ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރު ކަމުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާ އެކު އެ ޕާޓީގެ ގިނަ މެމްބަރުންތަކެއް، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް މިރޭ ތާއީދުކު ރައްވައިފި އެވެ.
އެ ބޭފުޅުން ޕީޕީއެމާއި ގުޅިވަޑައިގެންފައި ވަނީ މިރޭ މާފަންނު، ގިރާވަރު ސަރަހައްދުގައި ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގައެވެ.
ކުރީގެ އެކި ސަރުކާރުތަކުގައި އިސް މަގާމުތަކެއް ފުރުއްވި ޖިހާދު ވަނީ ޕީޕީއެމަށް ސޮއިކުރައްވައި އޭނާގެ ފޯމު މުއިއްޒާ ހަވާލު ކުރައްވައިފަ އެވެ.
ޖިހާދާ އެކު ޕީޕީއެމަށް މިރޭ ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގައި ޕީޕީއެމްގެ ސަރުކާރުގައި ޔޫތު މިނިސްޓަރުކަމާއި ހެލްތު މިނިސްޓަރުކަން ކުރެއްވި އިރުތިޝާމް އާދަމާއި ވެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔާމީން ރަޝީދާއި މި ސަރުކާރުގައި ސްޓެލްކޯގެ އެމްޑީ ކަމާއި އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން އަދާކުރެއްވި ހަސަން މުޣުނީ ވެސް ހިމެނެ އެވެ.
މީގެ އިތުރުން ފިލްމީ ތަރި ރިޝްފާ ވެސް ވަނީ މިރޭ ޕީޕީއެމަށް ސޮއިކޮށްފަ އެވެ.
ރިޔާސީ އިންތިހާބުުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީން ވަކި ކޮޅަކަށް ނާރަން ނިންމާފައިވާއިރު އެޕާޓީގެ ގިނަ މެންބަރުން ދަނީ އިދިކޮޅު ކޯލިޝަނާއި ގުޅި ކެމްޕެއިން ހަރަކާތުގައި ބައިވެރިވަމުންނެވެ.
މީގެ އިތުރުން މިރޭ ވަނީ، ވެރިކަންކުރާ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙަށްވެސް ތާޢީދު ކުރައްވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!