަށް އުފަން ކޮންމެ ދިވެއްސަކާއި، ބޭރުރަށަކަށް އުފަންވިޔަސް ބަފައި ދިވެހި ރައްޔިތެއް ކަމުގައިވާ ކޮންމެ މީހަކާއި، ބޭރު މީހުންކުރެ ރާއްޖޭގައި 7 އަހަރު ވަންދެން ވަޒަންވެރިވެ ހުރުމާއި، އެމީހާ އެކަމަށް އެދި ރާއްޖޭގެ ޤާނޫނު އެމީހަކީ ދިވެހި ރައްޔިތެއްކަން ޤަބޫލު ކޮށްފި ކޮންމެ މީހެކެވެ."

އެޤާނޫނު އަސާސީގައި ރައްޔިތުންގެ ހައްޤުތައް ކަމަށް ލިޔެފައިވަނީ،

"ދިވެހިންނަކީ ޤާނޫނުގެ ކުރިމަތީގައި ހަމަހަމަ ވެގެންވާ ބަޔެކެވެ. އެމީހުންގެ އެންމެންނަކީ ސިޔާސީ ހައްޤުތަކާއި، މަދަނީ ހައްޤުތަކުން ލާބަޔާއި ފަސޭހަކަން ލިބިގަތުމާއެކު، އެންމެން އެއްވަރު ވެގެންވާ ބަޔެއް މެއެވެ."

ފުރަތަމަ ޤާނޫނު އަސާސީ އާއިއެކު ތަފާތުއެކި ބަދަލުތަކެއް ދައުލަތަށް ގެންނަން ފެއްޓުނެވެ. ދައުލަތުގެ ވަޒީރުލް އައުޘަމް އަދި ބޮޑު ބަނޑޭރި ސުމުއްވުލް އަމީރު އަބުދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނު މަޤާމުން ވަކިކުރެވުނެވެ. އަދި މީގެއިތުރުން ދައުލަތް ހިންގަވަންތިބި ވަޒީރުންގެ ތެރޭގައި ހަމަނުޖެހުން އުފެދިގެން ދިއައެވެ.

ރައްޔިތުން ތައްޔާރު ނުވަނީސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ޤާނޫނު ތަކެއް ތަޢާރަފުކުރުމާއި، އަދި މި ގާނޫނާތަކާއި ބެހޭގޮތުން އިރުޝާދު ދޭންޖެހޭ މީހުން އެކަމައް އިހުމާލުވުމާއި، ރައްޔިތުންގެ ތެރޭގައި ހުރި އާދައިގެ ކަންތައްތައް ގާނޫނުތަކައް ބަދަލުވުމުމާއި،

ޤާނޫނު އަސާސީގައި ބަޔާންވެގެންވާ އަސާސީ ހައްޤުތައް ގެއްލޭފަދަ ޤާނޫނުތަކެއް ފާސްކޮށް، ވާނުވާ ނޭނގިތިއްބާ ޤާނޫނީގޮތުން އަދަބުލިބޭފަދަ ކުށްތަކެއް ކުރެވި ޖޫރިމަނާ ދައްކަންޖެހުން ފަދަ ކަންކަން ވެގެންދިއައީ ރައްޔިތުން ހިތްހަމަ ނުޖެހި، މި ޤާނޫނު އަސާސީއާ ދެކޮޅުވެރިވި ސަބަބުތައްކަމަށް މިކަމަށް ނަޒަރިއްޔާ ހިންގައި، ލިޔެފައިވާ ލިޔުންތަކުން ފެންނަން އެބަހުއްޓެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީން ރައްޔިތުންގެ ހައްޤުތަކަށް ވިސްނާފައި އޮތް ނަމަވެސް ރައްޔިތުން މި ޤާނޫނު އަސާސީއާ މެދު ހިތްހަމަ ނުޖެހިގެން 3 ނޮވެމްބަރ 1933 ގައި ގުޅަކުޅޭ ފަސްގަނޑަށް އެއްވެ ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން ފުރަތަމަ ޤާނޫނު އަސާސީ ހަވަރަށް ދެވުނެވެ.

މި ޤާނޫނު އަސާސީ ވީދާލެވުނު މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ މި ޤާނޫނުތަކަކީ އޭރުގެ ދިވެހިންނަށްވުރެ އެތަށް ގޮތަކުން ތަހުޒީބުވެފައިވާ ޤާނޫނު އަސާސީއެއް ކަމަށް ވާތީކަމަށް މިކަމަށް ނަޒަރިއްޔާ ހިންގައި، ލިޔެފައިވާ ލިޔުންތަކުން ފެންނެއެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ އުވުނީ 31 ޖެނުއަރީ 1940ގައި ރައްޔިތުންގެ މަޖިލީހުން ޤާނޫނު އަސާސީ ނައްތާލުމަށް ފާސްކުރުމާއި ގުޅިގެންނެވެ.