ސްކޫލްތަކުގެ ސަޕޯޓު ސްޓާފުންގެ މުސާރައިގެ އޮނިގަނޑާއިމެދު ކަންބޮޑުވުންތަކެއް ހުރުމުން އެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމުގެ މަސައްކަތް ބައެއް ސްކޫލުތަކުގެ ސަޕޯޓު ސްޓާފުން ފަށައިފިއެވެ.

'ތިލަދުން' އަށް ވާހަކަ ދެއްވި މީހަކު ބުނީ ސްކޫލުތަކުގެ މަސައްކަތު މީހުން ނުވަތަ ސަޕޯޓު ސްޓާފުންނަކީ ކޮންމެދުވަހަކު ވެސް ވަރަށްބުރަކޮށް މަސައްކަތްކުރާ ބައެއް ކަމަށާއި އެކަމަކު މުސާރައިގެ ގޮތުގައި ލިބެނީ ނިސްބަތުން ކުޑަ އަދަދެއް ކަމަށެވެ.

Ad
rt

އެގޮތުން އޭނާ ބުނީ ކޮންމެ ދުވަހެއްގެ ވެސް ފަތިހު 4 ނުވަތަ 5 ޖަހާއިރު، ސްކޫލަށް ގޮސް އޮފީހާއި ފާޚާނާއާއި ކްލާސް ރޫމުތައް ފޮޅައި ސާފުކުރަން ޖެހޭ ކަމަށާއި އަދި ދަރިވަރުން އައުމުން ފާޚާނާތައް ސާފުކޮށް ބެލެހެއްޓުމަކީ ވެސް އެމީހުން ކުރާ ކަމެއް ކަމަށެވެ. އަދި މި ހުރިހައި މަސައްކަތެއް ނިންމައި، ގެއަށް ދެވެނީ ގިނަފަހަރަށް ރޭގަނޑު ކަމަށެވެ.

ޖުމްލަ ގޮތެއްގައި ކޮންމެ ދުވަހަކު ވެސް 30 ނުވަތަ 40 ކްލާސް ރޫމު ކުނިކަހައި، ފޮޅައި ސާފުކުރަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.

"އަހަރުމެން އެބަ އަންނަން ފަތިހު 4 ނޫނީ 5 ޖަހާއިރު ޑިއުޓީއަށް. އޮފީސް ސާފުކޮށް ކްލާސްތައް ކުނިކަހައި ފާޚާނާ ސާފުކޮށް ނިމޭނީ ހަމަކިރިޔާ ކުދިން އަންނަންވާއިރަަށް. އަދިއެނިމުނީއެއް ނޫން. ރޭގަނޑު ކަމެއް އޮވެއްޖިއްޔާ އިތުރު ގަޑީގަ އުޅެން ޖެހޭ." އޭނާ ބުންޏެވެ.

މީގެ އިތުރުން އޭނާ ބުނީ 2008 ވަނަ އަހަރުން ފެށިގެން މުސާރައިގެ ގޮތުގައި ލިބެމުން އައީ 3100 ރުފިޔާ ކަމަށާއި ނަމަވެސް އެންމެކުޑަ އުޖޫރަ ތައާރަފްކުރިފަހުން އޯވާޓައިމް އާއެކު 8800 ރުފިޔާ ލިބޭ ކަމަށެވެ. ނަމަވެސް އޭނާ ބުނީ އޯވާޓައިމްގެ ގޮތުގައި ލިބެނީ މުސާރައިގެ 10 އިންސައްތަ ކަމަށާއި އެއީ ކުރާ މަސައްކަތާ އަޅާ ބަލާއިރު، އެކަށޭނަ މިންވަރެއް ނޫން ކަމަށެވެ.

އޭނާ އިތުރަށް ބުނީ ސްކޫލުތަކުގައި ތިބޭ ބިދޭސީ ޓީޗަރުންނަށް ރިސްކް އެލަވަންސާއި ފުޑް އަދި އެކޮމޮޑޭޝަން އެލަވަންސް ވެސް ދޭ ކަމަށާއި ނަމަވެސް ސަޕޯޓު ސްޓާފުންނަށް އެންމެކުޑަމިނުން ރިސްކް އެލަވަންސް ވެސް ނުލިބޭ ކަމަށެވެ. އެހެންވެ، އެކަމަށް ތާއީދު ހޯދުމުގެ ގޮތުން ވައިބާ ގްރޫޕެއް ހަދައި، އެކަމަށް މީހުންގެ ތާއީދު ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އޭނާ ބުންޏެވެ.