ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް (އެސްޖީ)ގެ މަގާމަށް އެ ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމުގައި ހުންނެވި އަޒްލީން އަހްމަދު މިއަދު ހަމަޖައްސައިފިއެވެ.
އަޒްލީން އެ މަގާމަށް ހަމަޖެއްސީ ކުރިން އެ މަގާމުގައި ހުންނެވި ކެލާ ދާއިރާގެ ކުރީގެ މެންބަރު ޢަލީ އާރިފް މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ.
ރައީސް ޔާމީންގެ ދައުރުގައި ހޯމް މިނިސްޓަރުގެ މަގާމާއި، އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރެއްވި އަޒްލީން ޖޭޕީގެ އެސްޖީގެ މަގާމަށް އައްޔަނުކުރެއްވިކަން ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް މިއަދު ޖޭޕީގެ ކައުންސިލް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވާ ކަމަށް ޖޭޕީގެ ބައެއް ކައުންސިލް މެންބަރުން ވަނީ ކަށަވަރުކޮށް ދެއްވާފައެެވެ.
ޖޭޕީގެ އެސްޖީގެ މަގާމުގައި ކުރިން ހުންނެވި ޢަލީ އާރިފަކީ އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް، މާލޭ މޭޔަރު ޑރ. މުޢިއްޒުގެ ޢާއިލީ ބޭފުޅެކެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީން ޢަމަލުކުރާނެ ގޮތެއް ނިންމަން އިއްޔެ ބޭއްވި ކައުންސިލް ބައްދަލުވުމަށްފަހުގައެވެ.
މިކައުންސިލް ބައްދަލުވުމުން ނިންމާފައި ވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީން އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!