ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަކުރެއްވުމަށް ނިންމަވައި، އެ ދާއިރާގެ ގޮނޑިއަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިކަން ފަތުރުވެރިކަމާބެހޭ ވުޒާރާގެ ނައިބު ވަޒީރު އަޙްމަދު އާތިފް މިއަދު ހާމަކުރައްވައިފިއެވެ.
ހދ. އަތޮޅު ކައުންސިލްގެ ކުރީގެ ރައީސްކަން ވެސް ކުރައްވާފައިވާ އާތިފް މިކަން ހާމަކުރެއްވީ މީސް މީޑިއާއަށް މިއަދު ދޫކޮށްލެއްވި މެސެޖެއްގައެވެ. މި މެސެޖުގައި އާތިފް ވަނީ ޕްރައިމަރީ ކާމިޔާބު ކުރުމަށް ދާއިރާގެ އެމްޑީޕީގެ އާންމު މެންބަރުންގެ އެއްބާރުލުމާއި ތާއީދަށް އެދިލައްވާފައެވެ.
ރައްޔިތުންގެ މަޖިލިސްގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މިހާރުގެ މެންބަރަކީ ޖަމްޝީދު މުޙައްމަދެވެ. ކުޅުދުއްފުށީ އުތުރު ދާއިރާގެ މިހާރުގެ މެންބަރަކީ ޔާސިރު އަބުދުއްލަތީފް އެވެ. ކުރިއަށް އޮތް އިންތިޚާބުގައި ވާދަކުރަން ޓިކެޓް ހޯދުމަށް މި ބޭފުޅުން ވާދަކުރުމާމެދު އަދި ރަސްމީ ނިންމުމެއް ނިންމިކަމެއް ނޭނގެއެވެ. މި ދެ ބޭފުޅުންނަކީ ވެސް އެމްޑީޕީގެ ޓިކެޓްގައި ދާއިރާ ގޮނޑި ކާމިޔާބު ކުރައްވާފައިވާ ބޭފުޅުންނެވެ.
ކުރިއަށް އޮތް މަޖިލިސް އިންތިޚާބަށް ކުރިމަތިލާނެކަން ގިނަ ބަޔަކު ޢިއުލާންކުރަމުން އަންނައިރު، މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އިއްޔެ ވަނީ ޕީޕީއެމް/ޕީއެންސީގެ ޓިކެޓް ހޯދުމަށް އެ ޕާޓީތަކުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއްޔެ ޢިއުލާން ކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލިސް އިންތިޚާބު އޮންނަ ދުވަސް މިހާތަނަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ހާމަކުރައްވާފައި ނުވިނަމަވެސް ޤާނޫނުގައި ބުނާ އަދަދުތަކަށް ބަލާއިރު ލަސްވެގެން މި އަންނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި މި އިންތިޚާބު އޮންނާނެކަމަށް ބެލެވެއެވެ.
މިވަގުތު ރައްޔިތުންގެ މަޖިލިސްގެ ގޮނޑިތަކުގެ އަދަދަކީ 87 ނަމަވެސް 20 ވަނަ މަޖިލީހަށް 93 ގޮނޑިއަށް މެންބަރުން އިންތިޚާބު ކުރާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!