''މުއާމަލާތް ކުރަންވާނީ އެކުވެރިކަން ދެމެހެއްޓޭގޮތައް ރިވެތި ބަހުރުވައިން''

ތިލަދުންމަތީގެ ރަށެއްގައި ބަޔަކު ވާހަކަ ދައްކާލަނީ، ފޮޓޯ: ސާޖިން (ޒުވާން މަސްވެރިޔާ)
ތިލަދުންމަތީގެ ރަށެއްގައި ބަޔަކު ވާހަކަ ދައްކާލަނީ، ފޮޓޯ: ސާޖިން (ޒުވާން މަސްވެރިޔާ)

މީސްތަކުންނާއި މުއާމަލާތްކުރާއިރު މުއާމަލާތް ކުރަންވާނީ އެކުވެރިކަން ދެމެހެއްޓޭގޮތައް ރިވެތި ބަހުރުވައިން އިންސާފުވެރިކަމާ ވިސްނުންތެރިކަމާއެކުގައި ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ.

މިއަދުގެ ޚުޠުބާގެ މަޢުލޫއަކީ ''މުޢާމަލާތް ކުރުމުގެ އަޚްލާޤް'' އެވެ. މިއަދުގެ ޚުޠުބާގައި މި މަޢުލޫއަށް ވަރަށް ފުރިހަމައަށް އަލިއަޅުވާލާފައިވާއިރު، މުސްލިމުންނަކީ ހިތްތިރި މުޢާމަލާތް ކުރުމުގައި ރިވެތި، މީސްތަކުންނަށް އެމީހުންގެ ކަންތައްތައް ލުއިކޮށްދޭ ސާދާ ބަޔެއްކަން ފާހަގަކޮށްފަވެެއެވެ. އަދި މުސްލިމުންނަކީ މީހުންނާއި ގުޅިގެންއުޅޭ މީހުން އެބައެއް ދެކެ ލޯބިވާ ބަޔެއް ކަމަށާއި، މި ސިފަތަކުގެ ވެރި މުއުމިނުންނަށް މާތްﷲ ނަރަކަ ޙަރާމް ކުރައްވާނެކަމަށް ޚުޠުބާގައި ބުނެފަވެއެވެ.

ޚުޠުބާގައި ބުނެފައިވަނީ މީސްތަކުންނާއެކު ސުލްހަވެރި އަމާން ދިރިއުޅުމެއް އުޅެން ބޭނުންވާ މީހާ މީސްތަކުންނަށް ހެޔޮ ފޯރުކޮށްދޭން ޖެހޭ ކަމަށެވެ. އަދި އެމީހުންގެ ފަރާތުން ފެންނަ އިހްމާލުތަކަށް ކެތްތެރިވެ، އައިބުތައް ވަންހަނާކުރާންޖެހޭ ކަމަށެވެ.

''މުސްލިމް އަޚުންނޭވެ! މީސްތަކުންނާއި ވާހަކަ ދައްކާއިރު އެކުވެރިކަން ދެމެހެއްޓޭގޮތައް ރިވެތިބަހުން ވާހަކަދައްކާށެވެ! އެންމެ ރަނގަޅު އުސޫލުތައް ބޭނުންކުރައްވާށެވެ.'' ޚުޠުބާގައި ބުނެފަވެއެވެ.

މި ބުނުމަށް ބާރުދީ ގަދަކީރިތިވަންތަ الله سبحانه وتعالىގެ އަންނަނިވި ވަހީ ބަސްފުޅު ޚުޠުބާގައި ގެނެސްދީފައި ވެއެވެ. وَقُولُوا۟ لِلنَّاسِ حُسْنًۭا (ސޫރަތުން ބަޤަރާ، ٨٣) މާނައީ: ''އަދި! ތިޔަބައިމީހުން މީސްތަކުންނަށް ހެޔޮބަސް ބުނާށެވެ!''

ޚުޠުބާގައި ބުނެފައިވާ ގޮތުގައި މުސްލިމަކީ މުޢާމަލާތްކުރާއިރު ވިސްނުންތެރިކަމާއި، އިންސާފުވެރިކަމާއެކު މުޢާމަލާތްކުރާ މީހެކެވެ. އަދި އޭނާ އަކީ މީސްތަކުންނާއި މުޢާމަލާތްކުރުމުގައި ހިތްވަރު ކުރުމާއި، ހަރުކަށިކަމުން ދުރުހެލިވާ މީހެވެ.

މުސްލިމުން އެކަކު އެނެކަކާ މުޢާމަލާތްކުރަންވާނީ އިންސާފުވެރިކަމާއެކުގައި ކަމަށާއި، މައްސަލައެއްގައި މީހަކު އަނިޔާވެރިވެއްޖެނަމަ އަދުލުވެރިވާންޖެހޭނެ ކަމަށާއި، އެކަމުގައި ވަކިމީހަކަށް ބަލައި ވަކިއަތަކަށްޖެހިގެންނުވާނެކަމަށް ވެސް ޚުޠުބާގައި ބުނެފަވެއެވެ.

''މުސްލިމު އަޚުންނޭވެ! އަހަރެމެންގެ ދީން އަހަރެމެނަށް ގޮވާލައި މަތިވެރި އަގުތަކުގެ ތެރޭގައި، އެހެން މީހުންނާއި މުޢާމަލާތްކުރާއިރު އެމީހުންގެ ރަޢުޔާއި ޚިލާފަށް އިޚްތިރާމް ކުރުން ހިމެނެއެވެ. އިސްލާމީ ޝަރީޢަތް ހުއްދަކުރާ މިންގަނޑުގެ ތެރޭގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނަންޖެހެއެވެ. އޮފީހެއްގެ ވެރިއެއް ކަމުގައި ވިޔަސް، މުއައްސަސާއެއްގެ ވެރިއެއްކަމުގައި ވިޔަސް، މެނޭޖަރެއް ކަމުގައި ވިޔަސް، އޭނާގެ ދަށުގައި މަސައްކަތްކުރާ މީހުންގެ ރަޢުޔާއި ޚިޔާލަށް އިޚްތިރާމް ކުރަންޖެހޭނެއެވެ. ތަނެއް ކުރިއަރާނީ އެތަނެއްގެ އެންމެންގެ މަޝްވަރާއާއި ލަފާ ހޯދައިގެން، ގުޅިގެން މަސައްކަތްކޮށްގެންނެވެ.'' ޚުޠުބާގައި ބުނެފަވެއެވެ.

ޚުޠުބާގެ ލިންކް: މުޢާމަލާތް ކުރުމުގެ އަޚްލާޤް

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *