ދުނިޔޭގެ މަޝްހޫރު ޓީވީ ޗެނަލް ބީބީސީގައި މަސައްކަތް ކުރާ ޓިއުނީޝިއާގެ ނޫސްވެރިއަކު އެ ޓީވީ ޗެނަލުން އިސްތިއުފާ ދީފިއެވެ.

އެ ޓީވީ ޗެނަލުން އިސްތިއުފާ ދީފައި ވަނީ ނޫސްވެރިޔާ ބައްސާމް ބޮނެނީއެވެ.

Ad
rt

ބައްސާމް، ބީބީސީން އިސްތިއުފާ ދީފައި ވަނީ، ފަހަކަށް އައިސް އެ ޓީވީ ޗެނަލުން އިސްރާއީލް ކޮޅަށް ބުރަވެ، ހަބަރުތައް ގެނެސްދެމުން އަންނާތީއެވެ. އިސްރާއީލުން ފަލަސްތީނުގައި ހިންގަމުން އަންނަ އުދުވާނާ ގުޅިގެން ބީބީސީން ބޮޑަށް ކުށްވެރި ކުރަނީ ފަލަސްތީނެވެ. ފަލަސްތީނުގެ ކުށެއް ނެތް ކުޑަ ކުދިންނާއި އަންހެނުން ޝަހީދުވަމުން އަންނަ އިރު، އެކަން މާ ބޮޑު ކަމަކަށް ނުހަދައި ބީބީސީން މަސައްކަތް ކުރަނީ އިސްރާއީލްގެ ޔަހޫދީން ހިމާޔާތް ކުރެވޭތީއެވެ.

"އަހަރެން ހެނދުނު ވާނީ އިސްތިއުފާ ދިން ކަން ބްރިޓިޝް ބްރޯޑްކާސްޓިން ކޯޕަރޭޝަން، ބީބީސީ އަށް އަންގާފައި. އެއީ އަހަރުމެންގެ ޕްރޮފެޝަނަލް ކެރިއަގައި ނިންމި ނިންމުމެއް،"

އިސްރާއީލް އާއި ފަލަސްތީނާ ދެމެދުގައި މިހާރު ހިނގަމުންދާ ހަނގުރާމައިގައި ފަލަސްތީނުގެ 3،500 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ އިރު، ޝަހީދުވި ކުޑަކުދިންގެ އަދަދު ވެސް 1،300 އަށް އަރައެވެ. މި ހަމަލާތަކުގައި 12،000 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ އިރު، އޭގެ ތެރެއިން 2،000 އަށް ވުރެ ގިނަ ކުޑަކުދިން ވެސް ޒަހަމްވެފައެވެ. އިސްރާއީލްގެ ހަމަލާތަކުގައި ޝަހީދުވި %70 މީހުންނަކީ ކުޑަކުދިންނާއި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނެވެ.

އިސްރާއީލް އާއި ފަލަސްތީނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ކަވަރު ކުރާ ގޮތާ މެދުގައި ބީބީސީ އަށް ފާޑު ކިއާ އިރު، 1922 އުފެއްދި އެ ޓީވީ ޗެނަލަކީ އިނގިރޭސި ވިލާތުގެ ބަޔަކު ފަންޑު ކުރާ ނޫހެކެވެ. އިނގިރޭސި ވިލާތަކީ ޒަމާނުއްސުރެ، އިސްރާއީލަށް ތާއީދު ކުރާ ގައުމެކެވެ.

ފަލަސްތީނުގެ ޣައްޒާގައި ހުންނަ އަލް އަހްލީ ހޮސްޕިޓަލަށް ހަމަލާ ދިނުމުގެ ކުރިން، ބީބީސީން ވަނީ ހަމާސްގެ ބިންގަރާސްތައް ސްކޫލްތަކާއި ހޮސްޕިޓަލްތަކުގެ ދަށުގައި ހުންނަ ކަމަށް ބުނެ، އެކަމާ ގުޅޭ ގޮތުން ބަހުސެއް ހިންގައިފައެވެ. އޭގެ ފަހުން، ދެން ފެނިގެން ދިޔައީ އަލް އަހްލީ ހޮސްޕިޓަލަށް ވައިގެ މަގުން ބޮން އެޅި ތަނެވެ. މި ހަމަލާގައި އެކަނި ވެސް ފަލަސްތީނުގެ 471 މީހުން ޝަހީދުވެ، 380 މީހުން ވަނީ ޒަހަމްވެފައެވެ.