"މިހާރު ރާއްޖެތެރޭގެ ރައްޔިތުންނަށް ދިމާވާ އެންމެބޮޑު އެއް ދައްޗަކީ، ކިތަންމެ ކުޑަ ކަމަކަށް ނަމަވެސް، ޞިއްޙީ ފަރުވާއަކަށް ބޭނުންވެއްޖިއްޔާ މާލެ ދާންޖެހޭކަން... ކޮންމެ ކަމެއް ދިމާވުމުން، މާލެ ދިޔުމަކީ އެއްގޮތަކަށްވެސް ފަސޭހަކަމަކަށް ނުވާނެ...ވަރަށް ބޮޑެތި ޚަރަދުތައް ކޮށްގެން ނޫނީ ނުކުރެވޭ ކަމަކަށްވާނީ.... މިއަދު ތިލަދުންމަތީ ދެކުނުބުރީގެ ކުޅުދުއްފުށީގައި މި ހުޅުވުނު ރީޖަނަލް ހޮސްޕިޓަލުގެ ސަބަބުން މިހިސާބުގަނޑުގެ ރައްޔިތުންނަށް ވަރަށްބޮޑު ފަސޭހަކަމެއް ލިބިގެންދާނެ ކަމާމެދަކު ޝައްކެއްނެތް."
މިއީ 1982 މާރިޗު 1 ގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ތަޤުރީރުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެފައިވާ މުހިއްމު ވާހަކަފުޅެކެވެ. މީގެ 41 އަހަރުކުރިންއެމަނިކުފާނު ފާހަގަކުރެއްވި މާލެއަށް ބަރޯސާވެފައިވާ ނިޒާމު ލާމަރުކަޒުކުރެއްވުމުގެ ސިޔާސަތަކީ މިއަދު ވެސް އެކަމަކަށްޓަކައި އަހަރެމެން ކެނޑިނޭޅި މަސައްކަތްކުރަމުން މިދާ ތަރައްޤީގެ މުއްހިމު އެއް ބަހާއެވެ. ޞިއްޙީ ޚިދުމަތް ފަދަ އަސާސީ ޚިދުމަތްތައް ލުއިފަސޭހަކަމާއެކު ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމުގެ ސިޔާސަތެވެ. އެހެންކަމުން މިއަދާ ހަމައަށް އައިއިރު އެ ލަނޑުދަނޑި ހާސިލުކުރުމުގައި ފިޔަވަޅުނަގާފައި ހުރި ދުވެއްޔާއި މިސްރާބާ މެދު ވިސްނާލަން ޖެހެއެވެ. ޤައުމީސިޔާސަތުތައް ބައްޓަންކުރެވެމުންދަނީ ކޮން ވިސްނުމަކަށްތޯ ފިކުރުކޮށްލާން ޖެހެއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޚިދުމަތްދޭން ފެށިތާ 17 އަހަރަށް ފަހު، ޖާގައިގެ މައްސަލަ ހައްލުކޮށް ޚިދުމަތްތައް އިތުރުކުރުމަށްޓަކައި، މިހާރު ފެންނަން ހުރި އިމާރާތައް އެ ހޮސްޕިޓަލް ބަދަލު ކުރެވިގެން ދިޔައީ 1999 އަހަރުގައި އެވެ. މި އައު އިމާރާތުން ޖެނެރަލް އޮޕަރޭޝަން ތީއޭޓަރ އަކާއި ޑެލިވަރީ ރޫމަކާއި ލެބެއް އަދި އެކްސްރޭއަކާއެކު ހޮސްޕިޓަލުގެ ޚިދުމަތް ފުޅާކުރެވިގެން ދިޔައެވެ. އެއިރަށް މުހުތާދުތައް ފުއްދާލެވޭވަރަށެވެ.
ރާއްޖެއަށް މަލްޓިޕާޓީ ޑިމޮކްރަސީ ތަޢާރަފުވުމަށްފަހު 2008 ވަނަ އަހަރު އައި ފުރަތަމަ ސަރުކާރުގެ ވައުދަކަށްވީ 'އަނެއްދިވެހިރާއްޖެ'އަށް ދިވެހީން ގެންގޮސްދިނުމެވެ. ދިވެހީންނަށް 'ތާހިރު ދިރިއުޅުމެއް' ހޯދައިދިނުމެވެ. އެއީ މަރުކަޒީ ބާރުތައް އަތޮޅުތެރެއަށް ދޫކޮށްލައި، ލާމަރުކަޒީ މޮޑެލް ތަންފީޒުކުރަންފަށައިގެންނެވެ. މި ސިޔާސަތުގެ ދަށުން ޞިއްޙީ ދާއިރާއަށް ގެނައި ބަދަލުތަކާއެކު، ހެލްތު މިނިސްޓްރީ ދަށުން ހޮސްޕިޓަލްތަކުގެ ހިންގުން ނަގައި ހެލްތު ސަރވިސަސް ކޯޕަރޭޝަންތަކެއްގެ ދަށުން ހިންގުމަށް ނިންމުނެވެ. އެގޮތުން އަޕަނޯތު ހެލްތު ސަރވިސަސް ކޯޕަރޭޝަން އުފައްދައި 16 ސެޕްޓެމްބަރ 2010 ގައި އެ ކުންފުނީގެ ބޯޑު އެކުލަވައިލެވުނެވެ. އަދި 2011 ވަނަ އަހަރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ވެސް ހިމެނޭހެން އުތުރުގެ ތިން އަތޮޅުގެ ހޮސްޕިޓަލްތަކުގެ ހިންގުމާ އެ ކޯޕަރޭޝަނުން ހަވާލުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކެރިޓަސް އިޓާލިއާނާއާ އެކު ދިވެހިރާއްޖޭގެ ސިއްހީދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނެވެ. އެގޮތުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އެން.އައި.ސީ.ޔޫ އާއި އުފަންހިޔާ އިމާރާތް ތަރައްގީކުރުން ހިމެނެއެވެ. މީގެ އިތުރުން އައިޖީއެމް ހޮސްޕިޓަލާ އެއްފެންވަރަކަށް ކުޅުދުއްފުށްޓާއި ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ތަރައްޤީ ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަޒީރުންގެ މަޖިލީހުން 2011 ޖުލައި މަހު ފާސްކޮށް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ކެންސަރު ބަލީގެ ފަރުވާއަށް ޚާއްސަކޮށްގެން ޓަރޝަރީ ފެންވަރަށް ތަރައްގީކުރުމަށް މަސައްކަތްތަކެއް ފެށުނެވެ. އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގަން ޖަރުމަނުގެ ޕްރޯމެޑް ކްލިނިކާ އާ އެކު 2011 ސެޕްޓެމްބަރު މަހުގެ ތެރޭގައި އެގްރީމަންޓުކޮށް ސޮއިކުރެވުނެވެ. އެ އެގްރީމަންޓްގައި ވާގޮތުން އެ ހޮސްޕިޓަލް އެންމެ ޒަމާނީ ފެންވަރަށް ހިންގުމަށް ކުރަންޖެހޭ ހުރިހާ އިންވެސްޓްމަންޓްތަކެއް 2 އަހަރުދުވަހުގެ ތެރޭގައި ކުރަންޖެހެއެވެ. އެހެންނަމަވެސް ވިޔަފާރީގެ މޮޑެލްގައި ސިއްހީދާއިރާ ހިންގުމަށް ރައީސް ނަޝީދުގެ ޒަޢާމަތުގައި ކުރެއްވި ތަސައްވުރުގައި 'ތާހިރު' ކުލައެއް ނުޖެހި 2012 ފެބަރުއަރީމަހުގައި އެ ވެރިކަން ނިމިގެން ދިޔައީއެވެ.

ޖެހިގެން އައި ޕީ.ޕީ.އެމް. ގެ ސަޕޯޓާއެކު ހިންގި ރައީސް ވަޙީދުގެ ސަރުކާރާއި އޭގެ ފަހުން އައި ރައީސް ޔާމީން އަބްދުލް ޤައްޔޫމްގެ ސަރުކާރަކީ އެމް.ޑީ.ޕީ.ގެ ލާމަރުކަޒީ ސިޔާސަތާ މުޅިން އިދިކޮޅު މަރުކަޒީ ސިޔާސަތެއް ގެންގުނު ސަރުކާރުތަކެއްކަމުން، އެ 7 އަހަރަކީ އަތޮޅުތެރޭގެ ސިއްހީ ނިޒާމަށް ކުރިއެރުންތަކެއް ގެނެވުނު 7 އަހަރެކޭ ދެންނެވޭކަށް ނެތެވެ. ނަޝީދުގެ ވެރިކަމުގައި އުފެއްދި ހެލްތު ކޯޕަރޭޝަންތަކުގެ ދަށުން ހިންގި ހޮސްޕިޓަލްތައް އަލުން އަނބުރާ މިނިސްޓްރީ އޮފް ހެލްތުގެ ދަށަށް ބަދަލުކުރެވުނެވެ. އެހެނެއްކަމަކު، ރައީސް ޔާމީންގެ ޕީ.ޕީ.އެމް. ވެރިކަމުގައި އައި.ޖީ.އެމް.އެޗް ގެ ހިންގުން ވަކި ބޯޑެއްގެ ދަށަށް ބަދަލުކޮށް އުމްރާނީ ތަރައްގީގެ މެގަ ޕްރޮޖެކްޓުތަކެއް އައި.ޖީ.އެމް.އެޗް ގައި ކާމިޔާބުކަމާއެކު ހިންގިއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ތަރައްގީއަށް ރައީސް ނަޝީދެކޭ އެއްގޮތަށްރައީސް ޔާމީންގެ ތަސައްވުރު އޮތީ ބޭރުގެ ކުންފުންޏަކާ ހަވާލުކޮށްގެން ހިންގުމެވެ. އެގޮތުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްޤީކޮށް ހިންގުމަށް އިންޑިޔާގެ ނިމްސް ހޮސްޕިޓަލް ހިންގާ ނޫރުލް އިސްލާމް އިންޓަރނޭޝަނަލް އާ ދެމެދު 2017 ޖޫން މަހުގެ ތެރޭގައި ސޮއިކުރެވުނެވެ. އެ ހޮސްޕިޓަލް 50 އަހަރަށް އެކުންފުންޏާ ހަވާލުކުރި އިރު، އެކި ދާއިރާތަކުން ސުޕަސްޕެޝަލިސްޓު ޑޮކްޓަރުންގެ ހިދުމަތް ދިނުމާއި ޒަމާނީ ލެބޯޓްރީ ހިދުމަތާއި ސީޓީ ސްކޭން އަދި އެމް.އާރު.އައި. ސްކޭންގެ ހިދުމަތް ހިމެނޭގޮތަށް ޑައިގްނޯސްޓިކް ހިދުމަތްތައް ތަރައްޤީކުރުމާއި މަލްޓި ސްޕެޝަލިޓީގެ އިތުރުން ތެލެސީމިއާގެ މައްސަލަތަކާއި ބޯންމެރޯ ޓްރާންސްޕްލާންޓް ހިމެނޭހެން ޖެނެޓިކް ޑިސްއޯޑާސްގެ ދާއިރާއިން ހާއްސަ ފަރުވާ ދިނުމާއި، އެއްބަސްވުމުގައި ސޮއިކުރާތާ އެއް އަހަރާއި ހަތަރު މަސްދުވަހުގެ ތެރޭގައި 50 އެނދުން 150 އެނދުގެ ހޮސްޕިޓަލަކަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ބަދަލުކުރުން ހިމެނެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްޤީކުރުމުގެ އިތުރުން އިންޑިޔާގެ ނިމްސް މެޑިސިޓީ އިތުރު ޚިދުމަތްތަކެއް ތަރައްޤީކުރުމަށްޓަކައި ޖުލައި 2017 ގެ ތެރޭގައި ސަރުކާރުން ދެ ރަށެއް ވަނީ އެ ކުންފުންޏަށް ދީފައެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒައިލް ޚާންއާ ހަވާލާދީ މި ޚަބަރު އިންޑިއާގެ ވެބްސައިޓެއްގައި ޝާޢިއުކޮށްފައިވާ ކަމަށް 'މިހާރު' ފަދަ ނޫސްތަކުން ރިޕޯޓުކޮށްފައިވާ އިރު، ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް އެ ދާއިރާ އިން ތައުލީމް ދެވޭނެ ވަސީލަތްތަކާއި ރާއްޖޭގައި މޯލްޑިވްސް ސްޕޭސް ރިސާޗް އޮގަނައިޒޭޝަނެއް ގާއިމުކުރަން ނިންމާފައިވާ ކަމަށާއި އެ ކަމަށްޓަކައި ރާއްޖެ އިން ދެ ރަށެއް ސަރުކާރުން 50 އަހަރަށް އެ ކުންފުންޏަށް ކުއްޔަށް ދީފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ. އަދި މެޑިކަލް ދާއިރާއިން ކިޔަވައިދޭ ސެންޓަރާއި ޖެނެޓިކް ރިސާޗް ސެންޓަރެއް ހަދަން 25 މިލިއަން ޑޮލަރު ހަރަދު ކުރަން ނިންމާފައިވާ ކަމަށާއި އެ ރަށްރަށް މޯގޭޖް ކޮށްގެން ލޯނު ނަގަން ވެސް ސަރުކާރުން ހުއްދަ ދީފައިވާ ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.
އެހެންނަމަވެސް އެއް އަހަރާއި ހަތަރު މަހުގެ ތެރޭގައި 150 އެނދުގެ ޓާޝަރީ ހޮސްޕިޓަލަކަށް ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްޤީކުރުމަށް އިންޑިޔާ މެދުވެރިކޮށް ރައީސް ޔާމީން ކުރެއްވި ތަސައްވުރު ވެސް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. ރަނގަޅަށް ހިންގަމުން އައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އިންޑިޔާގެ ނޫރުލް އިސްލާމް ކުންފުންޏާ ހަވާލުކޮށްގެން 6 މަސް ފާއިތުވެގެން ދިޔައިރު ޑޮކްޓަރުން ނުލިބުމާއި ބޭނުންވާ ވަސީލަތްތައް ހުސްވުމުގެ ސަބަބުން އޮތީ ޚިދުމަތް މެދުކެނޑޭ ހިސާބަށް ގޮސްފައިއެވެ. ޚިދުމަތުގެ ފެންވަރު ދަށްވުމުގެ އިތުރުން ކޮރަޕްޝަނާއި އާސަންދައިން އޮޅުވާލައިގެން އެކުންފުނިން ފައިސާ ނެގުންފަދަ ބޮޑެތި މައްސަލަތަކެއް ތިލަވެގެން ދިޔައެވެ. އެދެވޭ ސިއްހީ ފަރުވާއެއް ނުލިބޭކަމުގެ ޝަކުވާ ކުޅުދުއްފުށްޓާއި އުތުރުގެ އަތޮޅުތަކުން ސަރުކާރަށް ކެނޑިނޭޅި ލިބެމުން ދިއުމުގެ ނަތީޖާއަކަށްވީ ސިއްހީ ޚިދުމަތް މެދުކެނޑިދާނެ ކަމުގެ ބިރުގައި ޑިސެމްބަރ 2017 ގެ ތެރޭގައި އެ ހޮސްޕިޓަލުގެ ހިންގުމާ ވަގުތީ ގޮތުން އަނެއްކާ ވެސް މިނިސްޓްރީ އޮފް ހެލްތުން ހަވާލުވުމެވެ. މީގެ އިތުރުން އެ ހޮސްޕިޓަލް ހިންގުމުގައި ކުރިމަތިވެފައިވާ މައްސަލަތައް 10 ދުވަސް ތެރޭގައި ހައްލު ނުވެއްޖެ ނަމަ، އެއްބަސްވުން ބާތިލްކުރާނެކަމަށް 9 ޖެނުއަރީ 2018 ގައި ހެލްތު މިނިސްޓަރ ނާޒިމް އިއުލާނުކުރެއްވިއެވެ. އަދި އެގްރީމަންޓް ބާތިލުކުރުމުގެ މަސައްކަތް އޭޕްރީލް 2018 ގައި ފަށައި ޖުލައި 2018 ގެ ތެރޭގައި އެއްބަސްވުން ބާތިލުކޮށް ދިވެހި ދައުލަތުން އިންޑިޔާގެ ކުންފުންޏަށް 29 މިލިއަން ރުފިޔާ ދިނުމަށްފަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ހިންގުމާ ސަރުކާރުން ރަސްމީކޮށް ހަވާލުވިއެވެ.
2018ގެ ރިޔާސީ އިންތިޚާބަށް 2 މަހަށް ވެފައި ވަނިކޮށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ޚިދުމަތްތައް ފުޅާކުރެވޭތޯ ގިނަ މަސައްކަތްތަކެއް ކުރަން ޕީ.ޕީ.އެމް.ގެ ސަރުކާރުން ރައީސް ޔާމީން ނިންމެވިއެވެ. އެގޮތުން އިންޑިޔާގެ ކުންފުނިން ތަރައްގީކުރަން ފަށާފައިވާ ސީޓީ ރޫމް މެޑިކަލް ގްރޭޑަށް ނުފެތޭކަމަށް ފަންނީ މާހިރުން ލަފާދީފައިވާތީ، އެ މަސައްކަތް އަލުން ކުރުމާއި، ޒަމާނީ ފެންވަރުގެ ސީޓީ އަދި އެމް.އާރު.އައި. މެޝިނެއް ގެނައުމާއި، ކާޑިއެކް ޔުނިޓާއި ފިޒިއޮތެރަޕީ އަދި ޑެންޑަލް ޑިޕާޓްމަންޓް ތަރައްޤީކުރުމުގެ މަސައްކަތް ފެށިއެވެ. އަދި ހިންގުން ހަރުދަނާކުރުމަށްޓަކައި މެޑިކަލް ޑިރެކްޓަރއެއްގެ ގޮތުގައި އައިޖީއެމްއެޗްގެ ޑރ. މުހައްމަދު ވަޙީދާއި ނަރސިން ޑިރެކްޓަރއެއް ހަމަޖެއްސިއެވެ. އެހެންނަމަވެސް ރިޔާސީ އިންތިޚާބާ ދެމެދުއޮތް މަދު ދުވަސްކޮޅުގެ ތެރޭގައި، ސީޓީ ސްކޭން މެޝިން އިންސްޓޯލު ކުރުމުގެ އިތުރުން ފާހަގަކޮށްލެވޭ އިތުރު ތަރައްޤީއެއް އެ ހޮސްޕިޓަލަށް ގެނެވިފައި ނުވެއެވެ.
މަރުކަޒީ ވެރިކަމަކަށް ފަހު އެމްޑީޕީގެ 'ޖަޒީރާ ރާއްޖެ' ހޯދައިދިނުމަށް ގެނައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި އަނެއްކާ ވެސް ލާމަރުކަޒީ ސިޔާސަތުގެ ދަށުން އަތޮޅުތެރޭގެ ސިއްހީ ނިޒާމު ތަރައްޤީކުރުމުގެ މަސައްކަތް ތަންފީޒުކުރަން ފެށުނެވެ. އެގޮތުން 2019 ވަނަ އަހަރު އިއުލާނުކުރެވުނު 4 ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ ޕްރޮޖެކްޓުގެ ތެރެއިން ކުޅުދުއްފުށީގައި މުޅިން އައު ޓާޝަރީ ހޮސްޕިޓަލެއް އިމާރާތްކުރުމުގެ ވައުދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވެވަޑައިގެންނެވިއެވެ. އަދި މި ޓާޝަރީ ހޮސްޕިޓަލް އިމާރާތްކޮށް ޚިދުމަތްދޭން ފެށުމަށްޓަކައި ތިން ހަތަރު އަހަރެއްވަރު ނަގާނެތީ، އެ މުއްދަތުގައި ވެސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޚިދުމަތް އިތުރަށް ފުޅާކުރައްވާނެ ކަން އިއުލާނުކުރެއްވިއެވެ.
އެމް.ޑީ.ޕީގެ ސަރުކާރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މާރިޗު 2020 ގައި ފަށާފައިވާ ސްޕީޗްތެރަޕީގެ ޚިދުމަތާއި ސެޕްޓެމްބަރ 2020ގައި ޚިދުމަތްދޭން ފެށުނު 4 އެނދުގެ ލޭބަރ ސުއިޓް އާއި ފެބްރުއަރީ 2021 ގައި ފަށާފައިވާ މެމޯގްރަފީގެ ޚިދުމަތާއި މާރިޗު 2021 ގައި ފަށާފައިވާ އެމް.އާރު. އައި. ސްކޭންގެ ޚިދުމަތާއި، 2 ތީއޭޓަރ އާއި ޕްރި އަދި ޕޮސްޓް އޮޕަރޭޓިވް ކެއަރ ހިމެނޭ އޮޕަރޭޝަން ތީއޭޓަރ ކޮމްޕްލެކްސް ތަރައްޤީކޮށް ޚިދުމަތް ފެށުމާއި، ކަރުންމަތީގެ ޚާއްސަ ޑޮކްޓަރުންގެ ޚިދުމަތް ފުޅާކުރުމަށް ޒަމާނީ ފެންވަރުގެ އީއެންޓީ ވޯކްސްޓޭޝަން އިންސްޓޯލްކޮށް ޚިދުމަތް ފެށުމާއި، އެންމެ ޒަމާނީ މެޝިނަރީއާ އެކު ސެންޓްރަލް ސްޓެރިލައިޒޭޝަން ސަރވިސަސް ޑިޕާޓްމަންޓްއެއް ތަރައްޤީކޮށް ޚިދުމަތް ފެށުމާއި، ލޯންޑްރީ ސަރވިސަސް އޮޓޮމައިޒްކޮށް ޚިދުމަތް ފުޅާކުރުމާއި، 06 އެނދުގެ އައިސީސީޔޫގެ ޚިދުމަތް ފެށުމާއި، އައުޓް ޕޭޝަންޓް ޑިޕާޓްމަންޓް ތަރައްގީކޮށް އޯ.ޕީ.ޑީ ރޫމްތައް އިތުރުކުރުމާއި، އިތުރު 30 އެނދު ހިމެނޭހެން ވޯޑު އިތުރުކޮށް ވޯޑުތައް އެއަރކޮންޑިޝަން ކުރުމާއި، މެޑިކަލް އޮކްސިޖަން ހޯދުމަށް މާލެއަށް ބަރޯސާވާންޖެހޭ ޖެހުން ނިމުމަކަށް ގެނައުމަށްޓަކައި މެޑިކަލް އޮކްސިޖަން ޕްލާންޓުގެ ޚިދުމަތް ފެށުމާއި ބެޑްކެޕޭސިޓީ އިތުރުކުރުމަށް ވޯޑްތައް ތަރައްގީކުރުމާއި، ކަފައިނުލާ ލޯވަޅުއަޅައިގެން ކުރާ ލެޕްރޮސްކޯޕީ އަދި އަރތްރަސްކޯޕިކް ސަރޖަރީގެ ޚިދުމަތް ފެށުމާއި، ކެންސަރުބައްޔަށް ފަރުވާކުރުމަށް ކީމޯތެރަޕީގެ ޚިދުމަތް ފެށުމާއި އެޑްވާންސް ވޫންޑްކެއަރގެ ޚިދުމަތް ފަދަ މުހިއްމު އެތަކެއް ޚިދުމަތެއް ވަނީ ދޭން ފަށާފައިއެވެ.
މީގެ އިތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ހިންގުން އޮޓޮނޮމައިޒްކޮށް އައިޖީއެމްއެޗް އެކޭ އެއްފަދައިން ބޯޑެއްގެ ދަށުން ހިންގާގޮތަށް ހަމަޖައްސައި މިނިވަން ބަޖެޓަކާއެކު އަމިއްލައަށް ހިންގުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ވެސް ސަރަހައްދީ ބާރުވެރިކަން އިތުރުކުރުމަށް އެމް.ޑީ.ޕީ.ގެ ސަރުކާރުން ކޮށައިދީފައިވާ މަގެކެވެ.
ކުޅުދުއްފުށީގައި ޓާޝަރީ ފެންވަރުގެ އައު ހޮސްޕިޓަލް އެޅުމަށް ކުވައިތު ފަންޑުން ފައިސާ ހަމަޖެހިފައިވާކަމަށް 2021 ފެބްރުއަރީގައި ރައީސް ޞާލިހު ވަނީ ވިދާޅުވެފައެވެ. އަދި އައު ހޮސްޕިޓަލް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް 2022 ވަނަ އަހަރު ނިމުމުގެ ކުރިން ފަށާނެ ކަމަށް ހެލްތު މިނިސްޓަރ އަހްމަދު ނަސީމު އެޕްރީލް 2022 ގައި ވަނީ ވިދާޅުވެފައެވެ. ނަމަވެސް މި ތާރީޚުތަކުގައި އެ މަސައްކަތް ކުރިއަށް ނުގޮސް އޮވެފައި،2023 ގެ ރިޔާސީ އިންތިޚާބަށް ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް އިމާރާތްކުރުމަށް ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޗައިނާ ނޭޝަނަލް އިލެކްޓްރިކް އިންޖިނިއަރިންގ ކޮމްޕެނީއާ އެކު 2023 އޯގަސްޓް މަހުގެ ތެރޭގައި ސޮއިކުރެވުނެވެ. އެހެންކަމުން 30 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް ކުރެވުނު 76 މިލިއަން އެމެރިކާ ޑޮލަރުގެ މި އެއްބަސްވުމަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ދެންއޮތް ހަރުފަތަށް ގެންދިއުމަށް އެންމެ ގާތުގައި ކޮށިފައިވާ މަގެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލެކޭ އެއްފަދައިން ދިވެހިރާއްޖޭގެ 5 ސަރަހައްދުގެ ރީޖަނަލް ހޮސްޕިޓަލްތައް ޓާޝަރީ ފެންވަރަށް ތަރައްޤީކުރުމުގައި އެހެން ސަރުކާރުތަކާ ޚިލާފަށް މި ސަރުކާރުން ކުޑަ ދުވަސްކޮޅެއްތެރޭގައި ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ހިންގައި، ސިއްހީ ފަރުވާ ހޯދުމަށް އަތޮޅުތެރޭގެ ރައްޔިތުން މާލެއަށް ދަތުރުކުރަން އުފުލަންޖެހޭ ބުރަ ބޮޑު ތަކުލީފަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް މިވަނީ ހޯދައިދީފައެވެ. ވީމާ މީގެ 41 އަހަރު ކުރިން ރައީސް މައުމޫނު ދެކެވަޑައިގަންނަވަމުން ގެންދެވި މާލެއެކޭ އެއް ފެންވަރެއްގައި އަތޮޅުތެރޭގެ ރައްޔިތުންނާ ގާތުން ސިއްހީ ފަރުވާ ލިބުން ކަށަވަރުކުރުމުގެ ހުވަފެން ހަގީގަތަކަށް ހެދެން އޮތީ މާލެއަށް ތޮއްޖެއްސުމާއި ބާރުތައް ހިފެހެއްޓުމުގެ ސިޔާސަތު ދޫކޮށް، ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސިޓީތައް ޤާއިމުކޮށް، ބާރުތައް އެ ސަރަހައްދުތަކަށް ދޫކޮށްގެން ގެންނަން މަސައްކަތްކުރާ ތަރައްޤީކަން މިވަނީ ލޮލަށް ފެނި އަތުން ހިފިފައެވެ. އެހެންކަމުން ކުޅުދުއްފުށި ސިޓީ އާއި އުތުރުގެ ސިއްހީ ނިޒާމު އައު ހަރުފަތަކަށް ގެންދިއުމަށް ލާމަރުކަޒީ ސިޔާސަތުތަކަށް އަތޮޅުތެރޭގެ ހުރިހާ ރައްޔިތުން ވެސް އާނއެކޭ ބުނަންޖެހެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!