ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ހައައު ރަންވޭ ބޭނުންކުރުން މަޑުޖައްސާލީ ސަރުކާރު ބަދަލުވާ މަރުހަލާގެ ކުރިއަށް ދާތީ ކަމަށް ރީޖަނަލް އެއާޕޯޓްސް (އާރުއޭސީއެލް) އިން ވިދާޅުވެއްޖެއެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވެފައިވާ ގޮތުގައި، ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫޢުގެ ތެރެއިން، ރަންވޭގެ 1400 މީޓަރުގެ ސަރަޙައްދުގައި ތާރު އެޅުމުގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި އެ ރަންވޭ ސަރަޙައްދު ވަގުތީގޮތުން ބޭނުންކުރަން ހުޅުވާލެވޭ މިންވަރަށް މަސައްކަތްތައް ނިމިފައިކަމަށް އޭނާ ވިދާޅުވެފަވެއެވެ.
އެހެންނަމަވެސް ސަރުކާރު ބަދަލުވުމުގެ މަރުހަލާ ކުރިއަށްދާތީ މި ނިންމުމަށް ބައެއް ކަހަލަ ބަދަލު ގެނެސްފައިވާ ކަމަށާއި އެ މަރުޙަލާގައި އައު ސަރުކާރުގެ އިތުރު ނިންމުންތަކެއް ހުރެދާނެކަމަށް ބަލައި މިވަގުތަށް އައު ރަންވޭ ބޭނުންކުރުން ފަސްކުރުމަށް ނިންމީ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ކުންފުނިން ކުރިން ނިންމާފައިވަނީ ރަންވޭގެ 1400 މީޓަރުގެ މަސައްކަތް ނިމޭއިރަށް، އައު ރަންވޭ ވަގުތީގޮތުން އޮޕަރޭޝަނަށް ގެނައުމަށެވެ.
ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ބާރަށް ކުރިއަށް! އަންނަ މަހު އާ ރަންވޭގެ އެއްބައި ބޭނުންކުރަން ފަށަނީ
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ސަރުކާރުން ފެށްޓެވީ މިއަހަރުގެ ޖެނުއަރީ މަހުއެވެ. އެގޮތުން ދުނިޔޭގައި ބޭނުންކުރާ އެންމެ ބޮޑެތި މަތިންދާބޯޓުތައް އޮޕަރޭޓްކުރާ ފެންވަރުގެ އެއާޕޯޓެއްގެ ގޮތުގައި އެ ޕްރޮޖެކްޓް އަންނަނީ ކުރިއަށްގެންދަމުންނެވެ.
މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ޕްލޭންކޮށްފައިވަނީ، އައު ރަންވޭގެ ބައެއް ނިންމައި، ޑޮމެސްޓިކް ދަތުރުތަކަށް ވަގުތީގޮތުން ރަންވޭ ބޭނުންކުރަން ހުޅުވާލުމަށެވެ. އަދި އެއަށްފަހު މިހާރުގެ ރަންވޭއާއި ޓާމިނަލް ނަގައި، އެ ސަރަހައްދު ކަނޑައެޅިފައިވާ ޕްލޭންގެ ދަށުން ތަރައްގީ ކުރަން ފެށުމަށް ވެސް ވަނީ ނިންމާފައެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް މަޝްރޫއަކީ ރާއްޖޭގައި އަތޮޅުތަކުގައި މިހައިތަނަށް ކުރިއަށްގެންދާ އެންމެ އަގު ބޮޑު މަޝްރޫޢުއެވެ. މިއީ 136.6 މިލިއަން ޑޮލަރުގެ މަޝްރޫޢުއެކެވެ.
މި މަޝްރޫއުގައި 2465 މީޓަރުގެ ރަންވޭއެއް ތަރައްގީކޮށް، އެއާޕޯޓްގެ މަސައްކަތް ނިމިގެންދާއިރު، ބޮއިންގ 737 އާއި A320 މަރުކާގެ ބޮޑެތި ބޯޓު މިރަންވޭއަށް ޖެއްސޭނެ ކަމަށް ރީޖަނަލް އެއާޕޯޓްސް އިން ވަނީ ވިދާޅުވެފައެވެ. އަދި އެއްފަހަރާ 1.3 މިލިއަން ފަސެންޖަރުންނަށް މި އެއާޕޯޓުން ހިދުމަތް ދެވޭނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!