ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ލަސް ޕަލްމާސް ބައްދަލުކުރި މެޗު، ރެއާލުން ކާމިޔާބު ކޮށްފިއެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ.

މިދިޔަ ހަފްތާ ބަންދުގައި ރެއާލުން ލީގުގައި އެތުލެޓިކޯ މެޑްރިޑް އަތުން ބަލިވި މެޗުގައި ބޭނުންކުރި ފުރަތަމަ އެގާރައަށް ގިނަ ބަދަލުތަކެއް ގެނެސްގެން ރޭ މެޗު ރެއާލުން ފެށިއިރު، ރޭ ވަނީ ސީޒަންގައި ފުރަތަމަ ފަހަރަށް ބްރަހިމް ޑިއާޒްއާއި ފާލަންޑް މެންޑީ ފުރަތަމަ އެގާރާގައި ހިމަނާފައެވެ. އޮގަސްޓް މަހު ފަލަމަސްގަނޑަށް އަނިޔާވެގެން ކުޅުމާއި ދުރަށް ދާން ޖެހުނު ވިނީސިއަށް ޖޫނިއާ ރޭ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅުނުއިރު، މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ބެލިންހަމްއަށް އަންޗެލޮޓީ ވަނީ ރެސްޓް ދީފައެވެ.

Ad
rt

ރޭ މެޗުގެ ފުރަތަމަ ހާފުގައި ރެއާލުން ވަނީ ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. މި ހަމަލާތައް ހުއްޓުވުމުގައި ޕަލްމާސްގެ ކީޕަރު އަލްވާރޯ ވަލެސްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފައެވެ. ރޮޑްރިގޯއާއި ހޮސެލޫގެ އިތުރުން ލޫކަސް ވަޒްކުއޭޒްއާއި ނަޗޯ ފޮނުވާލި ނުރައްކާތެރި ހަމަލާތައް ވަލެސް ވަނީ ހުޝިޔާރުކަމާއިއެކު ހުއްޓުވާފައެވެ.

ރެއާލަށް މެޗުގައި ކާމިޔާބުކުރި ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭ ލޫކަސް ވަޒްކުއޭޒް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ބްރަހިމް ޑިއާޒްއެވެ. މިއީ އޭނާ މި ސީޒަންގައި ރެއާލަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

ރެއާލުން ދެވަނަ ލަނޑުޖަހައި ލީޑު ފުޅާ ކޮށްފައި ވަނީ މެޗުގެ 54 ވަނަ މިނެޓުގައެވެ. ޕަލްމާސްގެ އޭރިއާތެރެއަށް ރޮޑްރިގޯ މަތިން ހުރަސްކުރި ބޯޅަ ބޮލުން ޖަހައި ހޯސެލޫ ވަނީ އެ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލާފައެވެ.

މި ނަތީޖާއާއިއެކު ރެއާލް ވަނީ ޕޮއިންޓް ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. ރެއާލަށް ހަތް މެޗުން 18 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނާގައި އޮތް ބާސާއަށް ހަތް މެޗުން ލިބިފައި ވަނީ 17 ޕޮއިންޓެވެ.

ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ ޖިރޯނާއެވެ. ޖިރޯނާ އަދި މި ސީޒަންގައި ބަލިވެފައި ނުވާއިރު، އެ ޓީމުން ރޭ ވަނީ 2-1 ގެ ނަތީޖާއިން ވިޔަރެއާލް ބަލިކޮށްފައެވެ. ޖިރޯނާ ތާވަލުގެ އެއްވަނާގައި އޮތީ ކުޅުނު ހަތް މެޗުން ލިބުނު 19 ޕޮއިންޓާއި އެކުގައެވެ.