މިނިވަންކަން ދަމަހައްޓަދޭނީ އަނެއްކާ ވެސް ތިލަދުންމަތީގެ ދަރިއެއް: މޮސްޓާ

mosta

ދިވެހި ރާއްޖޭގެ މިނިވަންކަން އަނެއްކާ ވެސް ދަމަހައްޓަދޭނީ ތިލަދުންމަތީގެ ދަރިއެއް ކަމަށްވާ ޑރ. މުހައްމަދު މުޢިއްޒު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ބޮޑު ތިލަދުންމައްޗަށް މުއިއްޒު ކުރައްވާ ދަތުރުފުޅުގައި މޮސްޓާގެ އުފަން ރަށް ނޮޅިވަރަންފަރުގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މޮސްޓާ ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ގެއްލޭ ކޮންމެ ފަހަރަކު އެކަން ހައްލު ކޮށްދެއްވަނީ ބޮޑު ތިލަދުންމަތީގެ ދަރިއެއް ކަމަށާއި ބަދަލެއް ބޭނުން ކޮންމެ ފަހަރަކު ރާއްޖެ ބަދަލު ކޮށްދިނީ ބޮޑު ތިލަދުންމަތީގެ ދަރިން ކަމަށެވެ.

އެގޮތުން އުތީމު ބޮޑު ތަކަުރުފާނާއި ކުޅުދުއްފުށީ ހުސެން އާދަމް ވެސް އެއީ މިފަދަ ދަރިންތަކެއްކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ އިރާދަކުރެއްވިއްޔާ މި ގައުމުގެ، އަޅުގަނޑުމެންގެ މިނިވަންކަން އަނެއްކާ ވެސް ދަމަހައްޓަދޭނީ ތިލަދުންމަތީގެ ދަރިއެއް ކަމަށްވާ ޑރ. މުޢިއްޒު ކަމަށެވެ.

މީގެ އިތުރުން ގައުމީ ދުވަހެއް ދިވެހިންނާއި ކުރިމަތިވެ ނިމިގެންދާއިރު، ހަގީގީ މާނައިގައި ގައުމިއްޔާތެއްގެ ބާރުވެރިކަން ހޯދަން ޖެހިފައިވާ ކަމަށާއި އެކަން ކުރެވޭނީ ބޮޑު ތިލަދުންމަތީގެ ދަރީން މިނިވަންކަމުގެ ދިފާއުގައި މީގެ ކުރިން ވެސް ދެއްކި ހިތްވަރު ދައްކައިގެން ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެކަން ކުރަން މިފަހަރު ވެސް ނިކުމެ ހުރީ ތިލަދުން މަތީ ދަރިއެއް ކަމަށެވެ.

މޮސްޓާ އިތުރަށް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމަށް އަސަރު ކުރާ ކަންކަން ހިންގުމުގައި އިންޑިއާގެ އަތެއް އަބަދު ވެސް ވާ ކަމަށާއި ރާއްޖޭގެ މައްޗަށް އެގައުމުގެ ނުބައި ނަޒަރެއް އަބަދު ވެސް އޮންނަކަމަށެވެ.

އެހެންނަމަވެސް މި ރިޔާސީ އިންތިހާބު، މުއިއްޒު ކާމިޔާބު ކުރައްވައިފިނަމަ ކުރިޔަށް އޮތް ފަސް އަހަރުގެ ތެރޭގައި އެ ހުރިހައި ކަމަކަށް ނިމުން އަންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އެ ރަށުގެ ރައްޔިތުން ބޭނުންވި އެތައް ތަރައްގީގެ ޕްރޮޖެކްޓެއް އޮތީ ކުރިޔަށް ނުގޮސް މަޑުޖެހިފައި ކަމަަށާއި ރައްޔިތުންގެ އަޑުއަހައި، މަޝްވަރާގެ މަގުން ކުރިއަށް ދިއުމަށް މިސަރުކާރުން ކުރާ އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ވެސް މޮސްޓާ ވަނީ ތުހުމަތު ކުރައްވާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި