ސިލްސިލާ ވާހަކަ: ޝިކާޔަތު (70)

Shikaayathu

ކުރީގެ އަދަދާއިގުޅޭ،

ޔާނިޝްއަށް ދެމުންދާ ތަރުބިއްޔަތަކީ ހާރޫންގެ ކަށިން ހިތްވަރު ނެރެގެން ދޭ ތަރުބިއްޔަތެވެ. އެހެންކަމުން ޔާނީޝް ބޮޑުވަމުން އަންނަނީ ހާރޫން ބޭނުންވާފަދަ ބަސްއަހާ ކިޔަމަންތެރި ކުއްޖެއްގެ ގޮތުގައެވެ. ހާރޫންއަށް މިހާރު ލިބެމުންދާ ހަމައެކަނި އުފަލަކީވެސް އެއީއެވެ.

***

ފާއިޒާ އިނީ ގޭ ސިޓިންގރޫމްގައި ޓީވީ ބަލާށެވެ. މީގެ ދެއަހަރު ކުރިން ޝާކިރު މިދުނިޔެއިން ވަކިވެގެން ދިޔުމުން އޭނާވަނީ ނުހަނު އެކަނިވެރިވެފައެވެ. ކިތަންމެ ގިނަ ދުވަސްވީ ނަމަވެސް ޝާކިރުގެ ހަނދާންތަކަށް ފަނޑުވުމެއް ނާދެއެވެ. އުމުރު ދުވަހު އެކުގައި އުޅެމުން ޢިމާރާތްކުރި ގެ ދޫކޮށް އެހެންތާކަށް ދާން ބޭނުން ނުވަނީވެސް އެއީ ޝާކިރު ކޮށްފައިވާ ބުރަ މަސައްކަތަށް ވީތީއެވެ. ގޭގައި އެކަނި އުޅެން ޖެހުނު ކަމުގައި ވީނަމަވެސް ފާއިޒާގެ ނިންމުމަކީ އެއީއެވެ.

" މަންމާ! ކޮއްކޮ ބަހައްޓާލަ ދީ.. އަހަރެން މިދަނީ ބެލެނިވެރިންގެ ބައްދަލް ވުމަކަށް.. "

ޒޫނާއާއެކު އެގެއަށް އައިސް ވަތް ޒިވާ ފެނުމާއެކު ފާއިޒާ ހީލިއެވެ. އޭނާ މަޑުމަޑުން ތެދުވެގެން އައިސް ޒިވާގެ އަތުގައި ހިފުމާއެކު އަނެއްކާވެސް ޒޫނާ ވާހަކަ ދެއްކިއެވެ.

" ދަރިފުޅު މާމަ ބުނާ ބަސް އަހައްޗޭ! މަންމި އަންނަމުން ހަދިޔާއެއްވެސް ގެނެސްދޭނަން"

ޒިވާ އުފަލުން ބޯ ޖަހާލުމާއެކު ޒޫނާ އަވަސް އަވަހަށް ނިކުންނަން ހިނގައިގަތެވެ. ނަމަވެސް ފާއިޒާ ގޮވާލުމާއެކު އޭނާ ހުއްޓި ބަލައިލިއެވެ.

" ދަރިފުޅާ ޒޫނާ! ޖާވިދް ގާތު ބުނެލައްޗޭ މަސްކޮޅެއް ގެނެސްދޭށޭ.. އެދުވަހު ދަރިފުޅު ގެނައި މަސްކޮޅު އިއްޔެ ހުސްވީ"

ފާއިޒާ އެހެން ބުނުމުން ޒޫނާ ހިނިތުންވެލަމުން އާނއެކޭ ބުނެލިއެވެ. ޒޫނާ ދިޔުމުން ޒިވާ އެންމެ ބަލަން ބޭނުންވާ ކާޓޫން ޗެނަލް އަޅުވާލިއެވެ.

***

ޔަޝްމީ އިނީ ރަހީލާއެކު ރެސްޓޯރެންޓެއްގައި ކޮފީއެއް ބޯށެވެ. އޭރުވެސް އޭނާގެ ހިތާއި ސިކުނޑި މަސައްކަތްކުރަމުންދަނީ އެހާމެ އަވަހަށެވެ. ރަހީލްގެ ފަރާތުން ހާރޫންއާ ގުޅޭ އެއްވެސް ވާހަކައެއް ދައްކާތޯ އޭނާ އިންތިޒާރު ކުރާތާ ކިތަންމެ އިރެކެވެ. ނަމަވެސް ރަހީލް އެފަދަ އެއްވެސް ވާހަކައެއް ނުދައްކާތީ ޔަޝްމީ އިނީ ފަށާނެ ގޮތެއް ނޭނގިފައެވެ.

" ދެން މިހާރު އެ ކޮމްޕެނީން ފޮއްޗާ ގަހަނާ ހޯލްސޭލްކޮށް ނަގާ ގޮތަށްތަ ތި ނިންމީ؟ "

މަޑުމައިތިރިކަމާއެކު ޔަޝްމީ ސުވާލު ކޮށްލުމާއެކު ރަހީލްގެ މޫނުމަތިން ހިނިތުންވުން ފާޅުވެގެން ދިޔައެވެ. އަދި ނުހަނު ލޯބިވެތި ނަޒަރަކުން ޔަޝްމީގެ މޫނަށް ބަލައިލަމުން ގޮނޑީގައި ލެނގިލީ އަތުގައި ހުރި ކޮފީތަށި މޭޒުމަތީގައި ބަހައްޓަމުންނެވެ.

" މިހާ ދުވަހު އަހަންނާއެއްކޮށް އުޅުނު އިރުގައިވެސް މީގެ ކުރިން ދުވަހަކުވެސް އަހަރެންގެ މަސައްކަތްތައް ދާގޮތް ޕަރސަނަލީ އަހައެއްނުލާ! އަހަރެން އެކަމާ ޝަކުވާ ނުކުރަނީ ޔަޝްމީއަށް ވަގުތު ބޭނުންވާކަން އެނގޭތީ! ކުރީގެ ދިރިއުޅުން މަތިން ހަނދާންނައްތާލަން އުނދަގޫވާނެތީ! އެކަމަކު މިހާރު އަހަންނަށް ޔަޤީންވެއްޖެ ޔަޝްމީ މިހާރު އެ ލައިފް މަތިން ހަނދާން ނެތިއްޖެކަން! އަދި އަހަންނާމެދު ފިކުރު ކުރާކަންވެސް އަހަންނަށް ހަމަ ޔަޤީން ކުރެވިއްޖެ.. "

ރަހީލްގެ ޖަޒްބާތީ ރާގުގެ އަޑުން ޔަޝްމީއަށް އިސްޖަހާލެވުނެވެ. އޭނާގެ ހިތުގެ އުދާސްތައް އެނގޭނަމަ ރަހީލް އެހެން ވާހަކައެއް ނުދެއްކީސްކަން ޔަޝްމީއަށް އެނގެއެވެ.

" އަހަރެން ޔަޝްމީދެކެ ވަރަށް ލޯބިވޭ! މިހެން ބުނާ ކޮންމެ ފަހަރަކު ޔަޝްމީވެސް އަހަރެންދެކެ ލޯބިވެޔޭ ބުނެލާ އަޑު އަހާލަން ވަރަށް ބޭނުން.. ވޭންދެނިވި އިންތިޒާރެއްގައި ހުންނަން މިޖެހެނީ!"

އަސަރާއެކު ރަހީލް ބުނެލި ޖުމްލައިން ޔަޝްމީ އިސްއުފުލައި އޭނާއަށް ބަލައިލިއެވެ. އޭރުވެސް ރަހީލް އިނީ ޔަޝްމީގެ މޫނަށް ބަލަހައްޓައިގެންނެވެ.

" އަހަރެން މިކުރާ ކޮންމެ ކަމަކީ ހަމަ ޔަޝްމީއަށްޓަކައި ކުރާ ކަންތައްތަކެއްނު! އަހަރެމެން ދެމީހުންގެ މުސްތަޤްބަލަށްޓަކައި ދެމީހުންގެ ދިރިއުޅުން ބިނާ ކުރުމަށްޓަކައި ކުރާ ކަންކަމެއް ނޫންތަ؟"

މިފަހަރު ރަހީލްއަށް ވާހަކަ ދެއްކުނީ ތަންކޮޅެއް ބާރަށެވެ. އެހެންކަމުން ފުންމައިގެން ޔަޝްމީ ތެދުވެ ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ހިތްހަމަ ނުޖެހޭ ފަދަ ގޮތަކަށް ރަހީލަށް ބަލައިލިއެވެ. އަދި މަޑުކޮށްލުމެއްނެތި އެތަނުން ނިކުމެގެން ދިޔުމުން ރަހީލަށް ދެލޯމަރާ ބާރުކޮށްލެވުނީ އަތުގެ އިނގިލިތައް ލައްޕާ ބާރުކޮށްލަމުންނެވެ.

***

ގޭގެ ސިޓިންގރޫމްގައި ހުރި ކޮމްޕިޔުޓަރ ކައިރީ ހާރޫން އިނީ ދެއަތުން ބޮލުގައި ހިފަހައްޓާލައިގެންނެވެ. ކޮމްޕިޔުޓަރ ސްކްރީނުގައިވާ ރަހީލްގެ މެއިލް އެޑްރެސްއަށް ބަލަހައްޓައިގެން އޭނާ އިނީ ފުން ވިސްނުމެއްގައެވެ. ދުބާއީގައި އޭނާ ވިޔަފާރި ފަށައިގެން އުޅެނީ ދުބާއީގެ މީހަކާ ވިޔަފާރި ހިއްސާކޮށްގެންނެވެ. ހާރޫންގެ ޕާރޓްނަރ އަލްއަމީރްގެ އެންމެ ބޮޑު ހުވަފެނަކީވެސް އެމީހުން ވިއްކަމުންދާ މުދާ، ރާއްޖެއަށް ފޮނުވައިގެން ވިޔަފާރި މަތީ ހަރުފަތަކަށް ގެންދާށެވެ. އެހެންކަމުން ހާރޫން ކިތަންމެ ބޭނުންވި ކަމުގައި ވީނަމަވެސް ރަހީލްއާއެކު ނިންމާފައިވާ ނިންމުން އޭނާ އެކަންޏަށް ބަދަލު ކުރެވޭކަށް ނެތެވެ. މިކަންކަމާމެދު ވިސްނާވިސްނާ ހާރޫން ބަލި ވެއްޖެއެވެ.

" ރަހީލާއެކު އެއްބަސްވުން ތައްޔާރުކޮށް، އެމަސައްކަތް އަވަހަށް ނިންމާލާ! "

ޔޫރަޕްގެ ޤައުމެއްގައި ހުރެފައި އަމީރް ފޮނުވި މެސެޖް ކިޔާލުމަށްފަހު ހާރޫންގެ މޭ ތެޅިގަތެވެ. ދެވަނަ ފަހަރަށް ރަހީލާ ބައްދަލް ކުރަން ދާން އޭނާގެ ހިތެއް ނޭދެއެވެ. ރަހީލާއެކު ޔަޝްމީ ފެންނާކަށް ބޭނުމެއްވެސް ނުވެއެވެ. އެމަންޒަރު ދެން ފެނިއްޖެނަމަ، އޭނާގެ ހިތް ކޮންޓްރޯލުން ނައްޓާނެކަން އޭނާއަށް ޔަޤީންވެއެވެ. ނަމަވެސް ވަގުތާއި ޙާލަތު އޭނާއަށް އެކަން ކުރަން މަޖުބޫރު ކުރުވައިފިއެވެ. އެންމެ ފަހުން ވަރަށް ގިނައިރު ވިސްނަން އިނުމަށްފަހު އޭނާ މެއިލްއެއް ފޮނުވާލީ، ރެސްޓޯރެންޓަކަށް ކެއުމަކަށް އައުމަށެވެ. އަދި އެ ބައްދަލްވުމުގައި އެއްބަސްވުން ޙަވާލް ކުރާނެ ކަމުގައިވެސް އޭނާ ލިޔެލިއެވެ.

***

" އަހަރެން ނުގެންދާނަންތަ؟ "

ހާރޫން ދެކިލާހިތުން ކެތްމަދުވެފައި ހުރެ ޔަޝްމީ އަހާލިއެވެ. އޭރުވެސް ރަހީލްގެ މޫޑު ހުރީ ފުސްވެފައެވެ. ހެނދުނު ހިނގާދިޔަ ކަންތަކަށްފަހު އޭނާ ހުންނަނީ ވަރަށް މަޑުމަޑުންނެވެ. ކޮންމެވެސް ވަރަކަށް ޔަޝްމީއާމެދު ނުރުހުންވެސް ވެފައެވެ.

" އަހަރެންވެސް ދާން ބޭނުން.."

އެނދު ކޮޅުގައި ހުރި ސޯފާގައި އިން ޔަޝްމީ ވާހަކަ ދެއްކީ އެނދުމަތީގައި އިށީނދެ އިން ރަހީލާއެވެ. އެއާއިއެކު ރަހީލް ފުންމައިގެން ތެދުވެގެން އައިސް ޔަޝްމީގެ ދެކޮނޑުގައި ހިފައި ނަގާ، ޖެހިގެން ހުރި ފާރުގައި ޔަޝްމީގެ ބުރަކަށި ޖައްސާ ފިއްތާލިއެވެ. އެއަށްފަހު ޔަޝްމީގެ މޫނާ، މޫނު ގާތްކޮށްލުމާއެކު އަވަސް އަވަހަށް ޔަޝްމީ މޫނު އަނބުރާލަމުން މާނޭވާ ލާން ފެށިއެވެ.

" ކީއްކުރަން ގެންދަންވީ؟ އަހަރެންގެ އިޙްސާސްތަކާ ކުޅެނީ ކީއްކުރަންތަ؟ ޔަޝްމީއަށްޓަކައި ހަނދު ގެނެސް އުނގަށް ލައި ދިނަސް ޔަޝްމީއަކަށް އަހަންނަކީ ކާކު ކަމެއް ނޭނގޭނެ! ޔަޝްމީއާހެދި މިހާވަރުން އުޅޭ އިރުގައިވެސް އެންމެ ކުޑަމިނުން އަހަރެންދެކެ ލޯބިވެޔޭވެސް ބުނެ ނުލާ! އަހަރެން މި ހޯދާ ފައިސާއާ މުދަލާ މި ތަނަވަސްކަމަކީވެސް ހަމަ ޔަޝްމީގެވެސް އެއްޗެއްސެއް ނޫންތަ؟ އެކަމަކު އަދިވެސް.. އަދިވެސް.. އަހަންނަށް ހީވަނީ ޔަޝްމީ ލޯބިވަނީ ކުރީގެ ފިރިމީހާ ދެކެހެން.."

ބާރުބާރަށް އެހެން ބުނެލުމަށްފަހު ރަހީލް ޔަޝްމީގެ ގައިން ދޫކޮށްލާ ފުރަގަސް ދިނެވެ. އޭރު ޔަޝްމީގެ ދެލޮލުން ކަރުނަ ފައިބަމުންދެއެވެ. އޭނާއަށް ގިސްލެވެމުން ދެއެވެ.

" ދަންޏާ އާދޭ! އަހަރެން މިހުރީ ބޭރުގައި"

ރުންކުރު ގޮތަކަށް ރަހީލް އެހެން ބުނުމާއެކު ޔަޝްމީގެ މޫނުމަތީގައިވެސް ނުރުހުންތެރިކަން ފާޅުވެގަތެވެ. ރަހީލްދެކެ އޭނާ އެންމެ ފޫހިވާ ސަބަބަކީވެސް ހަމަ އެއީއެވެ. އޭނާގެ މިޒާޖު އެއްގޮތަކަށްވެސް ޔަޝްމީއަކަށް ކަމަކު ނުދެއެވެ. އަވަސް އަވަހަށް ރުޅި އައުމާއި ރުންކުރު ގޮތްގަނޑަކީ ޔަޝްމީއަށް ރަހީލް ބަލައިގަންނަން އުނދަގޫ ކަންކަމެވެ. ރަހީލަކީ ބަލައިލަން ކިތަންމެހާވެސް ރީތި މީހެކެވެ. ޔަޝްމީއާ އެއް އުމުރެއްގެ މީހަކަށް ވެފައި އޭނާއަށް ލިބިފައިވަނީ އަންހެން ކުދިން ހިތް ކިޔާފަދަ ފިރެހެންވަންތަ ކަމެކެވެ. ނަމަވެސް ޔަޝްމީގެ ހިތުގައި ރަހީލަށްޓަކައިވަނީ ބީރައްޓެހިކަމެވެ. އަދިވެސް އެހިތުގައި ރަސްކަން ކުރަމުންދަނީ ހަމަ ހާރޫންއެވެ. ހާރޫންގެ ލޯތްބެވެ. ތާއަބަދު އެދެވެނީވެސް ހަމައެކަނި ހާރޫންއަށެވެ.

ނުހަނު ދެރަވެފައިހުރެ، މޫނު ސާފުކޮށްލައިގެން ޔަޝްމީ ނިކުތެވެ. އޭރު ރަހީލް ހުރީ އޭނާގެ އިންތިޒާރުގައި ލަސްވެފައެވެ.

" ސޮރީ ލޯބި! ދެން ތިހެން ނުހުރެބަލަ! އެއީ އަހަރެން އެހެން ދެއްކި ވާހަކައެއް ނޫނޭ.. ދެރަވީމަ އެނގެއެއްނު އަހަންނަށް ރުޅިކަން އާދެވޭނީ.."

ޔަޝްމީ ކާރަށް އެރުމާއެކު ނުހަނު ލޯބިން ރަހީލް ބުނެލިއެވެ. ނަމަވެސް ޔަޝްމީ މާބޮޑު ސަމާލުކަމެއް ނުދިނެވެ.

" އަބަދުވެސް.. ފުރަތަމަ ރުޅި އަންނާނީ! ދެން ފަހުން މަޢާފަށް އެދުން އޮންނާނީ..""

މޫނު އަނެއް ފަރާތަށް އަނބުރާލަމުން ޔަޝްމީ ބުނެލީ ފޫހިކަމާއެކުގައެވެ. އެއާއިއެކު ރަހީލް މަސައްކަތްކުރީ ޔަޝްމީގެ މޫޑު ރަނގަޅު ކުރުވާށެވެ. އެހެންކަމުން އޭނާ ޔަޝްމީގެ ދަތްދޮޅީގައި ހިފާލުމަށްފަހު އޭނާއާދިމާލަށް މޫނު އަނބުރާލިއެވެ.

" އެނގެއެއްނު އަހަރެން މިދަނީ ވަރަށް ބޮޑު ކަމެއްގައިކަން.. މިރެއަކީ އަހަންނަށް ވަރަށް ބޮޑު އުފަލެއްވެސް ލިބޭނެ ރެއެއް. ވަރަށް ބޮޑު އުއްމީދެއް ޙާޞިލްވާނެ ރެއެއް! އެހެންވީމަ މިރޭ ޔަޝްގެ މޫނުމަތިން މާޔޫސްކަން ފެންނާކަށް ބޭނުމެއް ނޫން.. ޕްލީޒް އަހަންނަށްޓަކައި ހެވިލާފައި އިނދެލަބަލަ"

ރަހީލް އެހެން ބުނުމުން ޔަޝްމީ ކުޑަގޮތަކަށް ހީލިއެވެ.

" ގޫޑް! އެހެންވެ އަހަރެން އެހާ ލޯބިވަނީވެސް"

ހިތަށް ލިބިފައިވާ އުފާވެރިކަމާއެކު ރަހީލް ކާރުގެ ސީޓްގައި ލެނގިލިއެވެ. އިސާހިތަކު ހާރޫން ދައުވަތު ދީފައިވާ ތަނަށް އާދެވުނެވެ. އެތެރެއަށް ވަދެގެން ދިޔައިރުގައިވެސް ޔަޝްމީގެ ހިތް ބާރުބާރަށް ތެޅެމުން ދެއެވެ. މީހަކާ އިނދެ ދަރިޔަކު ލިބި، އުފާވެރި ދިރިއުޅުމެއް އުޅެން ހާރޫންއަށް ފުރުޞަތު ލިބުނީ، އެ ލޯބީގައި ޔަޝްމީވީ ޤުރުބާނީންކަމުގައި އޭނާ ބުނަން ބޭނުންވެއެވެ. ނަމަވެސް އަދިވެސް ހިތުގައިވާ ލޯތްބަށް ބަދަލެއް ނާންނަ ވާހަކަ ބުނެލަން އޭނާގެ ހިތް ވަރަށް ބޮޑަށް އެދެމުން ދެއެވެ. އެހެނަސް ހާރޫންގެ ޙަޔާތަށް އެޅޭނެ ކަޅު ހިޔަންޏަކަށް ވާކަށް އޭނާ ނޭދެއެވެ. ހަމައެކަނި ބޭނުންވަނީ ހާރޫންގެ ފަރާތުން ކުޑަކުޑަ ވަގުތު ކޮޅެކެވެ. މިރޭ އޭނާ ރަހީލްގެ ފަހަތުން ދިޔައީވެސް ހަމައެކަނި އެ ބޭނުމަށްޓަކައެވެ.

ދުރުގައި ހުރި މޭޒެއް ކައިރީގައި ފުރަގަސްދީގެން އިން ހާރޫން ފެނުމާއެކު ޔަޝްމީގެ މުޅި ހަށިގަނޑު ފިނިވެގެން ދިޔައެވެ. އެއާއިއެކު ކުއްލިއަކަށް އޭނާ ސިހުނީ ރަހީލް އޭނާގެ އަތުގައި ހިފާލުމުންނެވެ. ބާރުބާރަށް ޔަޝްމީގެ އަތުގައި ހިފައިގެން ހުރެ ރަހީލް ގޮސް ހުއްޓުނީ ހާރޫންގެ ކުރިމަތީގައެވެ. އެއާއިއެކު ހާރޫންގެ ނަޒަރު ހުއްޓުނީ ގުޅިލާމެހިފައިވާ އެދެމީހުންގެ އަތަށެވެ. އޭރުވެސް ޔަޝްމީ މަސައްކަތް ކުރަމުން ދިޔައީ އަތް ނައްޓުވާލާށެވެ.

" މިސްޓަރ އަޙްމަދު! ކިހިނެއްތޯ؟"

ހާރޫން ގޮނޑިއަށް އިޝާރާތް ކުރުމާއެކު ރަހީލް ޔަޝްމީގެ އަތުން ދޫކޮށްލިއެވެ. އަދި އަވަަސް އަވަހަށް ގޮނޑީގައި އިށީނދެލިއެވެ.

" ދެން އެކަހަލަ ގޮތެއް! ކޮބާ އޯޑަރ ދޭންވީނު! "

ގަދަކަމުން ހިނިތުންވެލަމުން ހާރޫން ޔަޝްމީއަށް ބަލައިލީ ކަތި ނަޒަރަކުންނެވެ. އެއާއިއެކު ރަހީލް ބަލައިލީ ކުރިމަތީގައި އޮތް މެނޫއަށެވެ.

" ޔަޝް ކޯއްޗެއް ކާނީ؟ "

ރަހީލް އެހެން އަހާލުމާއެކު ހާރޫންއަށް އަނެއްކާވެސް ޔަޝްމީއާ ދިމާލަށް ކަޅި އެއްލުނެވެ. އޭރު އޭނާގެ ހިތްވެސް އޮބި ނޯންނަ ވަރަށް ތެޅެމުން ދެއެވެ.

" މިތާ ހުންނާނެ ވަރަށް މީރު ޗިކަން ޕިއްޒާވެސް! އެކަމަކު ފަހަރެއްގައި މިހާރު ޗިކަން ޕިއްޒާ ނުބައިވެދާނެ"

ނުސީދާ ގޮަތަކަށް ހާރޫން އެހެން ބުނެލުމާއެކު ސިހިގެން ބަލައިލާ ފަދަ ގޮތަކަށް ޔަޝްމީއަށް އިސް އުފުލައި ހާރޫންގެ މޫނަށް ބަލައިލެވުނެވެ. މާޒީގެ ސޮފްޙާއެއް ހާރޫން، އޭނާއަށް ހުޅުވާލަ ދިނީތީ ޔަޝްމީގެ ހިތަށް ވަރަށް ތަދުވިއެވެ. އެހެންކަމުން ސުވާލުގެ ނަޒަރަކުން އޭނާ ހާރޫންއަށް ބަލައިލިއެވެ.

" މިހާރޭ؟ ތިބުނީ މިހާރު މިތާ ހަދާ ޕިއްޒާ ނުބައޭތަ؟ "

ހިނިގަނޑެއް ޖަހާލަމުން ރަހީލް ބުނެލިއެވެ. އޭރުވެސް އޭނާ ދިޔައީ އެއްކޮޅުން އަނެއްކޮޅަށް މެނޫގެ ކަރުދާސްތައް އުކަމުންނެވެ.

" ޗިކަން ޕިއްޒާއެއް ބޭނުމީ! "

ވަގުލޮލަކުން ހާރޫންއަށް ބަލައިލަމުން ޔަޝްމީ ބުނެލިއެވެ. ހާރޫންދިން ހަމަލާއަށްވުރެ ވަރުގަދަ ހަމަލާއެއްދޭން އޭނާ ބޭނުންވީއެވެ. ލޯބިވެތި ދިރިއުޅުމެއް އުޅެނީ ހާރޫންއެވެ. ޔަޝްމީއާ ނުލައި އުފަލުގައި  އުޅެނީވެސް ހާރޫންއެވެ. ވީއިރު އަހަންނަށް ބަހުގެ ހަމަލާތަކެއް ދީގެން އިތުރަށް އެހިތް ކުދިކުދި ކުރަން މަސައްކަތްކުރަނީ ކީއްވެގެން ހެއްޔެވެ؟

ހިތާހިތާ ޔަޝްމީއަށް ބުނެލެވުނެވެ. ސިއްރުސިއްރުން އޭނާ ހާރޫންއަށް ބަލައިލާ ކޮންމެ ފަހަރަކު ހާރޫންއަށްވެސް އޭނާއަށް ބަލައިލެވެއެވެ. ދެމީހުންގެ ލޮލުގައިވެސްވަނީ އެއް ކުލައެކެވެ. އެއް އަސަރުތަކެކެވެ. އަދި އެއް މެސެޖެކެވެ. ނަމަވެސް ދެމީހުންގެ އިޙްސާސްތަކަކީ ސިއްރު ކުރެވިފައިވާ އިޙްސާސްތަކެކެވެ.

" މިއޮތީ ފައިލް! މި އެއްބަސްވުމަކީ ދިހަ އަހަރު ދުވަހުގެ މުއްދަތަކަށް ހެދިފައިވާ އެއްބަސްވުމެއް"

އުނގުމަތީގައި އޮތް ފައިލް ނަގައި ރަހީލްއަށް ދިއްކޮށްލުމާއެކު ހެވިދިލިފައި އިނދެ ރަހީލް ފައިލްގައި ހިފިއެވެ.

" އަޅުގަނޑުމެންގެ ހުރިހާ ޕްރޮޑަކްޓެއްވެސް ރާޢްޖެ އެތެރެ ކުރާނީ ރަހީލްގެ ކޮމްޕެނީން! އެކަން ވެގެންދާނީ ރާއްޖެއަށްވެސް ރަހީލްގެ ކޮންޕެނީ މަޝްހޫރުވެ، ވިޔަފާރި އިތުރަށް ފުޅާވެގެންދާނެ ކަމަކަށް! ދެން ތީގައި ހުރި އެއްޗެހި ކިޔާލާ! އެކަމަކު އަދި އެބައޮތް ތަންކޮޅެއް އުނދަގޫ އެއް މަސައްކަތް"

ހާރޫން ހަމަޖެހިލަމުން ބުނެލިއެވެ. އެއާއިއެކު ހެވިފައި އިން ރަހީލްގެ މޫނުމަތި ނުތަނަވަސް ވެގެން ދިޔައެވެ.

" އުނދަގޫ މަސައްކަތެކޭ؟ "

" މިބުނީ ހަތަރު ގަޑިއިރުގެ ދަތުރެއްކޮށްފައި ތީގައި ސްޓޭމްޕް ޖަހަން ދާންޖެހޭނެ މޯލްޑިވްްސް އެމްބަސީއަށް. އަހަރެން އެ ދަތުރު ހަމަޖައްސައިދީފާނަން.. އެކަމަކު ރަހީލް ޖެހޭނެ އެތަނަށް ދާން ފިންގަރ ޕްރިންޓް ޖަހާ، މި ލިޔުމުގެ ކޮޕީއެއްވެސް ޖެހޭނެ އެ އޮފީހުގައި ބާއްވަން. އެތަނުގެ މީހެއްގެ ނަންބަރު އަހަރެން ދޭނަން. އޭރުން ރަހީލަށް ވަރަށް ފަސޭހަވާނެ "

ހާރޫންގެ ވާހަކަތައް ކަނުލާ އަޑުއަހަން އިން ރަހީލަށް ހިތްހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އެއަށްފަހު ބޯ ޖަހާލަމުން އޭނާ ބަލައިލީ ޔަޝްމީގެ މޫނަށެވެ.

" ޔަޝްމީވެސް ދާނަންދޯ"

އެއްވެސް ވިސްނުމެއްނެތި ރަހީލް އެހެން އަހާލުމާއެކު ހާރޫންއަށް ތެޅިގަނެވުނެވެ. ކާރުގައި އެހާ ދިގު ދަތުރެއް ޔަޝްމީއަށް ނުކުރެވޭނެކަން ހާރޫންއަށް އެނގެއެވެ. އޭނާ ބޯ އަނބުރާ ހޮޑުލާނެކަން އެނގެއެވެ. އެހެންކަމުން ހާރޫނަށް އިނދެވުނީ ޔަޝްމީ ދޭނެ ޖަވާބަކަށް ބަލަބަލައެވެ.

" އަހަރެން..؟ އަހަންނަށް ވަރަށް އުނދަގުވާނެ އެހާ ދިގު ދަތުރު ކުރަން.. ހޮޑުވެސް ލެވޭނެ"

ޔަޝްމީ އިންކާރު ކުރުމާއެކު ހިތަށް ހަމަޖެހުން ލިބުނުކަން ހާރޫންއަށް އިޙްސާސް ކުރެވުނެވެ. ޔަޝްމީއަކީ މިހާރު އެހެން މީހެއްގެ ޙައްޤެއްކަން އެނގޭ އިރުގައިވެސް ހާރޫންއަށް އުނދަގޫވަނީއެވެ. ޔަޝްމީގެ ކަންތައްތަކަށް ގަދަބާރުން ބާރު ފޯރުވަން އުޅެވޭތީ ޚުދު އޭނާވެސް ލަދު ގަނެއެވެ.

" ދެން ކީއްތަވީ؟ ހޮޑު ލެވުނަސް، ޔަޝްމީ އިންނާނީ ކާރުގައެއްނު! އަހަރެންވެސް އިންނާނެއެއްނު! އަހަރެން ކިހާ ފޫހިވާނެ އެކަނި ދަތުރު ކުރަން"

ރަހީލްގެ ވާހަކަތަކުން ހާރޫންއަށް ލިބުނީ ހައިރާންކަމެވެ. އެއީ ރަހީލް، ޔަޝްމީއާމެދު އެހާބޮޑު ފަރުވާލެއް ނުބަހައްޓާތީއެވެ.ނަމަވެސް އެދެމީހުންގެ ދެމެދަށް ވަންނަން ބޭނުން ނުވާތީ އޭނާ އިސްޖަހާލައިގެން ފޯނާ ކުޅެން އިނީއެވެ.

" ރަހީލް! ޤަބޫލު ކޮށްބަލަ! އަހަރެން މަޑުކޮށްލަންތަ؟ އެންމެ ދުވަހެކެއްނު ވާނީ"

އާދޭހާއެކު ޔަޝްމީ އެދުނެވެ. އޭރު އޭނާގެ ހިތް އުފަލުން ނަށަމުންދަނީ ހާރޫންއާ އެކަނި ބައްދަލްކުރަން ބޭނުންވެފައިވާލެއް ބޮޑުކަމުންނެވެ.

" އޯކޭ! އެންމެ ރަނގަޅޭދެން.. އަހަރެން އެކަނިވެސް މިކަން ކުރަން ހިނގައިދާނަން"

ޔަޝްމީއަށް އިވޭވަރަށް ރަހީލް ބުނެލީ ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހިފައި އިނދެއެވެ.

" މާދަމާ ހެނދުނު ތި ހޮޓެލަށް ކާރު ފޮނުވާނަން.. އެއީ ވަރަށް ބޮޑު ހޮޓެލްއެއްދޯ! ކޮން ފްލޯއެއްގައި ތި އުޅެނީ؟ "

ރަހީލް ހާރޫންއަށް ބަލައިލުމާއެކު ހާރޫން އަހާލިއެވެ. އޭރު މޭޒުމަތީގައި ވެއިޓަރ ކާއެއްޗެހި އަތުރަމުން ދަނީއެވެ.

" އެންމެ މަތީގައި.. "

ރަހީލް ފެންފޮދެއް ބޯލަމުން ބުނެލިއެވެ. އެއާއިއެކު ހާރޫން ފިކުރެއްގައި އިނދެ ބޯ ޖަހާލިއެވެ.

***

ގޭގެ ކުރިމަތީގައި އޮތް ފެހި ކުލައިގެ ވިނަ ކާޕެޓްމަތީގައި ހާރޫން ހުރީ ފިނިބޮޑުވެފައެވެ. ނުނިދިގެން ބޭރަށް ނިކުންނަން ޖެހުނީވެސް ޔަޝްމީގެ ޚިޔާލްތަކުން ސިކުނޑިއަށް އުނދަގޫ ކުރުވާތީއެވެ. ދެލޯ މަރާލިޔަސް އޭނާއަށް ފެންނަނީ ހަމަ ޔަޝްމީގެ ރީތި ސޫރައެވެ. މާޒީގެ އުފާވެރި ދުވަސްތަކުގެ ހަނދާނުން ހިތް ފުރި ބަންޑުންވެގެން ދާފަދައެވެ. އަލުން އެ ދުވަސްތަކަށް ހިތް އެދެން ފެށިއެވެ. ޔަޝްމީގެ ލޯތްބަށް އެދެވެން ފެށިއެވެ. ނަމަވެސް ހިތުގައިވަނީ ހުސް ޝަކުވާއެވެ. ޝިކާޔަތެވެ. ޔަޝްމީގެ ފައިބުޑަށް ބަންޑުންކޮށްލަން ބޭނުންވާ ސުވާލުތަކެވެ. އެފަދަ ޚިޔާލްތަކެއްގައި އެތައް އިރެއް ވަންދެން އޭނާ ހުއްޓެވެ. ފަތިސް ނަމާދު ބަންގި އެލާރޓުން ފޯނު ވައިބްރޭޓް ވާންފެށީވެސް އެވަގުތެވެ.

***

ހެނދުނުގެ ހިތްގައިމު ވަގުތެވެ. ހޮޓެލުން ނިކުމެގެން އައިސް ރަހީލް ކާރަށް އެރުމާއެކު ބާރު ދުވެލީގައި ހޮޓެލްގެ ގޭޓުން ކާރު ނިކުމެއްޖެއެވެ. އެމަންޒަރު ބަލަން ދުރުގައި އޮތް ކާރުގައި އިން ހާރޫން އަވަސް އަވަހަށް ކާރުގެ ތެރެއިން ނިކުމެގެން ގޮސް އެ ހޮޓެލަށް ވަނެވެ.

( ނުނިމޭ )

މި ވާހަކަ ގެނެސްދެނީ އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *