ށ. ނޫމަރާ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ސައިޓް މޮބިލައިޒް ކޮށްފިއެވެ.

މި މަސައްކަތް ފަށަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ސައިޓް މޮބިލައިޒް ކުރީ އިއްޔެއެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން، 34،386 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި އައު ހާބަ ބޭސިން ފުންކުރުމާއި، 5،076 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 2،920 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ނެރު ފުންކުރުމުގެ މަސައްކަތް ކުރާނެއެވެ.

މީގެ އިތުރުން، 32 މީޓަރުގެ މިހާރު ހުރި އެއްގަމު ތޮށި މަރާމާތު ކުރުމާއި، 177 މީޓަރުގެ އެއްގަމުތޮށި ލުމާއި، 303 މީޓަރުގެ ބޭރުތޮށި ލުމާއި، 64 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 120 މީޓަރު ދިގު 2 މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 1،652 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމާއި، މޫރިންގ ބޮއެ ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މިއީ 53.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.