ރައްޔިތުން ގޮތެއް ނިންމަވައިފިނަމަ އެގޮތް ބަލައިގަންނަން ޖެހޭނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގައި ވޯޓުލައްވަން ޖާމަލުއްދީން ސްކޫލަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އިންތިހާބެއް ނިމިގެން ދާއިރު ހުރިހާ އެންމެން އެއް ކެންޑިޑޭޓަކަށް ވޯޓެއް ނުލާނެ ކަމަށާއި އާންމުކޮށް އަންނަނީ ކުޑަ ތަފާތެއް ކަމުގައި ވިޔަސް އަބަދު ވެސް އިސްކުރަން ޖެހެނީ ގައުމީ ހަމަޖެހުން ކަމަށެވެ.
މީގެ އިތުރުންކުރިއަށް އޮތް 5 އަހަރު ބަލަންވީ މިއަދު ރައްޔިތުން ނިންމާ ގޮތަށް ކުރިއަށް ދިއުމަށް ކަމަށާއި އެއް 5 އަހަރަށްފަހު އަނެއް 5 އަހަރު ރަނގަޅުވެ، ސުލްހަވެރިވެ، ގައުމަށް ކުރިއެރުން ލިބޭނެ ކަަމަށް ގަބޫލު ކުރަން ވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެއީ ރައްޔިތުން ބޭނުންވާނެ ގޮތް ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
ކޮންމެ ކެންޑިޑޭޓެއް ކާމިޔާބު ކުރިއަސް ރަނގަޅަށް ކަންތައްތައް ކުރިއަށްދާނެކަން ގަބޫލުކުރަން އެދިވަޑައިގަންނަވާކަން ހާމަކުރައްވާ، ގައުމުގެ ނައިބު ރައީސް ކަމުގެ މަގާމުގައި ފަސް އަހަރު ހުންނެވި ބޭފުޅެއްގެ ހައިސިއްޔަތުން އެމަނިކުފާނުގެ އެންމެ ބޮޑު އެދިވަަޑައިގަތުމަކީ ގައުމީ ހަމަޖެހުމާއި ގައުމީ ކުރިއެރުން ކަމަށް ވެސް ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ހުންނަވާނީ ރައްޔިތުން ނިންމާ ގޮތަކަށް ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ތާއީދު ކުރައްވާނީ ރައްޔިތުން ނިންމަވާފައި އޮންނަ ގޮތަކަށް ކުރިއަށް ދިއުމަށް ކަމަށާއި ވޯޓުލުމުގެ ހައްގަކީ އަދާކުރަން ޖެހޭ ހައްގެއްކަން ވަނީ ހަނދާން ކޮށްދެއްވާފައެވެ. އަދި ގާނޫނުން ކޮންމެ ރައްޔިތަކަށް ވެސް ގުޅިފައިވަނީ ގައުމުގައި ހިނގާ ކޮންމެ ކަމަކާ ކަމަށާއި އެއީ ވަރަށް ބޮޑު ނިންމުމެއް ކަމަށް ވެސް ވިދާޅުވިއެވެ.
މި މުޖުތަމައުއަށާއި ގައުމަށް ވެރިއަކު އިސްކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށާއި ވޯޓުލުމަކީ މުހިއްމު ކަމެއް ކަމަށާއި ވޯޓާސް ލިސްޓުގައި ހިމެނޭ ހުރިހާ އެންމެން ވެސް ވޯޓުލުމަށް ދިއުމަށް ވެސް ނައިބު ވަނީ އިލްތިމާސް ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!