ރައްޔިތުންގެ މަޖިލީހުގެ 2024 ވަނައަހަރުގެ އިންތިޚާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާގޮތުގެ ވަގުތީ ރިޕޯޓަށް 65 ޝަކުވާ ކަމުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހުށަހެޅިފައިވާ ޝަކުވާތަކަށް 2023 ނޮވެމްބަރު 5 ގެ ކުރިން، އީސީ އިން ގޮތެއް ކަނޑައަޅާނެ ކަމަށެވެ. އަދި ޝަކުވާ ހުށަހެޅި ފަރާތްތަކަށް އީސީ އިން ނިންމާ ނިންމުން، ސަބަބާއެކު އަންގާނެ ކަމަށެވެ.

Ad
rt

ރައްޔިތުންގެ މަޖިލީހުގެ ދާއިރާތައް ބަހާލަފައިވާގޮތުން މިހާރު އޮތީ 76 ދާއިރާ ނަމަވެސް އަންނައަހަރު މަަޖިލީހުގެ 93 ދާއިރާ އަށް ވަނީ އިތުރުކޮށްފައެވެ.

2024 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް އިތުރުވާ ގޮނޑިތަކަކީ މާލޭ ސިޓީ އަށް ހުޅުމާލެ މެދު ދާއިރާ އަދި ހުޅުމާލެ އުތުރު ދާއިރާ، އައްޑޫ ސިޓީ އަށް ފޭދޫ އުތުރު ދާއިރާ (ފޭދޫ، މަރަދޫފޭދޫ) އާއި މާޅޮސްމަޑުލު ދެކުނުބުރިއަށް (ބ. އަތޮޅު) ހިތާދޫ ދާއިރާ (ހިތާދޫ، މާޅޮސް، ދަރަވަންދޫ) އެވެ.

މީގެ އިތުރުން މާލެ އަތޮޅަށް ހުރާ ދާއިރާ (ހުރާ، ހިންމަފުށި، ގުޅީ) އަދި ހުވަދުއަތޮޅު އުތުރުބުރިއަށް (ގއ. އަތޮޅު) ކޮލަމާފުށި ދާއިރާ (ކޮލަމާފުށި، ދެއްވަދޫ) ވަނީ އިތުރުކޮށްފައެވެ.