އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރި ތާއީދު އަނބުރާ ގެނެސް، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރަން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން މިރޭ ނިންމައިފިއެވެ.

މިރޭ ބޭއްވި އެމްޑީއޭގެ ކައުންސިލް ބައްދަލުވުމުގައި އެގޮތަށް ނިންމި އިރު، ކައުންސިލަށް ހުށަހެޅުއްވީ ކައުންސިލް މެމްބަރު މުހައްމަދު އައްބާސްއެވެ. އެކަމަށް ތާއީދު ކުރެއްވީ އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފެވެ. އެ ހުށަހެޅުއްވުން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 33 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ހުށަހެޅުން ފާސް ކުރަން ނުފެންނަ ކަމަށް ދެ މެމްބަރުން ވޯޓު ދެއްވިއެވެ.

Ad
rt

ކައުންސިލް ބައްދަލުވުމަށް ތިން ހުށަހެޅުމެއް ހުށަހެޅިއެވެ. އެއީ ރައީސް ސޯލިހާ އެކު ދެވަނަ ބުރުގައި ވެސް ކުރިއަށް ދިއުމާއި، ދެވަނަ ބުރުގައި މުއިއްޒަށް ތާއީދު ކުރުމާއި އަދި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކޮށް ތިބުމަށެވެ. އޭގެ ތެރެއިން އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު ހުށަހެޅުއްވީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކޮށް، ސައިލެންޓްކޮށް އެމްޑީއޭ އިން ތިބުމަށެވެ. އެކަމަކު، އެ ހުށަހެޅުން ފާސްވެފައެއް ނުވެއެވެ.

ކައުންސިލް ބައްދަލުވުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފް ވިދާޅުވީ، ފުރަތަމަ ބުރުގައި ވެގެން ދިޔަ ގޮތުން ދެވަނަ ބުރުގައި ރައީސް ސޯލިހަށް ކާމިޔާބު ނުވާނެ ކަމަށް %97 ކައުންސިލް މެމްބަރުން ގަބޫލު ކުރައްވާ ކަމަށެވެ.

"އޭގެ ތެރެއިން ބައެއް ބޭފުޅުން ވިދާޅުވީ، ރައްޔިތުން މި އޮތީ ގޮތެއް ނިންމާފައޭ. އެއީ ސަރުކާރު އޮވެ، ސަރުކާރާ އެކީގައި ކޯލިޝަނެއް ހެދި، އިދިކޮޅު ކެންޑިޑޭޓް 15،000 ވޯޓުގެ ތަފާތަކުން ކުރި ހޯދީމާ ދެން ރައްޔިތުން އާނބަސް ބުނީ ކަމަށް. އޭގެ އިތުރުން ރާއްޖޭގެ ސިޔާސީ ހަގީގަތް ފުރޮޅެމުން މިދާ ފުރޮޅުމާ އެކީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކީގައި އިތުރު އެއްވެސް ޕާޓީއަކުން ކޯލިޝަން ނުހެދުން ވެގެން ދިޔައީ އިންތިހާބު ކުރަން އޮތް ވަރަށް ބޮޑު ހުރަހެއްގެ ގޮތުގައި،" އަލީ މައުރޫފް ވިދާޅުވިއެވެ.

ދެ ވަނަ ބުރުގައި މުއިއްޒަށް ލިބޭ ތާއީދު އިތުރުވަމުން އަންނަ ކަމަށް އެމްޑީއޭގެ ކައުންސިލްގެ މެމްބަރުން ދެކެވަޑައިގަންނަވާ ކަމަށް ވެސް އަލީ މައުރޫފް ވިދާޅުވިއެވެ. ފުރަތަމަ ބުރުގެ ދަށް ނަތީޖާ އަށް ފަހު، އެމްޑީޕީ އެއްކޮށް ހިމޭންވެ، ހުރިހާ ރަށެއްގެ ޖަގަހަތައް ބަންދުކޮށް، 15 ދުވަސް ވަންދެން ހަރަކާތްތައް ނުހިންގައި ތިބުމަކީ އެމްޑީޕީން ބަލި ގަބޫލުކުރުން ކަމަށް އެމްޑީއޭ މެމްބަރުން ފާހަގަ ކުރައްވާ ކަމަށް އަލީ މައުރޫފް ވިދާޅުވިއެވެ.

އަލީ މައުރޫފް ވިދާޅުވި ގޮތުގައި، މަންޒަރުތަކަށް ބަލާއިރު އެމްޑީއޭ އަށް ފެންނަނީ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުން މުއިއްޒު ބޮޑުތަނުން މޮޅުވާ ތަނެވެ.

"އެހެންވެ، އަޅުގަނޑުމެން ގައުމަށް ހިދުމަތް ކުރަން ބޭނުންވާތީ ކާމިޔާބު ކުރާނެ ފަރާތްތަކަށް ގައުމީ ނަޒަރަކުން އެކަން ގަބޫލުކުރީ،" އަލީ މައުރޫފް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ އެކުގައި ކޯލިޝަން ހެދުމަށް އެމްޑީއޭ އިން ނިންމާފައި ވަނީ މި އަހަރުގެ ފެބްރުއަރީ 24 ގައެވެ. އޭގެކުރިން ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ސިޔާމް ނިންމަވާފައިވެއެވެ. އެކަމަކު ފަހުން އޭނާ ނިންމެވީ ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމުގެ ބަދަލުގައި އެހެން ޕާޓީއަކާއެކު ކޯލިޝަނެއްގެ ގޮތުގައި އިންތިހާބަށް ނުކުންނެވުމަށެވެ.

އެމްޑީއޭ އިން އެންމެ ފަހުން ކޯލިޝަން ހެދީ 2013 ވަނަ އަހަރު ޕީޕީއެމްގެ އޭރުގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އާއެކުއެވެ. ނަމަވެސް 2018 ވަނަ އަހަރު އެ ޕާޓީއާއެކު ކޯލިޝަނެއް ހަދާފައެއް ނުވެއެވެ.