ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި އަންނަމަހު ފްލައިޓު ޖައްސާނީ އައު ރަންވޭގައި ކަމަށް އެ އެއާޕޯޓު ހިންގާ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްއޭސީއެލް) އިން ހާމަކޮށްފިއެވެ.
އެ ކުންފުނިން ވިދާޅުވީ އެ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން އަލަށް ގާއިމް ކުރާ ރަންވޭގެ ފުރަތަމަ 1400 މީޓަރު އަންނަ މަހު ބޭނުން ކުރަން ފަށާނެ ކަމަށެވެ.
މި މަޝްރޫއުގެ ތެރެއިން އަލަށް ގާއިމްކުރާ 2.7 ކިލޯމީޓަރުގެ ރަންވޭ ޑިޒައިން ކޮށްފައިވާ ގޮތުން، އެ ރަންވޭ އާއި މިހާރު ބޭނުން ކުރަމުން ދާ ރަންވޭ ވަކި ހިސާބަކުން ގުޅާލިނަމަވެސް އެއާޕޯޓުގެ އޮޕަރޭޝަންތައް މެދު ކެނޑުމެއް ނެތި ކުރިއަށް ގެންދިއުމަށް އައު ރަންވޭގެ މަސައްކަތް ކުރަމުން ދަނީ ތިން ފިޔަވައްސަކަށް ބަހާލައިގެން ކަމަށް ވެސް އެމްއޭސީއެލް އިން ވަނީ ހާމަކުރައްވާފައެވެ.

މީގެ އިތުރުން އިންޑިއާގެ ޖޭއެމްސީ ކުންފުނީގެ ފަރާތުން މި މަސައްކަތާއި ގުޅޭ މައުލޫމާތު ދެއްވަމުން ސައިޓް އިންޖީނިއާ އިންދަރު ސިންގް ވިދާޅުވީ އެންމެ ފުރަތަމަ ނިންމުމަށް ހަމަޖެހިފައިވަނީ މިހާރު ބޭނުން ކުރަމުންދާ ރަންވޭ، އައު ރަންވޭ އާ ގުޅޭ ހިސާބުން ދެކުނަށް އޮތް 1400 މީޓަރުގެ ސަރަހައްދު ކަމަށެވެ.
އެ ސަރަހައްދުގެ މަސައްކަތް އަންނަ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ނިމޭނެ ކަމަށް ލަފާކުރައްވާ ކަމަށާއި، އެއާއެކު ދެ ރަންވޭ ގުޅޭ ހިސާބު ބަންދު ކުރުމަށްފަހު، ވަގުތީ ގޮތުން ފްލައިޓްތައް އޮޕަރޭޓު ކުރާނީ އަލަށް ހުޅުވާ ސަރަހައްދުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއަށްފަހު މިހާރު ބޭނުން ކުރާ ރަންވޭ އެއްކޮށް ނަގާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މިހާރު ބޭނުން ކުރާ ރަންވޭ ވަނީ ވަރަށް ބޮޑަށް ބާ ވެފައި ކަމަށާއި، އެހެން ކަމުން އެ ރަންވޭ އެއްކޮށް ތަޅާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އާރްއޭސީއެލް ގެ ސީއޯއޯ އަހުމަދު އިބްރާހީމް، މައުލޫމާތު ދެއްވަމުން ވިދާޅުވީ މުޅި ރަންވޭގެ މަސައްކަތް ނިންމައި، ބޭނުންކުރަން ފަށާނީ ވަގުތީ ޓާމިނަލަކާ އެކު ކަމަށެވެ. އެއާޕޯޓު ބަންދު ނުކޮށް މަސައްކަތް ކުރިއަށް ގެންދިއުމަށް ވަރަށް ގިނަ ފަރާތްތަކުން އެދިފައިވާ ކަމަށެވެ. އަދި މަސައްކަތް ކުރިއަށް ދަނީ ކޮންމެ ދުވަހެއްގެ މެންދުރު ފަހު 2 ން މެންދަމު 2 ޖަހަންދެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރަންވޭ އިންޑް ސޭފްޓީ އޭރިއާ އާއެކު މި ރަންވޭގެ ދިގު މިނުގައި ޖުމްލަ 2765 މީޓަރު ހުންނައިރު، މިއީ އެންމެ ބޮޑެތި ބޯޓު ފަހަރުތަކުގެ ތެރޭގައި ހިމެނޭ A320 އަދި ބޮއިން 737 މަރުކާގެ ބޯޓު ޖެއްސޭ ފެންވަރުގެ ރަންވޭއެކެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ރަންވޭ އާ އެކު އެއާޕޯޓުގެ ޓާމިނަލް އާއި ޖެޓީ އަދި އެހެނިހެން އިމާރާތްތައް އިމާރާތްކުރުމުގެ މަސައްކަތް ވެސް މިވަގުތު އަންނަނީ ކުރަމުންނެވެ. އޭގެތެރޭގައި ޖެޓީ ޓާމިނަލް ބިލްޑިން، އޭޓީސީ ޓަވަރާއި، ކާގޯ ކޮމްޕްލެކްސް، ކަރަންޓު ސަބްސްޓޭޝަންގެ އިތުރުން ވޮޗް ޓަވަރާއި އެމްއެންޑީއެފް ޕްލޮޓް އިމާރާތް ވެސް ހިމެނެއެވެ.
ޖުމްލަ 136 މިލިއަން ޑޮލަރުގެ މި މަޝްރޫއަކީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު މި މަސައްކަތް ޖޭއެމްސީ އާއި ހަވާލުކޮށްފައިވަނީ ދެ އަހަރުގެ ތެރޭގައި ނިންމައި ހަވާލު ކުރާ ގޮތަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!