ގޮންޖެހުންތައް ކުރިމަތި ނުވި ނަމަ މާލެއަށް މާ ފުރިހަމަކޮށް ކަންކަން ކޮށް ދެވުނީސް ކަމުގައި އިންތިހާބީ ރައީސް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ ގޮތުގައި އެންމެ ފަހު ފަހަރަށް ހުރިހައި މުވައްޒަފުންނާ ބައްދަލު ކުރެއްވުމަށް ރޭ ބޭއްވި ހާއްސަ ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

މުއިއްޒު ވިދާޅުވީ ޔަގީނުން ވެސް މަގުތައް ހެދި، ޕާކިން މަލްޓިސްޓޯރީ އެތައް ބިލްޑިންއެއް އަޅައި ޕާކިންގެ ބޮޑު މައްސަލަ އަށް ހައްލެއް ލިބޭނެ ކަމަށެވެ. އަދި އެކަންކަން ކުރުމަށް އެންމެ ފަހު މަރުހަލާ އާ ހަމައިން ހުއްދަ ނުލިބި މަސައްކަތް މަޑު ޖެހިފައި އޮތްކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ނޮވެމްބަރު 17 ގައި ރައީސްކަމުގެ ހުވާ ކުރައްވާ އައު ސަރުކާރުގެ މަސައްކަތް ފެށޭ ހިސާބުން އެ ހުރިހައި ކަމެއް ފަހިކޮށްދީ މާލޭގެ ރައްޔިތުން އެދޭ ކަންކަން ހަގީގަތަކަށް ހައްދަވައި ދެއްވާނެ ކަމަށާއި އެ ވެރިކަމުގައި މަސައްކަތް ކުރުމަށް ނަންގަވާނީ ގާބިލް ބޭފުޅުން ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

އިންތިހާބީ ރައީސް އިތުރަށް ވިދާޅުވީ ހުރިހައި މުވައްޒަފުންނަކީ ވެސް ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމުގެ ޖޯޝާއެކު މަސައްކަތްކޮށް، ޖަވާބުދާރީ ވުމަށް ފަސް ނުޖެހި، ހެޔޮ ހިތުން މަސައްކަތް ކުރާ ބައެއް ހެއްދެވުމަކީ އަޒުމެއް ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދެ ބުރުގައި ވެސް އެމަނިކުފާނަށް ލިބިލެއްވި ތާއީދާއި ސަޕޯޓުގެ މައްޗަށް އަލިއަޅުވައިލައްވާ ވިދާޅުވީ އެ ތާއީދު ލިބިވަޑައިގަތުމުގެ މައިގަނޑު ސަބަބަކީ ވެސް މާލެ ސިޓީގެ މުވައްޒަފުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. އެގޮތުން މާލޭގެ ކަންކަން ރީތި ގޮތުގައި އެންމެ ފުރިހަމައަށް އަދާކުރުމަށް މުވައްޒަފުން ކުރި މަސައްކަތް ވަނީ ފާހަގަކުރައްވާފައެވެ.

އެހެންކަމުން މާލޭ ސިޓީ ކައުންސިލުގެ ހުރިހައި މުވައްޒަފުން ކޮށްދެއްވި އަދި ކުރައްވަމުން ގެންދާ ބުރަ މަސައްކަތް ފާހަގަކުރައްވައި، މުއިއްޒު ވަނީ އެ ހުރިހައި މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ.