އެސްޓީއޯއަށް މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 9 އިންސައްތަ އިތުރުވެއްޖެއެވެ.
އެސްޓީއޯއިން އާއްމުކޮށްފައިވާ އެ ކުންފުނީގެ މާލީ ރިޕޯޓުތަކުން ދައްކާ ގޮތުގައި ތިންވަނަ ކުއާޓަރުގައި ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 4.1 ބިލިއަން ރުފިޔާ އެ ކުންފުންޏަށް ވަނީ ލިބިފައެވެ. މިއީ މީގެ ކުރީ ކުއާޓާރއާއި އަޅާ ބަލާއިރު 9 އިންސައްތައިގެ ކުރިއެރުމެކެވެ. ދެވަނަ ކުއާޓަރުގައި ލިބިފައިވަނީ 3.7 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ.
އއާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ތިންވަނަ ކުއާޓާރުގައި ވިއްކި ތެލުގެ އަގު އޭގެ ކުރީ ކުއާޓާރއާއި އަޅާބަލައި އިތުރުވެފައިވުން ކަމަށް އެސްޓީއޯއިން ބުންޏެވެ.
ތިންވަނަ ކުއާޓަރުގައި އާމްދަނީ އިތުރުވެފައި ވީނަމަވެސް، ޖުމްލަ ފައިދާގެ ގޮތުގައި ތިންވަނަ ކުއާޓާރުގައި ލިބިފައިވަނީ 760 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ ކުއާޓާރާ އަޅާބަލާއިރު 5 އިންސައްތައިގެ ދަށްވުމެކެވެ. ދެވަނަ ކުއާޓަރުގައި ފައިދާގެ ގޮތުގައި ލިބުނީ 803 މިލިއަން ރުފިޔާއެވެ
މީގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މަތިވިކަމުގައިވީ ނަމަވެސް އެސްޓީއޯއިން ވިއްކަމުން ދިޔަ ތެލުގެ އަގު އެނިސްބަތުން ބަދަލު ގެނެސްފައިނުވުމާއެކު ޖުމްލަ ފައިދާ ދަށްވުން ކަމަށް އެ ކުންފުނިން ބުންޏެވެ. ކުންފުނީގެ ޖުމްލަ ފައިދާ ދަށްވުމާއިއެކު ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ 390 މިލިއަން ރުފިޔާ ލިބިފައެވެ.
ޓެކްސްއަށް ކެނޑުމުގެ ކުރިން ތިންވަނަ ކުއާޓާރުގެ ސާފު ފައިދާއަކީ 331 މިލިއަން ރުފިޔާއެވެ. ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓާރުގެ ސާފުފައިދާގެ ގޮތުގައި ވަނީ 271 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ އޭގެ ކުރީ ކުއާޓާރާ އަޅާބަލައިއިރު 10 އިންސައްތައިގެ ދަށްވުމެކެވެ.
ތިންވަނަ ކުއާޓާރުގައި އޭގެ ކުރީ ކުއާޓާރާ އަޅާބަލައި ފައިދާ ދަށްވި ކަމުގައިވިޔަސް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށްވަނީ ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 942 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މިތާރީހާއި އަޅާބަލާއިރު 469 މިލިއަން ރުފިޔާގެ ކުރިއެރުމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!