މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހޯއްދެވި ކާމިޔާބީ އަށް ސައުދީ އަރަބިއްޔާ އާއި އެމެރިކާ އަދި ސްރީލަންކާ އިން މަރުހަބާ ކިޔައިފިއެވެ.

ދެވަނަ ބުރުގެ ނަތީޖާ އަށް ދައްކާ ގޮތުން އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވަނީ 129،159 ވޯޓު ހޯއްދަވައިފައެވެ. މުއިއްޒާ ވާދަކުރެއްވި އެމްޑީީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 109،868 ވޯޓެވެ. މިއީ 19،291 ވޯޓުގެ ތަފާތެކެވެ.

Ad
rt

މުއިއްޒު ހޯއްދެވި ކާމިޔާބީއާ ގުޅިގެން ސައުދީ އަރަބިއްޔާގެ ސަރުކާރުގެ ރަސްމީ އެކްސް އެކައުންޓުގައި ކުރި ޕޯސްޓެއްގައި ވަނީ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވާ ކަމަށެވެ.

ސައުދީ ރަސްގެފާނާއި ވަލީއަހުދުގެ އިތުރުން ސައުދީން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މެޓްރެކް އަލް ދޮސާރީ ވެސް ވަނީ މުއިއްޒަށް މަރުހަބާ ދަންނަވައިފައެވެ.

ދޮސާރީ އެކްސްގައި ވިދާޅުވީ މުއިއްޒަށް މަރުހަބާ ދެންނެވުމަކީ ލިބޭ ބޮޑު އުފަލެއް ކަމަށެވެ. އަދި މަގާމުގެ މަސްއޫލިއްޔަތު ފުރިހަމަ އަށް އަދާކުރެއްވުމުގައި ކާމިޔާބީ އަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ސައުދީ ސަފީރު ވިދާޅުވިއެވެ. ސަފީރު ވަނީ ރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ދެމެދުގައި އޮތް ގުޅުން ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ބަދަހިކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓްގެ ސްޕޯސްކްޕާސަން މެތިއު މިލާ މިއަދު ނެރުއްވާފައިވާ ބަޔާނެއްގައި، ވިދާޅުވީ ރާއްޖެ އާއި އެމެރިކާ އިން މިހާތަނަށް އައިއިރު ވަރުގަދަ ގުޅުމެއް ބާއްވާފައިވާ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ރާއްޖެ އިން އެމެރިކާއާ އެކު ގުޅުން ބަދަހިކޮށް އެކުގައި މަސައްކަތް ކުރުމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މުއިއްޒަށް ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމް ސިންހަ ކުރެއްވި ފޯން ކޯލްގައި ރަނިލް ވަނީ ކުރިއަށް އޮތް ފަސް އަހަރު ރާއްޖޭގެ ވެރިކަމަށް މުއިއްޒު ހޮވިވަޑައިގަތުމާ ގުޅިގެން އެމަނިކުފާނަށް މަރުހަބާ ދަންނަވައިފައެވެ. ރާއްޖެ އާއި ލަންކާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން ކުރިއަށް އޮތް ތަނުގައި ވެސް ދެމެހެއްޓުމުގެ މުހިންމުކަމާ ގުޅޭ ގޮތުން ރަނިލް ވާހަކަ ދައްކަވާފައިވެއެވެ.

ދެ ބޭފުޅުންގެ މަޝްވަރާތަކުގައި ރާއްޖެ އާއި ލަންކާގެ ރައްޔިތުންނަށް ކުރިއެރުން ހޯދައި ދިނުމާއި އިގްތިސޯދީ ގޮތުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އޭގެ އިތުރުން ބައެއް ދާއިރާތައް ކަމަށްވާ ތައުލީމީ ސިއްހީ ދާއިރާ އާއި އިންވެސްޓްމަންޓްތައް ފުޅާ ކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެއްވިއެވެ.

މުއިއްޒަށް ދުނިޔޭގެ އެކިއެކި ގައުމުތަކުން އަންނަނީ މަރުހަބާ ކިޔަމުންނެވެ.