ސޯޝަލް ވޯކަރުންގެ މުސާރަ ކުޑަވެއްޖެ ކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެއް ކަމަށް ޖެންޑާ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން މިގޮތަށް ވިދާޅުވެ، ނޫސްބަޔާނެއް ނެރުނީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރާއިގެ އޮނިގަނޑަށް ގެނައި ބަދަލުގެ ސަބަބުން ޖެންޑާ މިނިސްޓްރީގެ ސޯޝަލް ވޯކަރުންގެ މުސާރަ ކުޑަވެ، މުވައްޒަފުންގެ މެދުގައި އެކަމާ މެދު ކަންބޮޑުވުންތައް ހުރިކަމަށް ބުނެ ބައެއް މީޑިއާތަކުގައި އޮޅުންއަރާ ގޮތަށް ޚަބަރުތައް ފަތުރަމުންދާތީއެވެ.

Ad
rt

އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ވިދާޅުވީ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތުގެ ތެރެއިން އިޖްތިމާއީ ހިދުމަތް ދިނުމުގެ ދާއިރާގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އުޖޫރައާ މެދު ޒާމާނުއްސުރެ އޮތް ކަންބޮނޑުވުމަށް ހައްލު ގެނައުމަށް އިޖްތިމާއީ ހިދުމަތްތެރިންގެ ޕްރޮފެޝަނަލް އޮނިގަނޑެއް އެކުލަވާލައި، މި ސަރުކާރުން ވަނީ އެމީހުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެނެސްދީފައި ކަމަށެވެ.

އެ ބަދަލާ އެކު، އިޖްތިމާއީ ހިދުމަތްތެރިންގެ ޕްރޮފެޝަނަލް މިންގަނޑުން ގިންތި ކުރެވޭ ފަންނީ ދާއިރާއެއްގެ ގޮތުގައި ބަލައިގަނެ ކަނޑައެޅިގެން ދިޔަ ކަމަށާއި އެފަދަ ފަރާތްތަަކަށް މީގެ ކުރިން އިތުރު ގަޑީގެ ފައިސާއާއެކު ލިބެމުން އައީ އެވްރެޖްކޮށް މަހަކު 15,000 ރުފިޔާ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

އެހެންނަމަވެސް އެމީހުންގެ މުސާރަ ގާތްގަނޑަކަށް 67 ޕަސެންޓް ކުރިއެރުމެއް ގެނެސް، އިތުރު ގަޑީގެ ފައިސާ އާ ނުލައި އެވްރެޖްކޮށް މަހަކު 21،585 ރުފިޔާ ލިބޭނެ ގޮތަށް ވަނީ ކަނޑައަޅާފައި ކަމަށް ވިދާޅުވިއެވެ.

އެގޮތުން، އެ މިނިސްޓްރީގައި އިޖްތިމާއީ ހިދުމަތްތެރިންގެ ގޮތުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ޕޭ ހާމަނައިޒް ކުރެވި އާ އޮނިގަނޑަށް ހިޖުރަކުރުމާއެކު މި ދާއިރާގައި މަސައްކަތް ކުރަމުންދާ 137 މުވައްޒަފުންގެ މުސާރައަށް ހެޔޮބަދަލެއް އައިސްފައިވާ ކަމަށާއި އެމީހުންގެ މުސާރައަށް ގެނައި ހެޔޮ ބަދަލާއެކު ސިވިލް ސާވިސް ކޮމިޝަންގެ ޖީއެސް ރޭންކް 4 ގައި މަސައްކަތް ކުރާ 33 މުވައްޒަފުން ވަނީ ޕަބްލިކް ސާވިސް ރޭންކް 5 އަށް ބަދަލުކޮށްފައި ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޕަބްލިކް ސާވިސް ރޭންކް 5 ގައިވާ މުވައްޒަފުންގެ ތެރެއިން މިހާރު މި ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރަމުންދާ 10 މުވައްޒަފުންނަށް ޕްރޮފެޝަނަލް ސަނަދެއް ހާސިލްކުރުމާއެކު ވަޒީފާގެ ކުރިއެރުން ލިބިގެންދާނެ ކަމަށާއި މިރޭންކުގައި ބާކީތިބި 23 މުވައްޒަފުންނަށް ދާއިރާގެ ސަނަދެއް ހާސިލް ކުރުމުން ޕޭ ހާމަނައިޒް ކޮށް އާ އޮނިގަނޑަށް ފެތިގެންދާނެ ކަމަށް ވެސް އެ މިނިސްޓްރީން ފާހަގަކުރައްވައެވެ.