އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރަކީ ވެސް މި ސަރުކާރުން ގެނެސްފައިވާ ހެލިކޮޕްޓަރުތަކެއް ނޫންކަމަށް ރާއްޖޭގެ ހާރިޖީ ވަޒީރު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ) ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މާލޭގައި ހުންނަ ސޯސަން ޖަގަހައިގައި ''އެންމެން މިކޮޅަށް - އަނިޔާވެރިކަމާދެކޮޅަށް'' ނަމުގައި ބޭއްވި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އެ ޖަލްސާގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި އެ ޕާޓީގެ ލީޑަރު، ޤާސިމް އިބްރާހީމްގެ ރަނިންމޭޓާއި އެ ޕާޓީގެ ގިނަ ބަޔަކު ރޭ ރައީސް ސޯލިޙަށް ތާއީދު ކުރިކަން ޢިއުލާންކޮށްފައެވެ. އަދި އެބޭފުޅުން ވަނީ އިންޑިއާއި ގުޅުވައިގެން ދެކެވޭވާހަކަ ރައްޔިތުންނަށް ސާފުކޮށް ދިނުމަށް އެދިވަޑައިގެންފައެވެ. އެހެންކަމުން މިޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ އިދިކޮޅުން އުޅެނީ ފިތުނަ ދޮލަނގަކަށް ލައިގެން އެ ވިއްކަން ކަމަށެވެ.
މިގޮތުން ރާއްޖޭގައި އޮންނަ އިންޑިއާގެ ދެ ހެލިކޮޕްޓަރާއި ގުޅުވައި އޭނާ ވިދާޅުވީ އެތަނުން ފުރަތަމަ ހެލިކޮޕްޓަރު ގެނައީ ރައީސް ނަޝީދުގެ ވެރިކަމު 2011 ވަނަ އަހަރުގައި ކަމަށެވެ. އަދި ދެވަނަ ހެލިކޮޕްޓަރެއް ރާއްޖެ ގެނައީ 2016 ވަނަ އަހަރު، ރައީސުލްޖުމްހުރިއްޔާ ކަމުގައި ރައީސް ޔާމީނުގެ ވެރިކަމުގައި ކަމަށެވެ.
"މި ދެ ހެލިކޮޕްޓަރު ގެނައުމާއި ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަކާ އެއްވެސް ގުޅުމެއް ނެތް، އޭގަ އަޅާފައި އޮތް ސޮއެއް އަޅާފައިވަނީ ކުރީގެ ސަރުކާރުތަކުން،" ޝާހިދު ވިދާޅުވި އެވެ.
އައްޑޫގައި އިންޑިއާ ސަރުކާރުން އަޅަމުންދާ ޕޮލިސް އެކަޑަމީއަކީ ވެސް ކުރީގެ ސަރުކާރަކުން އެއްބަސްވެގެން އަޅާފައިވާ އިމާރާތެއް ކަމަށާއި، އުތުރު ތިލަފަޅު އެއްބަސް ވުމުގައި ސޮއިކޮށްފައި އޮތީ ވެސް މި ސަރުކާރުން ނޫންކަމަށް ޝާހިދު ރޭގައި ވަނީ ވިދާޅުވެފައެވެ.
ނަމަވެސް އެކަންކަމާއި ގުޅުވައިގެން ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމަށް އިދިކޮޅުން ފަތުރަމުންދަނީ ނަފުރަތުގެ ދޮގު ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!